ލައިފްސްޓައިލް

ކާޅުތަކެއް ހަމަލަދޭތީ ދިރިއުޅުން މުސީބާތަކަށް ވެފައިވާ މީހެއް!

ޝިވާ ކަވަތު ކިޔާ އިންޑިއާ މީހަކަށް ފާއިތުވީ ތިން އަހަރު ކުރަން ޖެހިފައިވަނީ ވަރަށް އާދަޔަޚިލާފު ހަނގުރާމަ އެކެވެ. އޭނާ ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ކާޅުތަކެއް އައިސް އޭނާއަށް ހަމަލާދީ ވަކިއަޅާ ކޮށާ ހަދާތީ އެވެ.

އޭނަ ބުނި ގޮތުގައި ކާޅުތައް އޭނާއަށް ހަމަލާދޭން ފެށީ ދަގަނޑު ވަޔަރެއްގައި ހައްޔަރުވެފައި އިން ޅަ ކާޅެއް ސަލާމަތް ކުރަން އޭނާ މަސައްކަތް ކުރަނިކޮށް އޭނާ އަތުން އެ ކާޅު މަރުވުމުންނެވެ. އެހިސާބުން ކާޅުގެ ބޮޑު ގްރޫޕެއް އޭނާއާ ހަމަލަ ދޭން ފެށި އެވެ. އަދި ކާޅުތައް އަބަދުވެސް އޭނާއަށް ފާރަލައި ފާއިތުވީ ތިން އަހަރު ދިރިއުޅެން ދަތިކޮށްފައިވާ ކަމަށް ޝިވާ ބުންޏެވެ.

"އަހަރެން އޭތި ސަލާމަތްކޮށް ދޭން މަސައްކަތް ކުރަނިކޮށް އޭތި މަރުވީ އަހަރެންގެ އަތްމަތީގައި. އަހަރެން ކިހިނެއް ކާޅުތަކަށް އެ ވާހަކަ ބުނެދޭނީ. އަހަރެން އުޅުނީ ހަމައެކަނި އެ ކާޅަށް އެހީވާން،" އިންޑިއާގެ ނޫހަކަށް އިންޓަވިއު ދެމުން ޝިވާ ބުންޏެވެ. އޭރު ވެސް އޭނާ ހުރީ ކާޅުތައް ހަމަލައަށް އާދޭތޯ މައްޗަށް ބަލަބަލަ އެވެ.

ބަދަލުހިފުމުގެ ގޮތުން ޝިވާ އަށް ހަމަލަދޭ ކާޅުތައް އެހެން އެއްވެސް މީހަކަށް ހަމަލާއެއް ނުދެ އެވެ. ކާޅުތައް ވަނީ ޝިވާ ވަރަށް ރަނގަޅަށް ފާހަގަކޮށް އޭނާއަކީ އެ ސޮރުމެންގެ ދުޝްމަނެއްކަމަށް ބަލައިގެންފަ އެވެ.

ޝިވާ ގެއިން ބޭރަށް ނުކުތުމާއެކު ކާޅުތައް އައިސް އޭނާއަށް ހަމަލާދީ ގައިގެ ތަންތަން ނޮޅާލަ އެވެ. އޭނާއަށް އެތައް ފަހަރަކު މި ހަމަލާތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ބޮލާއި ގައިގެ އެތަން މިތަނުގައި ޒަޚަމްތައް ލާފަ އެވެ.
ކާޅުގެ ހަމަލާތައް ޝިވާއަށް ކުރިމަތިވާކަން ނޫސްވެރިންގެ ސަމާލު ކަމަށް އައީ ފްރީލާންސް ޖާނަލިސްޓަކަށް މި ވާހަކަ އިވިގެން ޝިވާ ހޯދައި އޭނާއަށް ކާޅުތައް ހަމަލަދޭ މަންޒަރު ވީޑިއޯ ކުރުމުންނެވެ.

ބޯޕާލްގެ ބަތަކާތުއްﷲ ޔުނިވަސިޓީގެ ޕްރޮފެސަރަކު ވިދާޅުވި ގޮތުގައި އެސޮރުމެންނަށް ގެއްލުންދޭ މީހުން ކާޅުތައް ފާހަގަ ކުރާނެ އެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ހަމަލަދޭނެ އެވެ. އަދި ކާޅުތައް ރާވައިގެން މީހުންނަށް ހަމަލަދޭ ކަމަށް ވެސް ވިދާޅުވި އެވެ.