ޑރ. ހުސައިން ރަޝީދު ހަސަން

ކުނީގެ މައްސަލައަށް އަންނަ އަހަރު ދާއިމީ ހައްލު ހޯދޭނެ: މިނިސްޓަރު

ރަށްރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި އެ އިންވެސްޓްމަންޓް ހިމަނައިގެން އެ މަސައްކަތް ފެށިގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން މަޖިލިހަށް ހާޒިރުވެވަޑައިގެންނެވިއިރު، މަޖިލީހުގެ ގިނަ މެންބަރުންގެ ސުވާލު އަމާޒު ކުރެއްވީ އެ މެންބަރެއްގެ ދާއިރާގައި ހިމެނޭ ރަށްރަށުުގެ ކުނި މެނޭޖް ކުރުމަށް ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުން އެ ކަމާ ގުޅޭ ގޮތުންނެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުނި މެނޭޖް ކުރުމަށް އެކަށީގެންވާ އިންވެސްޓްމަންޓެއް ސަރުކާރުން ކުރެވިފައި ނުވާތީ ކުނީގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ހުރިހާ ރަށެއްގައި ކުނި ނައްތާލަން ބޭނުންވާ ވަސީލަތްތަކާއެކު ކުނި ކޮށި ގާއިމު ކުރެވެމުންނެވެ. ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވި، ކުނި ނައްތާލެވެން ފެށޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ކުނިކޮށި ގާއިމު ކުރެވިފައިނުވާއިރު، ކުނިކޮށި ގާއިމު ކުރެވިފައި ހުރި ގިނަ ރަށްރަށުގައި ކުނި ނައްތާލަން ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށް ކުނި ނައްތާލާ ވަސީލަތްތައް ފޯރުކޮށްދެވިފައިވީ ނަމަވެސް އެ ވަސީލަތްތައް ބޭނުން ނުކުރެވޭ ހަލާތްތައް ދިމާވެގެން ބޭނުން ނުކުރެވި ހަލާކު ވެސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ރަށްރަށަށް ފޮނުވާފައިވާ ވަސީލަތްތައް ބޭނުން ނުކުރެވިގެން ވެސް ވަސީލަތްތައް ހަލާކު ވެގެން އެބަ ދޭ. އެ ގޮތުން ލަކުޑި ޗިޕަރު ހޯދާފައި ވަނީ ތިން ފޭސްގެ ކަރަންޓު ބޭނުން ކުރާ ގޮތަށް. ނަމަވެސް އެ ރަށެއްގައި އެ ވަސީލަތްތައް ބޭނުން ކުރެވޭ ވަރުގެ ކަރަންޓުގެ ހިދުމަތެއް ނުލިބޭ." މިނިސްޓަރު ހުސައިން ވިދާޅުވި އެވެ.

ރަށްރަށުގައި ގާއިމު ކުރާ ކުނި މެނޭޖް ކުރާ ކޮށިތަކުގައި ޕްލާސްޓިކްގެ ބާވަތްތައް ނައްތާލަން ޝްރެޑަރަކާއި، ބިއްލޫރީގެ ބާވަތްތަކަށް ގްލާސް ކްރަޝަރަކާއި، ލަކުޑީގެ ބާވަތްތަކަށް ވުޑް ޗިޕާއެއްގެ އިތުރުން ދަގަނޑުގެ ބާވަތްތަކަށް މެޓަލް ކޮމްޕެޓާސް ހުންނަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނައިގެން އެ އަހަރު ތެރޭގައި ކުނިކޮށި ނެތް ރަށްރަށުގައި އެ ގާއިމު ކުރުމުގެ މަސައްކަތް ފަށާނަން. ގްރީން ޓެކްސްއިން ލިބޭ ފައިސާ ވެސް ކުނި މެނޭޖް ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.