އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކާމިޔާބު ކުރި ލަނޑާއެކު ގުއަމްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން މޮޅުވެ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ރާއްޖޭއިން އިތުބާރާއެކު ފަށައިފި އެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ރާއްޖެއިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި ރާއްޖޭގެ ނާއިޒު ހަސަން (ދާދު) ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. ރާއްޖެއިން އެންމެ ބޮޑަށް މަސައްކަތް ކުރީ ދެ ފަރާތުގެ އަރިމަތިން ހަލުވި ކުޅުންތެރިންގެ ބޭނުން ކޮށްގެން ހަމަލާ އުފެއްދުމަށެވެ.
އެގޮތުން ހަބޭސްގެ ހަލުވި ސްޕީޑްގެ ފައިދާ އޭނާ ވަރަށް ރަނގަޅަށް ނެގި އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އިއްބެ ލަނޑު ޖެހުމުގެ ކުރިން އޭނާ ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތެއް ދާދުއަށް ތަނަވަސްކޮށް ދީފަ އެވެ. އިއްބެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ދާދު ވެއްޓިގެންފައި ބޮލުން ޖަހަން މަސައްކަތް ކުރި އެވެ. އެ ބޯޅަ އޭނާގެ ބޮލުގައި ލައްވައި ނުލުމުން ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.
އިއްބެ ލަނޑު ޖެހީ، ބޯޅަ ހިފައިގެން އޭރިއާގެ ކަނާ ދިމާލުން ވަދެ ގޯލްގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. އޭނާ ލަނޑު ޖެހިއިރު ގުއާމްގެ ތިން ޑިފެންޑަރުން ވެސް އޭރިއާގެ ތެރޭގައި ތިއްބެވެ. ލަނޑު ޖެހުމުގެ ކުރިން ރާއްޖޭގެ ކުޅުންތެރިން ފައުލު ކޮށްފައިވާ ކަމަށް ގުއާމްގެ ކުޅުންތެރިން އެޕީލް ވެސް ކުރި އެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
ގުއާމްގެ ކުޅުންތެރިން ހަމަލާ އުފައްދަން މަސައްކަތް ކުރީ އަރިމަތިން ނަގާ ބޯޅަތަކުންނާއި ކޯނަރުން ތަނަވަސްވާ ބޯޅަތަކުން ބޮލުން ފޮނުވާލާ ހަމަލާތަކުންނެވެ.
އެއް ލަނޑުގެ ލީޑެއްގައި ފަހަތުގައި އޮތުމުން ގުއާމްގެ ކުޅުންތެރިން ޕްރެޝަރަށް ވެއްޓި ރާއްޖޭގެ ކުޅުންތެރިންނާ ދެކޮޅަށް ގިނަ ފައުލްތަކެއް ކުރި އެވެ.
ދެ ވަނަ ހާފުގައި، ރާއްޖެއިން ކުޅެން މަސައްކަތް ކުރީ ފުރަތަމަ ޑިފެންސް ކުރުމަށް ފަހު ކައުންޓަ އެޓޭކުގައި ހަމަލާ އުފައްދާށެވެ. އޭގެ ސަބަބުން ގުއާމްގެ ފަރާތުން ރާއްޖޭގެ ފަހަތަށް ފުލުފުލުގައި ބާރު ބޮޑު ކުރި އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމުން ނެގި ކޯނަރެއްގައި ރާއްޖޭގެ ޑިފެންސް ބީޓް ވެގެން ވެސް ދިޔަ އެވެ.
މުޅި މެޗުގައި ވެސް ގުއާމުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ، ޑިވާން ޖޭކޮބް މޮންޑިއޮލާ ބޮލުން ފޮނުވާލި ބޯޅައިންނެވެ. ގުއާމުން ނެގި ހުރަސް މެންޑިއޮލާ ބޮލުން ފޮނުވާލުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް އެ ބޯޅަ ދިފާއު ކުރި އެވެ.
ރާއްޖޭގެ މިޑްފީލްޑްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސައިން ނިހާންއަށް މެޗުގައި ބައިވެރި ނެވެވުމުން ސެންޓަރަލް މިޑްފީލްޑަރުންގެ ގޮތުގައި ކުޅުނީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އައިސަމް އެވެ.
ދެ ވަނަ ހާފުގެ 80 ވަނަ މިނެޓާ ހަމައަށް ދިޔައިރު، ގުއާމްގެ ޓީމަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގެ ކުޅުންތެރިޔަކަށް ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ އިތުބާރު ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އަށް އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އިރުފާން އެވެ. މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓް) ވަނީ ސީނިއާ ގައުމީ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެފަ އެވެ. އޭނާ އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ވެސް ލިބިފަ އެވެ.
ގުރޫޕް އޭ ގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެއިން ނުކުންނާނީ ޗައިނާ އާ ދެކޮޅަށް މާލޭގަ އެވެ.