ފިނިޕޭޖް

"ބަވަތި"ގެ ފެންވަރު ވަޒަންކޮށްލެވޭނެ ޓްރެއިލާއެއް ނެރެފި

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި އަޅުވާފައިވާ "ބަވަތި" ގެ އޮފިޝަލް ދެވަނަ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މި ފަހަރުގެ ޓެރެއިލާއިން "ބަވަތި" ގެ ފެންވަރު ވަޒަން ކޮށްލެވެ އެވެ. ފިލްމުގައި ހިމަނާފައިވާ ސްޕެޝަލް އިފެކްޓްސްގެ ބައެއް މަންޒަރުތައް އާ ޓްރެއިލާގައި ހިމަނާފައި ވެއެވެ.

ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމު މިހާތަނަށް ބެލި މީހުންނަށް ފިލްމުގެ ބޮޑު މަންޒަރު ސާފުވި ނަމަވެސް، އަދިވެސް ޓިކެޓް ނަގައިގެން ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިން ތިބީ ފިލްމަކީ ކޮން ރަހައެއްގެ ފިލްމެއްތޯ ސުވާލު ކުރުމުގަ އެވެ. އާ ޓްރެއިލާއާއެކު ބައެއް ސުވާލުތަކަށް މިހާރު ވަނީ ޖަވާބު ލިބިފައެވެ.

"ބަވަތި" ގައިވެސް އެންމެ ފާހަގަ ކޮށްލެވެނީ ފިލްމުގެ ސްކްރީންޕްލޭ އެވެ. ޑައިރެކްޓަރު އިއްލެ ލިޔެފައިވާ ސްކްރީންޕްލޭ ފިލްމު ބެލި ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ފިލްމު ފެށިގެން ނިމުމާއި ހަމައަށް ވެސް ދެންވާނެ ގޮތަކަށް އިންތިޒާރު ކުރަން ޖެހުނެވެ. މިއީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަމެކެވެ.

ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް އާ ތަރިން ބައިވެރިކޮށް އުފައްދާފައިވާ ފިލްމެއް ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެކްޓަރުންގެ އެކްޓިން ރަނގަޅެވެ. ވަރަށް ގިނަ ބެލުންތެރިން ވަނީ ފިލްމުގައި ނުޒޫގެ އެކްޓިން މޮޅުކަން ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ. އަދި އަލަށް ބޮޑު ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އެކްޓިންއަށް ވެސް ބެލުންތެރިން ތައުރީފު ކޮށްފައި ވެއެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ސްޕެޝަލް އިފެކްޓްސްތަކުގެ ފުރިހަމަކަމީ ފިލްމު ރީތިވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. އަދި ރީތި ހިތްގައިމު މާހައުލުތަކެއް ފެނިގެން ދިއުމާއި، ފިލްމުގެ މަންޒަރުތަކުގެ ނަލަކަން ވެސް މޮޅު ފިލްމަކަށް ވުމުގައި މުހިންމު ދައުރެއް އަދާކުރެއެެވެ.