(3 ސެޕްޓެމްބަރ 2019 އާ ގުޅޭ)
"އައި މިސްޑް ޔޫ... ޕްލީޒް ޕިކް އަޕް" ރިންގުވަމުންދިޔަ ކޯލު ލިއަމް ބިޒީ ކޮށްލުމުން ހޭޒަލްއަށް ބުނެވުނެވެ. މިވަގުތު އޭނާ އެ އިނީ ލިއަމްގެ އަޑުއަހާލަން ނުހަނު ބޭނުންވެފައެވެ.
ހޭޒަލްގެ ހިތް އެދުނަސް، ހިތް އެދޭހާ ގޮތަކަށް ކަންކަމެއް ނުވިއެވެ. ފޯނުކޯލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލިއަމްގެ ފަރާތުން ލިބުނީ މީޓިންއެއްގަ އިންކަމުގެ މެސެޖެކެއެވެ. ކުއްލިއަކަށް ލިބުނު ނުތަނަވަސްކަމުގައި ހޭޒަލްގެ އަނގައިން ފޫހިކަމުގެ އަޑެއް ލައްވާލެވުނެވެ. އަދި ތަންކޮޅެއް ބާރަށް ކާމޭޒު މައްޗަށް ފޯނު ދޫކޮށްލި ގޮތުން ހީވަނީ ބޮޑަށް ހިތްހަމަނުޖެހިފައި އެ ހުރީ އެ ފޯނު ދެކެހެންނެވެ. އޭނާ ދެން އައިސް ފިނިފެންފުޅިއެއް ނެގިއެވެ. އެއިން ފެންފޮދެއް ތަށްޓަކަށް އަޅައި އެތި ފޮދެއް ބޯލުމަށްފަހު ނިތްކުރީގައި ފެންތަށި ޖައްސާލިއެވެ. ފިނިކަމުގެ އިޙްސާސް ކުރެވުމުން ހޭޒަލްއަށްވީ އަރާމެވެ. ހަށިފުރާ ފުންނޭވާއެއް މަޑުމަޑުން ލީ ނަފްސު ހަމައަކަށް އަޅުވަމުންނެވެ. ހޭޒަލްއަކީ ރުޅި ގަދަ މީހެއްނޫނެވެ. ރުޅި އަންނަ ކަންކަން ދިމާވިނަމަވެސް ރުޅި ކޮންޓްރޯލު ކުރަން އޭނާ ދަނެއެވެ. ޚާއްޞަކޮށް ލިއަމްއަށް ރުޅި މޫނު ދައްކައިގެން ގިނައިރަކު އޭނާއަކަށް ނުހުރެވެއެވެ.
ފެންފޮދު ބޯލައިގެން ހޭޒަލް ކުރަން ހުރި މަސައްކަތަށް އެނބުރިލިއެވެ. އޭނާ ގަނެގެން ގެނައި ސާމާނު އެކި ތަންތަނަށް ލުމަށްފަހު ތައްޔާރު ކުރަން އުޅުނު ސެލެޑުގެ މަސައްކަތް ފެށިއެވެ. އެކަން ނިންމާލައި ބަދިގެއާއި ސިޓިންރޫމު ސާފުކޮށްފައި ހޭޒަލް ވަނީ ކޮޓަރިއަށެވެ. އޭރު މެންދުރު އެކެއް ޖަހައިފިއެވެ.
ފެންވަރާލައިގެން ނުކުމެ މެންދުރު ނަމާދުކޮށްލައިގެން ހޭޒަލް ކޮޓަރިން ނުކުތް އިރު ވެސް އެޕާޓްމެންޓުގައި އޮތީ އަބަދުމެ އޮންނަ ހިމޭންކަމެވެ. ކޮޓަރި ދޮރުމަތީ އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު އެނބުރި ކޮޓަރިއަށް ހޭޒަލް ވަނީއެވެ. ފޫހި ކަމާއެކު އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ފޯނު ބަލާލަން ހިތަށް އެރުމާއެކު ފޯނު ކާމޭޒުމަތީ ބޭއްވުނު ގޮތަށް އެ ނުގެންނަންކަން ހޭޒަލްއަށް ހަނދާންވީ ދެނެވެ. އެހެންވިޔަސް އެ ނަގަން ދާން މިފަހަރު ހޭޒަލްއަށްވީ ބުރައަކަށެވެ. އެހެންވެ އެނދުގައި ހަމަޖެހިލައި ލޯ މަރާލީ ޚިޔާލުތަކާއި ފިކުރުތަކާ ދުރުވެވޭނެ ގޮތަކީ ނިދާލުން ކަމަށް ހޭޒަލްއަށް ވިސްނިގެންނެވެ. ނަމަވެސް ލޯ މަރާލައިގެން އޮވެ ނުނިދި ހޭދަވަމުންދިޔަ ވަގުތާއެކު އޭނާއަށް ސިފަވަމުން ދިޔައީ ސައިފްއާއެކު ހޭދަވި ދުވަސްތަކެވެ. އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުމާއި ދެމެދުގައި އޮތް ގުޅުން ހޭޒަލްއަށް ނިންމާލަން ޖެހުނު ގޮތެވެ.
ހޭޒަލްއަށް މިހާރު ލިއަމް ކިތަންމެ މުހިންމު ވެފައި އޭނާދެކެ ނުހަނު ލޯބިވީ ނަމަވެސް އެއީ ހޭޒަލްގެ އަލަތު ލޯތްބެއް ނޫނެވެ. ލިއަމްއާ ރައްޓެހިވެގެން އެހާ ގިނަ ދުވަހަކު ނޫޅެއެވެ. ފުރަތަމަ ލިއަމް ފެނި ހޭޒަލްއަށް މާބޮޑު ގޮތްތަކެއް ވެސް ނުވިއެވެ. އެކަމަކު ލޯތްބަކީ ކޮބައިކަމާ އެ ޖަޒުބާތުގައި ހުރި ފޮނިކަމާއި ހިތިކަމަށް ހޭޒަލްގެ ނަފްސު ހުޅުވާލަދިން ޒުވާނަކީ ސައިފެވެ. ހޭޒަލްއަށްވުރެ އުމުރުގެ ގޮތުން ސައިފު ހަތަރު އަހަރު ދޮށްޓެވެ. ސައިފްއާ ހޭޒަލް ރައްޓެހިވީ ވަރަށް ޅައުމުރުގައެވެ. އުމުރުން އެންމެ ސާދަ އަހަރުގައެވެ. އޭރު ސައިފު ވެސް އުޅެނީ ކިޔަވާށެވެ. ހޭޒަލްއަކީ ރަޙުމަތްތެރިންނާއެކު ތަންތަނަށް ދިއުމުގެ މިނިވަންކަން ޢާއިލާގެ ފަރާތުން ލިބިފައިވާ އަންހެންކުއްޖަކަށްވާތީ ސައިފްއާ ބައްދަލުކުރުން އޭނާއަށް އުނދަގުލެއްނޫނެވެ. ސައިފްއާއި ހޭޒަލްގެ ދެމެދުގައި މައްސަލަ ޖެހެން ފެށީ ދެމީހުންގެ ގުޅުމަށް އަހަރުވީ ފަހުންނެވެ. ސައިފް ކަންކަމުގައި ހޭޒަލްއަށް ދޮގު ހަދާ އޮޅުވާލަނީއެވެ. އެހެން އަންހެންކުދީންނާ ގުޅުން ބަދަހިކޮށް ގާތްކަން ބާއްވަނީއެވެ. ބައެއް ރަޙުމަތްތެރީންގެ ފަރާތުން ސައިފް ބުންޏޭ ކިޔާ އެކިއެކި ވާހަކަތައް ވެސް އަޑުއިވެނީއެވެ. ގުރޭޑު ދިހައެއް ނިމެންވީއިރު ސައިފްއާއި ހޭޒަލްގެ ގުޅުން ހަ ފަހަރަށް ކެނޑުނެވެ. އެގޮތުގައި ކުޑަ ދުވަސްކޮޅެއް ވާއިރަށް އަލުން ސައިފް އައިސް ހޭޒަލް ގާތު ވަރަށް އާދޭސް ކުރެއެވެ. އެއިން ކޮންމެ ފަހަރަކު ސައިފްއަށް ހޭޒަލްގެ ހަޔާތުން ފުރުޞަތު ދިނެވެ. ނަމަވެސް ސައިފްގެ ފަރާތުން ހޭޒަލް ބޭނުންވި ސީރިއަސްކަމެއް ނުފެނުނެވެ. އޭރު ހޭޒަލްއާއި ލިއަމް ބައްދަލުވެ ކުދިކުދި އިޝާރާތް ލިއަމްގެ ފަރާތުން ލިބެން ފަށައިފިއެވެ. ސައިފް ކަންތައްކުރި ގޮތުން ވެފައި ހުރި ފޫހިކަމުގައި ލިއަމްގެ އިޝާރާތްތަކަށް ވެސް ހޭޒަލް މޫނު އަނބުރާލީއެވެ. އޭރު ސައިފްގެ ސަބަބުން ހޭޒަލްގެ ހަމަޖެހޭ ދިރިއުޅުން ބޮއްސުންލައިގެން ހިނގައްޖެއެވެ. ދެރަވެގެން އުޅެންޖެހޭ ކަންކަން ގިނައެވެ. އެހެންވެ އޯލެވެލް އިމްތިހާނަށް ތައްޔާރުވާން ފެށީ ސައިފްއާ އެއްކޮށް ގުޅުން ކަނޑާލުމަށްފަހުއެވެ. ދެން ދުވަހަކުވެސް ސައިފްއާ ނުގުޅޭނަންކަން ހޭޒަލް ނިންމީ އެ ފަހަރުއެވެ. ލިއަމްއަށް ހޭޒަލް ފުރުޞަތެއް ދިނީ އޭލެވެލް ހަދަން އުޅެމުންނެވެ. އޭނާއާ ބައްދަލުވެ ހޭޒަލްއަށް ލޯބިނުވެވުނަސް ސައިފްގެ ފުށުން އިޙްސާސް ކުރެވުނު ގޮތާ ލިއަމް މުޅިން ތަފާތުވިއެވެ. ލިއަމްވީ ހީކުރި ވަރަށްވުރެ ހަރުދަނާ ޒުވާނަކަށެވެ. އެފަދަ ޒިންމާދާރު މީހަކު ހަޔާތަށް އައުމަށް ހޭޒަލް ހުރީ ބޭނުންވެފައެވެ. ޢާއިލާއާ ބައްދަލުކުރަން ސައިފު ގޮތަށް ލިއަމް ޖެހިލުމެއްނުވިއެވެ. ދެމެދުގައި އޮތް ގުޅުން މީހުންނަށް އެނގިދާނޭތީ ދުވަސްތަކަކަށް އެކަމުގެ ވާހަކަ މީހުން ކައިރީ ނުދެއްކުމަށް ލިއަމް ޝަރުތެއްނުކުރެއެވެ. އެފަދަ ސިއްރުވެރިކަމެއް ލިއަމްގެ ނެތެވެ. މަޑުމަޑުން ހިތުގައި އުފެދެން ފެށި ލޯބި އިތުރަށް ފުންވީ ލިއަމް ކައިވެނި ކުރަން ބޭނުންވާކަން ހާމަކުރުމުންނެވެ.
ޚިޔާލުތައް އެއްފަރާތްކޮށްލަމުން ހޭޒަލް ނިތްކުރީގައި ވައަތުން ފިރުމާލިއެވެ. އަދި އަރިއަކަށް މީހާ ޖެހިލިއެވެ. އެގޮތުގައި ވެސް ގިނައިރަކު ނޯވެވުނެވެ. ވިސްނަން ބޭނުންނުވާ އެތައް ޚިޔާލުތަކެއް އޭނާގެ ސިކުނޑިއަށް ޖަމާވަނީއެވެ. އެހެންވެ ފުންމައިގެން އެނދުން ތެދުވެއްޖެއެވެ. ހަލުވިކޮށް ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަދެ ކާމޭޒުމަތީ އޮތް ފޯނު ނަގައިގެން އައިސް ސިޓިންރޫމުގައި ހުރި ސޯފާތަކުން ޓީވީއާ ކުރިމަތިވާހެން ހުރި ދިގު ސޯފާގައި އޮށޯވެލިއެވެ. އަތްފޯރާ ހިސާބުގައި ހުރި ކޮފީ މޭޒުމަތިން ރިމޯޓު ނަގައި ޓީވީ ހުޅުވާލިއެވެ.
* * * * * *
އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ލިއަމް އައިސް އެޕާޓްމެންޓަށް ވަނެވެ. ޓީވީގެ އަލި ފިޔަވައި އެތަނުގައި އިތުރު އަލިކަމެއް ނެތެވެ. ކުޑަދޮރުތަކުގެ ފަރުދާތައް ވެސް ދަމާފައި ހުރުމުން ވަކިން އަނދިރިކަމަށް ދައްކައެވެ. ބޮކި ދިއްލާލައި ޓީވީ ނިއްވާލަން ކަމަށް އައި ލިއަމްއަށް ސޯފާގައި ނިދިފައި އޮތް ހޭޒަލް ފެނުނެވެ. ސޯފާ ކައިރި ކާޕެޓު މައްޗަށް ވެއްޓިފައި އޮތް ހޭޒަލްގެ ފޯނު ވެސް ލޮލުގައި އަޅައިގަތެވެ. ހޭޒަލްއަށް ގޮވާލަން އުޅެފައި ވެސް ލިއަމްގެ ޚިޔާލު ބަދަލުވިއެވެ. ދެން ފެނުނީ އޭނާ ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަންތަނެވެ. އޭގެ އިރުކޮޅެއް ފަހުން ފެނުނީ ފެންވަރާލައިގެން ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ލިއަމް ކޮޓަރިން ނުކުމެގެން އަންނަ ތަނެވެ. މަޑުމަޑުން އައިސް ހޭޒަލްގެ ފައިކޮޅުގައި ސޯފާގަ ލިއަމް ފޫޖައްސާލިއެވެ. އޭނާ ހޭޒަލްއަށް ގޮވާލިއެވެ. ދެތިން ފަހަރަށް ގޮވާލުމާއެކު ހޭޒަލްއަށް ހޭލެވުނީ ލިއަމްގެ ފިނި އަތްތިލަ ކޯތާފަތުގައި ޖެހުމުންނެވެ.
"އަހަރެންނަށް ނިދުނީ... ކޮންއިރަކު އައީ..." ހޭޒަލް ތެދުވަމުން ބުންޏެވެ.
"ދެންމެ މިއައީ... ހޫނުވެފަ ހުރީމަ މިއައީ ފެންވަރާލައިގެން، ވަރަށް ބަނޑުހައި... ޒެއްލު ކައިގެންތަ ތިހުރީ" ލިއަމް އަހާލިއެވެ.
"ނޫން!... ހެނދުނު ތަންކޮޅެއް ފަހުން މިއަދު ސައިބުއި، ލިއަމް އައިމަ ކާން މިހުންނަނީ، ގަޑިން ކިހާއިރެއްވެގެންތަ އެއުޅެނީ... މަޣްރިބު ނަމާދަށް ގޮވީތަ؟ އަހަރެން އަދި އަސުރު ވެސް ނުކުރަން" ހޭޒަލް ފޯނު ހޯދަން އަވަސްވެލިއެވެ. އެއާއެކު ކާޕެޓުމަތިން ނެގި ފޯނު ލިއަމް ދިއްކޮށްލިއެވެ.
"އަދި ނުގޮވާ... ދޭ ޒެއްލު ނަމާދުކޮށްލައިގެން އަންނަން، އަހަރެން މިތާ މަޑުކޮށްލާނަން" ލިއަމް ބުންޏެވެ.
"ކާން ހަދާފަ ގޮސްދާނަމޭ" ފޯނުގައި ހިފަމުން ލިއަމްއަށް ބަލަން އިނދެ ހޭޒަލް ބުންޏެވެ.
"އޯކޭވާނެ... ހައެއް ޖަހައިފި، އެހާ ގިނައިރެއް ދެން ނެތެއްނު، ދޭ ނަމާދުކޮށްލައިގެން އަންނަން" ލިއަމް ބުންޏެވެ. އޭނާ ބަދަލުކޮށްލި ހިނިތުންވުން ހޭޒަލްގެ ނަފްސަށް ހަމަޖެހުން ގެނުވިއެވެ.
އަސުރު ނަމާދު ހޭޒަލްއަށް ކޮށްލެވުނީ ކިރިޔާއެވެ. އެނދުމަތީ ބާއްވާލި ފޯނުން މަޢްރިބު ނަމާދަށް ގޮވާ އަޑު އިވުނެވެ. އެހެންވެ ކޮޓަރިން ނުކުތީ މަޣްރިބު ވެސް ކޮށްގެންނެވެ. ބަދިގެއަށް އައިސް ހޭޒަލް ވަނުމުން އޭނާގެ ފަހަތުން ލިއަމް ވެސް އައިސް ވަނެވެ. ކާމޭޒުދޮށުގައި ހޭޒަލްގެ ހަރަކާތްތަކަށް ބަލަން ލިއަމް އިނީއެވެ. އެވަގުތު ހޭޒަލް ކިޔައިދިނީ މެންދުރު އެއްޗެހި ގަންނަން ފިހާރައަށް ދިޔަތަނާ ސައިފްއާ ދިމާވި ވާހަކައެކެވެ. ލިއަމްއަށް ސައިފްއާއި ހޭޒަލްގެ ދެމެދުގައި އޮތް ގުޅުން އެނގެއެވެ. އޭނާއާ ރައްޓެހިނުވެ އެހާ ގިނަ ދުވަހު ހޭޒަލް ހުރީ ކީއްވެކަން އޮޅުން ފިލުވައިދެމުން ސައިފުގެ ވާހަކަ ހޭޒަލް އޮތީ ލިއަމްއަށް ވަރަށް ކުރީން ކިޔާދީފައެވެ. ސައިފަށް އައިސްފަ ހުރި ބަދަލު ހޭޒަލް ބުންޏެވެ. އެހެންނަމަވެސް އޭނާގެ ފަހަތުން ގެއާ ހަމައަށް ސައިފް އައިކަމެއް ހޭޒަލް ނުބުނެއެވެ.
"އޭނާ އަދިވެސް ގޮތެއް ހުރޭ ދޯ" ލިއަމް ބުނެލީ ދިމާކޮށްލާ ފަދައިންނެވެ.
"އެކަމަކު ދެނެއްނުވާނެ... އެކަން ނިމުނުތާ ކޮންޒަމާނެއް، މި ހޭޒަލްއަކީ މިހާރު ލިއަމްގެ މީހެއް، ހަމައެކަނި ލިއަމްގެ" ހޭޒަލް ބުންޏެވެ. ލިއަމް ޖަހާލީ ހިނިގަނޑެކެވެ.
ހުރިހާ އެއްޗެއް މޭޒުމައްޗަށް ނެގިއްޖެކަން ޔަގީންވުމުން ކާމޭޒު ދޮށުގައި ހޭޒަލް އިށީނެވެ. ލިއަމް އަމިއްލަ ވާހަކައެއް ފެށީ އެވަގުތެވެ. އޭނާ ބުނަންވެފައި އޮތް ވަރަށް މުހިންމު ވާހަކައެއް އެބައޮތް ކަމުގައި ބުންޏެވެ. އެކަމަކު ކައި ނިންމާފަ ހަމަޖެހިގެން ތިބެ ވާހަކަދައްކާނީ ކަމުގައި ލިއަމް ބުންޏެވެ. ހޭޒަލް އިތުރަށް އޮޅުން ފިލުވަން އުޅުމުން ވެސް ލިއަމް އެވާހަކައެއް ނުދެއްކިއެވެ. ހަޤީޤަތުގައި ލިއަމް ދޭން އޮތް ޚަބަރުން ހޭޒަލްއަށް އަސަރުތަކެއް ކުރާނޭކަން އޭނާއަށް އެނގެނީއެވެ. އެވާހަކަ ހަމަޖެހިގެން ހޭޒަލްއާ ދައްކަން ލިއަމް ނިންމީ އެހެންވެއެވެ.
ކައިނިންމާފަ ތަށިތައް ނެގުމުގައި ލިއަމް އެހީތެރިވެ ދިނެވެ. ދޭތެރެއަކުން ހޭޒަލްއަށް ފަސޭހަކޮށްދިނުމަށް ގޭތެރޭގެ މަސައްކަތްތަކުގައި ލިއަމް އެހީތެރިވެދޭނެއެވެ. ނަމަވެސް މިއަދު ތަފާތު ގޮތެއްހެން ހޭޒަލްއަށް ހީވިއެވެ. ސުވާލުކުރަން ހިތަށް އަރާފައި ވެސް މަޑުކޮށްލީ ލިއަމް ބުނަން އުޅޭ ވާހަކައާ މެދު ވިސްނާލާފައެވެ. ކޮންކަމެއްކަން ނޭނގުނަސް ލިއަމް ބުނެފާނޭ ހީވާފަދަ ކަންކަމާ ގުޅިގެން ތަފާތު ޚިޔާލުތައް ވަގުތުން ސިކުނޑިއަށް ބޮނޑިވެގަތެވެ.
ކޮޓަރިއަށް އައިސް ވަނީ ދެމަފިރިން އެކީގައެވެ. ލިއަމް އެނދުމަތީ އޮށޯވެލީއެވެ. ކޮޓަރީގެ އެއްފަރާތުގައި ހޭޒަލް ނަމާދަށް އެރި މުއްސަލައިގެ ކަނުގައި ހިފާ ފަތްޖަހާލި ގޮތަށް އޮތެވެ. ހޭޒަލް އައިސް ލިއަމްގެ ގާތަށް އެނދަށް އެރިއެވެ. އޭނާގެ ކާނާއަތް ހިއްލާލައި އަތްދަށުން ލިއަމްއާ ކައިރިވެލިއެވެ. ލިއަމް ވެސް އަނބިމީހާގެ ކޮނޑުގައި ހިފާ ބޮޑަށް ގާތްކޮށްލިއެވެ.
"ދެން ބުނެބަލަ..." ހޭޒަލް އެދުނެވެ.
"އަހަރެން ނެތިއްޔާ ޒެއްލު ވަރަށް އެކަނިވާނެ ދޯ" ލިއަމް ބުންޏެވެ.
"އޮބްވިއަސްލީ... ދެން ތީ ޔަގީންވާ ކަމެއްނު... ކީއްވެ ތިހެން ތިބުނީ، އަނެއްކާ ލިއަމް... އަހަރެން ދޫކޮށްލަން ވިސްނަނީތަ؟" އޮވެވުނު ގޮތުން ލިއަމްގެ މޫނު ބަލަން އުނދަގޫ ވިޔަސް ހޭޒަލް މައްޗަށް މޫނު އުފުލާލިއެވެ. ކަންފަތުގައި ޖެހުނީ ލިއަމް ހީނލިއަޑެވެ.
"ދޫކޮށްލާ ވާހަކަ ނުދައްކަބަލަ... ޒެއްލު އަބަދުވެސް ވާނީ އަހަރެންގެ މީހަކަށް، އަސްލު ވީގޮތަކީ މިއަދު ވަރަށް ބޮޑު މީޓިންއެއް އޮތީ، އެހެންވެ ޒެއްލުގެ ކޯލަށް ވެސް ޖަވާބު ނުދެވުނީ، ރާއްޖެތެރެއަށް ބަޔަކު ފޮނުވާލަން އުޅެނީ، އަހަރެން ވެސް އެމީހުންގެ ތެރޭގަ ހިމެނޭ..." ލިއަމް ވެސް ހޭޒަލްއާ ދުރަށް ޖެހިލީ އޭނާގެ ވާހަކަތަކުން ހޭޒަލްގެ މޫނަށް އަރާފައިބާނެ ކުލަވަރު އެނގެން ބޭނުންވެގެންނެވެ.
"ކިހާ ދުވަހަކަށް" ބަޔާންކުރަން އުނދަގޫ ހިމޭންކަމެއް ހޭޒަލްގެ ނަފްސަށް ވެރިވެގެން ދިޔައެވެ. ވާހަކަދެއްކުނީ ވެސް އިރުކޮޅެއް ފަހުންނެވެ.
"ތްރީ މަންތްސް..." ލިއަމްގެ އަޑު ވެސް މަޑުވިއެވެ. ހޭޒަލްއަށް އިތުރަށް އެއްޗެކޭ ނުބުނެވުނެވެ. ލިއަމްގެ ގައިގާ ބައްދާލައިގެން އޭނާ އޮތީއެވެ. ލިއަމް ވެސް އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ހީވަނީ ހޭޒަލް ވާހަކަދައްކަން ފުރުޞަތު ދީގެން އޭނާ އޮތީހެނެވެ. އެހެން ތިއްބާ ހޭޒަލްގެ ފޯނުން ޢިޝާ ނަމާދު ބަންގީގެ އަޑުން ކޮޓަރިއަށް ވެރިފައި އޮތް ހިމޭންކަން ފުނޑުފުނޑުކޮށްލިއެވެ. ބަންގި ނިމެންދެން އޮވެފައި ލިއަމްއާ ދުރަށް ހޭޒަލް ޖެހިލިއެވެ. އަދި ލިއަމް އޮތް ފަރާތް ނޫން އަނެއްފަރާތުން ހޭޒަލް ފައިބާ އެނދުގެ އަރިމަތީ އިށީނެވެ.
"އެބަ އަންނަން ނަމާދުކޮށްލައިގެން" ހޭޒަލް ބުންޏެވެ. ލިއަމްގެ ޖަވާބަކަށް ހޭޒަލް މަޑެއް ނުކުރިއެވެ. އިންތަނުން ތެދުވެ ހޭޒަލްވަނީ ފާޚާނައަށެވެ. އެވަގުތު ލިއަމްގެ ފޯނަށް މެސެޖެއް އައިސްގެން އޭނާގެ ސަމާލުކަން ފޯނަށް ދެވުނެވެ.
ނަމާދުން އަވަދިވުމަށްފަހު ވެސް ހޭޒަލްއަށް މުއްސަލަމަތީ އިރުކޮޅަކު އިނދެވުނެވެ. އޮފީހުން ކުރިމަތިވާ ކަންކަމަށް ދެކޮޅެއް ނުހެދޭނެކަން ހޭޒަލް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ލިއަމް ނުފެނި އެންމެ ދުވަހެއް ވެސް އުޅެން އުނދަގޫވާއިރު ތިންމަސް ވަންދެން ފިރިމީހާއާ ދުރުގައި ހުންނާނީ ކިހިނެއްކަމެއް ހޭޒަލްއަކަށް ނުވިސްނުނެވެ. އެ ޚިޔާލާއެކު ހިތުގައި އުތުރުގަތް ޖަޒުބާތުގައި ލިއަމްގެ ގާތު ނުދާށޭ ބުނުމަށް ހޭޒަލް ބޭނުންވިއެވެ. ނަމަވެސް ދެ ތުންފަތް ޖައްސާ ބާރުކޮށްލީ އެ ލަފުޒުތައް ދުލުން ހާމަކުރެވިދާނެތީއެވެ. އެ ދަތުރަކީ ލިއަމް އެދިގެން ދާން ބޭނުންވެގެން ހަމަޖެހުނު ދަތުރެއްނޫންކަން ހޭޒަލްގެ ޟަމީރު ވިސްނައިދިނެވެ. އެހެންވިޔަސް ދެމީހުން އެހާ ދުވަހު މީގެ ކުރިން ދުރުގައި ތިބެފައެއްނެތެވެ. ލިއަމްގެ ހުރިހާކަމެއް ކޮށްދެނީ ހޭޒަލްއަށްވާއިރު އެ ތިންމަސް ދުވަހުގެ ތެރޭ ލިއަމްގެ ކަންކަން ބަލަހައްޓާނީ ކާކުބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. މި ހުރިހާ ވިސްނުމެއްގައި ހޭޒަލް އިންދާ ލިއަމް ގޮވާލި އަޑު އިވުނެވެ. ނަމާދުކޮށް ނިމުނީތޯ އޭނާ އަހާލިއެވެ. ހޭޒަލް އަވަސް އަވަހަށް މޫނުގައިވި އަސަރު ހިނިތުންވުމަކުން ފަރުދާކޮށްލައި ލިއަމްއާ ކުރިމަތިލިއެވެ.
"މި ނިމުނީ..." ހޭޒަލް ތެދުވެ ނަމާދު ދޮޅި ބޭލިއެވެ.
"ބޭބީ... އައި އޭމް ސޮރީ... އަހަރެން ވެސް އެހާ ގިނަ ދުވަހަށް ޒެއްލުއާ ދުރުގަ ހުންނާކަށް ބޭނުމެއްނޫން، ބަޓް ނޯ ޗޮއިސް، އަހަރެން ބެލިން ބަދަލުގަ އެހެން މީހަކު ހަމަޖެއްސޭތޯ ވެސް، ދިޒް އިޒް ރިއަލީ އިމްޕޯޓެންޓް، ޒެއްލު!... ދުރުގަ ނުހުރެ މިކޮޅަށް އާދެބަލަ" ލިއަމް ތެދުވެ އެނދުގައި އިށީނެވެ. ހޭޒަލް ނަމާދުކުރާ އެއްޗެހި ނަގައި އެ ހުންނަ ތަނުގައި ބެހެއްޓުމަށްފަހު އައިސް ލިއަމްގެ ގާތުގައި އިށީނެވެ. އޭނާގެ އުނަގަނޑުގައި ލިއަމްގެ ދެއަތް ވަށާލައި ގާތަށް ދަމާލިއެވެ.
"އައި ލަވް ޔޫ" ހޭޒަލްގެ ކޯތާފަތުގައި ބޮސްދެމުން ލިއަމް ބުންޏެވެ. ހަމަ އެފަދައިން ހޭޒަލް ރައްދު ދިނެވެ.
"ކުޅުދުށްފުއްޓަށް ދަނީ، އެކޮޅު ސްޓޭޝަންގަ ހުންނަނީ، ނެކްސްޓް ވީކްއަށް ފަހު ފުރުން އޮތީ" ދަތުރާ ބެހޭ ގޮތުން އިތުރަށް ލިއަމް އޮޅުން ފިލުވައިދިނެވެ.
"ހާދަ އަވަހޭ" ހޭޒަލްއަށް ބުނެލެވުނެވެ.
"އެއީ ހަމަޖެއްސި ތާރީޚު... ވެރިން އެންގީމަ ނުގޮހެއް ވެސް ނުވާނެއެއްނު" ލިއަމް އަނެއްކާ ވެސް ހޭޒަލްގެ ކޯތާފަތުގައި ބޮސްދިނެވެ.
"އެއްޗެހި ތައްޔާރުކުރަންވީމަ ލިއަމް ބުނޭ، އަހަރެން ރެޑީ ކޮށްދޭނަން" ހޭޒަލް ބުންޏެވެ. އޭނާގެ ފަރާތުން މާބޮޑު އަސަރުތަކެއް ލިއަމްއަށް ނުފެނުނަސް އޭނާއަށް ހޭޒަލްގެ ހިތުގައި ހިނގާ ޝުޢޫރުތައް އެނގެއެވެ. ކިތަންމެ މޮޅަށް ހޭޒަލް އެކްޓުކުރަން އުޅުނަސް އޭނާގެ އަޑުގައިވި މާޔޫސްކަމާއި މޮޅިވެރިކަން ލިއަމްއަށް ސިއްރެއްނުވިއެވެ.
"އައި އޭމް ސޮރީ... ބޭޑް ނިއުސްއެއް ހިފައިގެން މިއާދެވުނީ... ބަޓް ނެވާ ފޮގެޓް ހައު މަޗް އައި ލަވް ޔޫ" ލިއަމް ލޯތްބާއެކު ހޭޒަލްގެ މޫނުގައި ދެއަތުން ހިފާލައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ލޯތްބާއެކު ހޭޒަލްގެ ތުންފަތުގައި ލިއަމް ބޮސްދިނެވެ. ދެމެދަށްވެރިވި ނުތަނަވަސްކަން ފިލުވާލުމަށް ލިއަމް ބޭނުންކުރި ހަތިޔާރަކީ ހަށިގަނޑުގެ އެދުންވެރިކަމެވެ. އަނބިމީހާއަށް ޔަގީނުން ވެސް ދެކޮޅު ހަދަން ނުކެރޭނެކަން އެނގި ހުރެއެވެ.
* * * * *
ފުރަންވީ ދުވަސް ކައިރިވަމުން އައި ވަރަކަށް ލިއަމްގެ ހުރިހާ ވަގުތެއް އޭނާ ހުސްކޮށްލީ ހޭޒަލްއަށެވެ. ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް ހޭޒަލްގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެއެވެ. ދުރުގައި ހުންނައިރު ވަކިން ގިނައިން ހޭޒަލްއަށް ގުޅާނަން ކަމުގައި އޭނާ ވަޢުދުވިއެވެ. ހަމައެއާއެކު ހޭޒަލް އެކަނި ހުރުމުގެ ބަދަލުގައި މަންމަ ގާތަށް ބަދަލުވާން ވެސް ލިއަމް ޚިޔާލު ދިނެވެ. ނަމަވެސް އެގޮތް ހޭޒަލްއަށް ކަމަކު ނުދިޔައެވެ. ސާއިރާއާއި ރިޒްވާން ތަނަކަށް ދާން ބޭނުންވިޔަސް ހޭޒަލް ގޭގައި ހުރުމުގެ ސަބަބުން އެ މީހުންނަށް ނުދެވިފައި ހުރެދާނޭކަމުގައި ހޭޒަލް ބުންޏެވެ. އޭނާގެ ސަބަބުން މަންމަގެ މިނިވަންކަން ގެއްލޭކަށް ނޭދެއެވެ. އެހެންވެ ލިއަމް އެނބުރި އަންނަންދެން އޭނާގެ އިންތިޒާރުގައި އެމީހުންގެ އެޕާޓްމެންޓުގައިކަން އުޅޭނީ ހޭޒަލް ނިންމިއެވެ. ލިއަމްއަށް ވެސް މީ މުޅިން އައު ތަޖުރިބާއެކެވެ. އޭނާ ވެސް މިނޫނީ ހޭޒަލްއާ ދުރުގައި އެހާ ގިނަ ދުވަހަށް ހުންނާކަށް ނުޖެހެއެވެ. އެހެންވެ އޭނާއަށް ވެސް ހޭޒަލްއާ މެދު ފިކުރުކުރެވެއެވެ. ޒުވާން އަނބިމީހާ އެކަނި ގޭގައި ބަހައްޓާފައި ދާން ޖެހޭތީ އެ ޚިޔާލު ވެސް ކުރެވެއެވެ.
(ނުނިމޭ)