ހަބަރު

ޖީއޭއެމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

Sep 4, 2019

ގެސްޓްހައުސް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް (ޖީއޭއެމް) ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް މިއަދު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒް އެވެ. އަދި ޖީއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓުން ކަމަށްވާ މޫސާ ނާސިހާއި އަހުމަދު އަމްޖަދެވެ. އެލައިޑާއެކު އެއްބަސްވެފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

ޝަފާޒް ވިދާޅުވީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ ގެސްޓް ހައުސް ވިޔަފާރި ކަމަށާއި މިދާއިރާ ކުރިއަރައިގެން އަންނަ އިރު ގެސްޓްހައުސްތަކަށް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ އެންމެ ބޮޑު މަގުސަދު ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ހުރިހާ ޖީއޭއެމްގެ މެންބަރުންނަށް ތަފާތު އިންޝުއަރެންސް ޕެކޭޖްތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމާއި ހާއްސަ ޕެކޭޖްތައް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މޫސާ ނާސިހު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ އެސޯސިއޭޝަނަށް ވަރަށް ގިނަ ފައިދާތައް ލިބިގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާވާ ޕްރޮގްރާމްތަކުގައި އެލައިޑާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖީއޭއެމް އިން އެއެސޯސިއޭޝަންގައި ރެޖިސްޓާވެފައިވާ ފަރާތްތަކަށް އެލައިޑުން ފޯރުކޮށްދޭ "ގެސްޓްހައުސް އިންޝުއަރަންސް" މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއްގެ އަމަލީ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.