ދުނިޔެ

ކައިވެނި ޕާޓީއަކަށް ރޮކެޓް ހަމަލާއެއް ދިނުމުން 82 މީހަކު މަރުވެއްޖެ

Jan 1, 2015

އާ އަހަރު ފެށުމާ ދިމާކޮށް އަފްޣާނިސްތާނުގެ ހިލްމަންދު ޕްރޮވިންސުގައި ރޭ ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއަށް ރޮކެޓުން ހަމަލާ ދިނުމުގެ ސަބަބުން މަދުވެގެން 28 މީހަކު މަރުވެއްޖެ އެވެ.

ސިފައިންގެ ބަޔަކު ދިން ކަމަށް ބެލެވޭ މި ހަަމަލާ ތަހުގީގު ކުރުމަށް ރައީސް އަޝްރަފް ޣަނީ އަމުރު ކުރައްވާފައިވާ ކަމަށާއި ހަމަލާގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށް އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ. ހާދިސާ ހިނގި ޕްރޮވިންސްގެ ޑެޕިއުޓީ ޕޮލިސް ޗީފް ބަޗާ ގުލް ވިދާޅުވީ ޕާޓީ ކުރިއަށް ދިޔައީ ގެެއެއްގެ ތެރޭގައި ކަމަށާއި ސިފައިން އެތަނަށް ހަމަލާ ދޭން ޖެހުނީ ކީއްވެގެންތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ގެއަށް އަމާޒުވި ރޮކެޓް އައިސްފައި ވަނީ އެ ގެ ކައިރީގައި ސިފައިން ގާއިމުކޮށްފައިވާ ޗެކް ޕޮއިންޓަކުން ކަމަށް ވަނީ ބެލެވިފަ އެވެ. ހަމަލާ އައި އިރު ޕާޓީގައި މީހުން ތިބީ ކައިވެނި ވެވޭ އަންހެން މީހާ އެތަނަށް ހާޒިރުވާނެ އިރެއްގެ އިންތިޒާރުގަ އެވެ. ހަމަލާގެ ސަބަބުން އެތައް ބަޔަކު މަރުވި އިރު 51 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ފުލުހުން ބުނީ ގެއާ ކައިރި ހިސާބެއްގައި ސިފައިންގެ ދެ ޗެކް ޕޮއިންޓެއް ހުންނަ ކަމަށާއި ހަމަލާ އަމާޒުވީ ސިފައިން ތާލިބާނުންނާ ދެކޮޅަށް ހަމަލާ ބަދަލުކުރުމުގެ ތެރޭގައިތޯ ނުވަތަ އެހެން ގޮތަކުންތޯ ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައި މި ވަނީ އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ނޭޓޯ ސިފައިން 13 އަހަރު ވަންދެން ކުރި ހަނގުރާމަ ރަސްމީކޮށް ނިންމާލިތާ ހަފުތާއެއް ވެސް ނުވަނީހެވެ. ނޭޓޯ ސިފައިން މިހާރު އަފްޣާނިސްތާނުގައި ތިބީ ސަލާމަތީ ބާރުތަކަށް ތަމްރީނާއި އެހީތެރިކަން ދޭން ކަމަށް ވާއިރު މިއަދުން ފެށިގެން ސަލާމަތީ ހުރިހާ ކަމެއްގެ ހުރިހާ ޒިންމާއެއް އަދާކުރާނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުންނެވެ. --އޭޕީ