ކުޅިވަރު

ވޮލީގެ ނޯމަލަޒިން ކޮމިޓީ އެފްއައިވީބީން ބަލައިނުގަތް

ވޯލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އެކްސްކޯ އުވާލުމަށް ފަހު ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން، ވީއޭއެއެމްއަށް އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ފެޑްރޭޝަން (އެފްއައިވީބީ) ން ބުނެފި އެވެ.

ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމް (ބޮޑު ހިނާ) ގެ އިސްނެންގެވުމުގެ މަތިން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލީ، ލަތީފުގެ އެކްސްކޯއާ މެދު ޔޫތު ސްޕޯޓްސް މިނިސްޓްރީން، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅި މައްސަލަތާ ގުޅިގެން ތަކާ ގުޅިގެން އެމައްސަލަތައް ހައްލު ކުރުމަށް ފަހު އަލުން އިންތިހާބެއް ބޭއްވުމަށެވެ. އެގޮތުން ބޮޑު ހީނާގެ އިސްނެންގެވުމުގެ މަތިން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލެއްވި އެވެ. އެ ކޮމިޓީގެ ޗެއާމަން އަކީ ބާސްކެޓްބޯލް އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި އަބްދުﷲ އާމިރު އެވެ.

އެފްއައިވީބީގެ ޖެނަރަލް ޑައިރެކްޓާ ފަބިއޯ އެޒެވޭޑޯ ސޮއިކޮށް، ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެފްއައިވީބީގެ އަސާސީ ގަވާއިދުގެ 1.6.4 ގެ މާއްދާގެ ދަށުން ދައުރުގެގެ މެދުތެރެއިން އެއްވެސް މެންބަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ބަދަލު ކުރުމުގެ ބާރު ލިބިފައި ވަނީ ހަމައެކަނި އެ މެންބަރު އެސޯސިއޭޝަންގެ އިތުރުން އެފްއައިވީބީ އަށް ކަމަށެވެ.

"އެފްއައިވީބީން ބެލިބެލުމުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން ތަމްސީލު ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނޯމަލައިޒޭޝަން ކޮމިޓީއަށް ލިބިގެން ނުވެ އެވެ." އެފްއައިވީބީން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. "އަދި ރާއްޖޭގެ ވޮލީބޯޅަ އާއި ބީޗްވޮލީބޯޅަ ހިންގުމުގެ ހައްގުވެސް ނޯމަލައިޒޭޝަން ކޮމިޓީއަށް ލިބިގެން ނުވެ އެވެ."

އަދި ވީއޭއެއެމްގެ އޮފީހާއި އެ އެސޯސިއޭޝަން ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާ ހަވާލު ކުރުމަށްވެސް ސިޓީގައި ބުނެފައި ވެއެވެ. އެކަން ނުކޮށްފިނަމަ ވީއޭއެމްއަށް އެފްއައިވީބީގެ ސަސްޕެންޝަން އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެފްއައިވީބީގެ ސިޓީގައި ހާމަކޮށްފައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ، ވީއޭއެމްގެ މައްސަލަތައް އެފްއައިވީބީން ބަލަމުންދާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އޮލިމިޕިކް މޫވްމެންޓްގެ ޕްރިންސިޕަލްތަކަށް އިހްތިރާމް ކުރުމަށްވެސް ސިޓީގައި އެދިފައި ވެއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އެޅި ފިޔަވަޅަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ލަތީފް ސިވިލް ކޯޓަށް މައްސަލަވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ އެދުނު އަމުރު ނެރެ ނުދޭން ނިންމާފަ އެވެ.

ލަތީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެ ނިންމުމަކީ ކުޅިވަރު ގާނޫނާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވައިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެވެ. އޭނާ އެދިފައިވަނީ އެ ނިންމުމަކީ ބާތިލް ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ލަތީފް އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ އިންތިހާބުކޮށްފައިވާ ހިންގާ ކޮމެޓީގެ ދައުރު ގަވައިދުގައިވާ ގޮތުގެ މަތިން ހަމަނުވަނީސް އެ ކޮމެޓީގެ މެންބަރުން މަގޫމުން ދުރުކުރުމުގެ ސަބަބުން މެންބަރުންނަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބޭނެތީ އެވެ. އަދި މިހާރު ބައިވެރިވާާން ނިންމާފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވޮލީ ޓީމް ބައިވެރިކުރުމަށް ހުރަސްތައް އެޅިގެންދާނެ ކަމަށް ބުނެ އެވެ.

ލަތީފްގެ އެކްސްކޯ އުވާލި ފަހުން ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ގައުމީ ވޮލީ ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި މިދިޔަ މަހު ބޭއްވި އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަ ކޮށްފަ އެވެ.