ހަބަރު

ރިލްވާން މަރާލުމަކީ މީޑިއާއަށް ދިން ހަމަލާއެއް: އެމްއެެމްސީ

Sep 4, 2019
5

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، އޭނާ މަރާލި މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައިފި އެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ރަހީނުކޮށް ކަނޑު އުޅަނދަކަށް އަރުވައި އޭނާ މަރާލައި ވަނީ ކަނޑު ފައްތާފަ އެވެ.

އެކަމާ ގުޅިގެން އެމްއެމްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން މަރާލުމަކީ އެންމެހާ ނޫސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭ ގޮތުން މުޅި މުޖުތަމައަށް އޮތް ނުރައްކަލަކާއި، ބިރުވެރިކަމެއް ކަމަށެވެ. ދުރާލާ ރާވައިގެން ރިލްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމަށެވެ. އެހެންކަމުން މީޑިއާއަށް ދެވޭ މިފަދަ ހީލަތްތެރި ހަމަލާތަކާ މެދު މީޑިއާ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ހާލު، މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"މިނިވަން މީޑިއާގެ ވެއްޓެއް ގާއިމްކޮށް މީޑިއާއަށް ހުރި ހުރަސްތައް ނައްތާލުމުގެ ޒިންމާ އަދާކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން މީޑިއާ ކައުންސިލުން ދެކެނީ، މިއީ ރާއްޖޭގެ މީޑިއާގެ ކުރިމަގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ކަމެއްގެ ގޮތުގަ، އަދި ރިލްވާންގެ އާއިލާއިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި އާދޭސްކުރަމުން ދިޔައިރު ވެސް، މުއައްސަސާތަކުން ކަމުގެ ހަގީގަތް އެނގިތިބެ އެކަން ސިއްރުކޮށް ކަމުގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުމަކީ މުޅި އާއިލާއަށް ލިބުނު އިތުރު ހިތްދަތިކަމެއް ކަމުގައި ދެކެން،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ރިލްވާން ރަހީނުކޮށް މަރާލުމުގެ އަނިޔާވެރި ހާދިސާ ހިނގުމުގައި ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ރިޕޯޓުން ފާހަގަވެފައި ވާތީ، އެކަމަކީ ކައުންސިލުން އިންތިހާއަށް ލަދުގަންނަ އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ. ކައުންސިލުން ގޮވާލަނީ، ނޫސްވެރިޔާ ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމާއި ހައްދުފަހަނައަޅާފައިވާ މިފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްކުރުމެއް ނެތި، އަޅާނެކަމުގެ ޔަގީންކަން ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ރައްޔިތުންނަށް ދިނުން ކަމަށެވެ.

"މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާއި، އިހުމާލުވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް މި ކައުންސިލުން ގޮވާލަން،
މި ފުރުސަތުގައި މި ކައުންސިލުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ އެންމެހާ ހުރަސްތައް ނައްތާލުމަށް ސީރިއަސް މަސައްކަތްތަކެއް ކަމާބެހޭ މުއައްސަސާތަކުން ކުރުމަށް ގޮވާލަން،" ބަޔާނުގައި ބުންޏެވެ.

ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް ދޭ އެކި އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް އަދި ނޫސްވެރިންގެ މަސައްކަތަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމްއެމްސީއިން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.

"ހަމަ އެހެންމެ ނޫސްވެރިންގެ ރައްކާތެރިކަމަށާއި، މިނިވަން މީޑިއާގެ ވެއްޓެއް ގާއިމުކުރުމަށް އަދި ނޫސްވެރިންގެ މަސައްކަތަށް ހުރި ހުރަސްތައް ނައްތާލުމަށް މި ކައުންސިލުން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އަރުވަން،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ނިންމާލަމުން ބުނީ ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށާއި، މިކަމާ ގުޅޭ ހަބަރާއި މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.