ދޮންކޭލަކީ ސިއްހަތަށް ގިނަގުނަ ފައިދާ ލިބޭ އެއްޗެއްކަން އެންމެންވެސް ދަނެ އެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންވެސް އާއްމުކޮށް ދޮންކެޔޮ ކައި އުޅެ އެވެ. ދޮންކޭލުގެ ތެރެއިން މާޅޮސްކެޔޮ ދޮން ނުވަނީސް ރިހަ އާއި އެ ނޫންވެސް ތަފާތު ކާ އެއްޗެތި ތައްޔާރު ކުރަން ބޭނުން ކުރާއިރު ދޮންވެފައި ހުންނަ ކޭލުގައި ވެސް ތަފާތު ކާ އެއްޗެތި ތައްޔާރުކުރެ އެވެ.
ގިނަ ގައުމުތަކުގައި އޮރެންޖާއި އާފަލު ފަދަ އާއްމު މޭވާ ތަކަށްވުރެ ގިނަ ބަޔަކު ގިނައިން ކައި އުޅެނީ ދޮންކޭލެވެ. ކާލަން ފަސޭހަވެފައި މީރުވީމަ އެވެ. ދޮންކެޔޮ ކާން އެންމެ ރަނގަޅީ ރީތިކޮށް ދޮންވެ ތޮށިގަނޑުގައި ކަޅު ތިކިތައް ޖަހަން ފެށުމުން ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެގޮތުން ދޮންވެ ފައްކާވެފައި ހުންނަ ކޭލުގައި ކެންސަރުން ދިފާއުކޮށްދޭ މާއްދާތައް އެކުލެވެ އެވެ. އަދި ލޭ އިތުރު ކޮށްދީ ދިފާއީ ނިޒާމްގެ ބާރުގަދަކޮށްދެ އެވެ.
ބަނޑުހިކޭ މީހުންނަށް ކޮންމެ ދުވަހަކު ފާޚާނާ ކުރަން ފަސޭހައަކަށް ދޮންކެޔޮ ކެއުން ރަނގަޅެވެ. އަދި ލޭގެ ޕްރެޝަރު ދަށް ކުރުމަށް ވެސް ދޮންކެޔޮ ކެވިދާނެ އެވެ. ދޮންކޭލުގައި ސޯޑިއަމް ލެވެލް ހުންނަލެއް ދަށް ކަމުން ހިތުގެ ސިއްހަތު ރަނގަޅުވެ އެވެ. ގޮހޮރުގެ ފާރަށް ވެސް ދޮންކޭލުން ފަރުވާ ލިބެ އެވެ. އަދި ހުން އައިސްފި ނަމަ ހުން ގަދަވިޔަ ނުދީ ކޮންޓްރޯލް ކުރުމަށް ވެސް ދޮންކޭލުން އެހީތެރިކަން ލިބެ އެވެ.
ވަކިން ޚާއްސަކޮށް ޑިޕްރެޝަންގެ މައްސަލަ ދިމާވުމުން ދޮންކެޔޮ ކެއުމުން ލިބޭ ފައިދާ ފާހަގަ ކޮށްލަން ޖެހެ އެވެ. ސިކުނޑިއަށް ލުއިކަން ގެނެސްދޭ ބައެއް މާއްދާތައް ވެސް ދޮންކޭލުގައި ހިމެނޭތީ އެވެ. ކަސްރަތުކުރަން ފެށުމުގެ ގަޑިއެއް ދެ ގަޑިއެއް ކުރިން ދޮންކެޔޮ ވަކެއް ނުވަތަ ދެ ވައް ކާލުމުން ކަސްރަތު ކުރާނެ ހަކަތަ ހަށިގަނޑުގައި އުފެދޭނެ އެވެ.
ދުވާލަކު ދެ ވައް ދޮންކެޔޮ ކެއުމަށް ތަޖުރިބާކާރުން ލަފާ ދެނީ މިހާ ގިނަ ފައިދާތައް ދޮންކޭލުގައި އެކުލެވޭތީ އެވެ.