މުޅި ރާއްޖެ ސާފު ކުރުމުގެ މަޝްރޫއެއް ހިންގަން ރާވާފައިވާ ކަމަށާއި އެ މަޝްރޫއު ހިންގާނެ ގޮތުގެ އޮނިގަނޑު ފަރުމާކޮށް ނިމިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހުސައިން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަމާބު ދެއްވަމުން ވިދާޅުވީ ކުނި ގިނަވުމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އެ ކަން ހައްލު ކުރުމުގެ ގޮތުން މުޅި ރާއްޖެ ސާފުކޮށް ކުނި ނެގުމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕްރޮގްރާމް ފެށޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.
"މިހާރު މުޅި ރާއްޖޭގައި ހުރި ކުނިތައް ސާފު ކުރުމުގެ ކަންކަން ބިޑު ކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. އެ ބިޑްތައް އިއުލާން ކުރެވުނީމަ ހުރިހާ އަތޮޅުތައް ވަކިވަކިން އެ ރަށްރަށުގައި ހުރި ކުނިތައް ނަގައި ސާފު ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި އިތުރަށް ކުނި ނުއެފެދޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ނަރުދަމާގެ ނިޒާމުން އުފެދޭ ނަޖިސްތަކުގެ މައްސަލަ ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި މިހާރު އޮތް ނަރުދަމާގެ ނިޒާމަކީ މާލޭގެ އާބާދީއަށްވުރެ ކުޑަ އާބާދީއަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ނަރުދަމާގެ ނިޒާމެއް ކަމަށެވެ.