ބޮލީވުޑް

ސާރާ އަލީ ޚާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް

ސާރާ އަލީ ޚާނަކީ މިހާރު ބޮލީވުޑްގައި އަލަށް ފިޔަ ޖަހަމުންދާ ތަރިންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގުބޫލު އެއް ބަތަލާ އެވެ. މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރީތާ ސިންގްގެ ދަރިފުޅު ސާރާއަކީ ކުޑައިރާއި ޓީންއޭޖް ދުވަސްވަރު ވަރަށް ފަލަކޮށް ހުރި ކުއްޖެކެވެ. ސާރާ ވަރަށް ފަހުން ވަނީ އޭނާގެ މަންމަ އާއެކު ފަލައިރު ނަގާފައިވާ ފޮޓޯއަކާއި މިހަރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ޕޯސްޓަކުން ދައްކާލާފައި ވެއެވެ. ބަރުދަން ލުއި ކުރުމަށް އޭނާ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅަށް މި ފޮޓޯއިން ހާމަވެ އެވެ.

ސާރާގެ މި ޕޯސްޓަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އޭނާގެ "ލަވަ އާޖް ކަލް 2" ގެ ކޯސްޓާ އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުފެތުރިފައިވާ ބަތަލު ކާރްތިކް އާރްޔަން އެވެ. ސާރާ ފަލައިރުގެ ފޮޓޯއަށް ކޮމެންޓް ކުރަމުން ކާރްތިކް ބުނެފައިވަނީ ފޮޓޯގައިވާ އަންހެންކުއްޖާ ސާރާ އާ ވަރަށް ވައްތަރު ކަމަށެވެ.

ކާރްތިކް ނޫނަސް ސާރާގެ ވަރަށް ގިނަ ފޭނުންގެ ސަމާލުކަމަށް ވެސް މިފޮޓޯ ވަނީ އައިސްފަ އެވެ.

ފިލްމު ކުޅެން ބޭނުންވެގެން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށުމުގެ ކުރީގައި ސާރާގެ ހަށިގަނޑުގައި 90 ކިލޯ ހުންނަ ކަމަށް ވެއެވެ. ބީބީސީއަށް ސާރާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެހާ ބޮޑަށް ފަލަވީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ފިލްމު ކުޅެން ފެށުމުގެ ކުރިން ހަތަރު އަހަރު ސާރާ ވަނީ ކޮލަމްބިއާ ޔުނިވަސިޓީން ތައުލީމު ހާސިލުކޮށްފަ އެވެ. ބަތަލާއަކަށް ވުމުގެ ޚިޔާލު އައީ އެ ޔުނިވަސިޓީގައި ކިޔެވި ދެ ވަނަ އަހަރު އެވެ. ބަރުދަން ލުއި ކުރެވުނީ އެމެރިކާގައި ކިޔެވި ފަހު އަހަރު ކަމަށް ސާރާ ބުނެފައި ވެއެވެ.

ސާރާ ކިޔަވާ ނިމިގެން އިންޑިއާ އަށް އައިސް ފުރަތަމަ ކުޅުނީ "ކެދާރްނާތު" އެވެ. ސުޝާންތު ސިންގް ރާޖްޕޫތާއެކު ކުޅުނު މިފ ފިލްމުން ސާރާއަށް ބެސްޓް ޑެބިއު އެވޯޑު ލިބުނެވެ. އަދި ފިލްމު ރަނގަޅު ކާމިޔާބެއް ވެސް ހޯދި އެވެ. އޭގެ ފަހުން އޭނާ ކުޅުނީ ރަންވީރު ސިންގް ބަތަލުގެ ބައި ކުޅުނު "ސިމްބާ" އެވެ. މި ފިލްމު ވެސް ވީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

މިހާރު ސާރާ ވަނީ ކާރްތިކް އާއެކު ކުޅެފައިވާ "ލަވް އާޖް ކަލް 2"ގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ. އަދި މިހާރު ޝޫޓް ކުރަމުން ދަނީ "ކޫލީ ނަންބަރު 1" ކިޔާ ފިލްމެކެވެ. ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކީ ވަރުން ދަވަން އެވެ.