ހަބަރު

"ޑަބަލް ސްޓޭޓް" އޮތުމުން ސުއޫދަށް ރައީސް އޮޅުނީ ކަމަށް ވެދާނެ: އުމަރު

"ޑީޕް ސްޓޭޓް" ގެ ބަދަލުގައި "ޑަބަލް ސްޓޭޓް" އޮތުމުން ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދަށް ރައީސުލް ޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން އޮޅުނީ ކަމަށް ވެދާނެ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސުއޫދަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސުއޫދުއާ ގުޅުވައި އުމަރު މިއަދު އެހެން ވިދުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލި އެ ކޮމިޝަނުން ބަލާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގެ ރިޕޯޓް ރައީސް ސޯލިހަށް އެރުވުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެރުވުމުންނެވެ. އޭގެ ކުރިން އޭނާ ވަނީ އެއީ ގޯހެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ހިނގާ އެމްޑީޕީ ވަނީ ރިލްވާންގެ މައްސަލައިގައި ވަރަށް ބޮޑަށް ބޭޒާރުވެފަ އެވެ. އަދި ވިދާޅުވީ ފަސް އަހަރު ވަންދެން އެމްޑީޕީން ބުނަމުން ގެންދިޔައީ ރިލްވާން ވަގަށްނެގީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކަމަށާއި، ރިލްވާނަކީ ރިޕޯޓަރަކަށް ވުމުން ކޮންމެވެސް ބޮޑު މައުލޫމާތެއް އޭނާއަށް ލިބިގެން ރައީސް ޔާމީން އޭނާ ފޮރުވީ ކަމަށް ބުނަމުން ދިޔަ ކަމަށެވެ.

"އެމްޑީޕީގެ ބޭފުޅުން މިވާހަކަ އެކި ޕޯޑިއަމްތަކުގައި ދެއްކެވި އިރު ހީވީ، މި ބޭފުޅުންގެ ވެރިކަން ފެށޭ ދުވަހު އުދަލި ހިފައިގެން އެމްޑީޕީގެ އިސް ބޭފުޅުން ގޮސް، ރައީސް ޔާމީންގެ ގެކޮޅަށް ވަދެ، އެގޭ ގޯތިތެރެ ކޮނެގެން ރިލްވާންގެ ހަށިގަނޑު ނަގާ އާންމުންނަށް ދައްކާނެ ކަމަށް." އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅިވީ އަށް މަސްވަން ދެން ކޮމިޝަނުން ތަހުގީގު ކުރުަމަށްފަހު، ކުރީ ސަރުކާރުން ހޯދި މައުލޫމާތު ނޫން އެހެން މައުލުމާތެއް ނުފެނުނު ކަމަށާއި، އޭނާ އަބަދުވެސް ބުނަމުންގެން ދިޔަ ފަދައިން، ރައީސް ޔާމީނާވެސް، އަދި ރިޕޯޓަރަކަށްވުމާވެސް އެކަމާއި ގުޅުމެެއް ނެތްކަން ކޮމިޝަނުން ހާމަ ކުރަން ޖެހުނީ ލަދުވެތިކަމާއެކުގައި ކަމަށެވެ.