ހަބަރު

ފެނަކައިގެ ހިޔާނާތުގެ 44 މައްސަލައެއް ބަލަން: އޭސީސީ

ފެނަކަ ކޯޕަރޭޝަނާއި ގުޅުންހުރި ކޮރަޕްޝަންގެ 44 މައްސަލައެއް ބަލަމުން ފަށާފައިވަ ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ވޭތުވެދިޔަ ފަސް އަހަރު އޭސީސީއިން ކުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މި އަހަރު މިހާތަނަށް 547 މައްސަލަ ރެޖިސްޓަރީ ކޮށްފައިވާ ކަމަށާއި 500 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 184 މައްސަލައަކީ ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ މައްސަލަތައް ކަމަށާއި ދައުލަތުގެ ބޮޑެތި ކުންފުނިތަކެއް އޭގައި ހިމެނޭ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީގެ ތަހުގީގީ ދެ ޓީމަކުން ކުރަމުންދޭ އޭގެ 44 މައްސަލައެއްގެ ތަހުގީގް މިވަގުތު ވެސް ކުރިއަށް އެބަދޭ، ތަހުގީގަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކުންފުނީގެ ފަރާތުން ލިބި މިހާރު ކުރިއަށްދަނީ ފައިނޭންޝިއަލް އެސެސްމެންޓް ހެދުމުގެ މަސައްކަތް،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތަކުގެ ތަހުގީގަށް ބައެއް ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި އަހަރު ތެރޭގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

މުއައްވިޒް ވަނީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އާސަންދަ އާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކަރެކްޝަނަލް ސާވިސްގެ ކޮންފެސް އޮޑިޓް ރިޕޯޓާއި ގުޅޭ 10 މައްސަލައެއް ބަލާ ކަމަށް ވެސް ވިދާޅުވި އެވެ.

"މޯލްޑިވްސް ގޭސްގައޮ ކުރިން އަދި ފަހުން ހިނގާފައިހުރި މައްސަލަތަކެއް ބަލަމުންދަނީ، ކަސްޓަމްސްއާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން އެބަދޭ، ވެމްކޯއާ ގުޅުން ހުރި މައްސަލަތަކެއް ވެސް، އެޑިއުކޭޝަނުން ކްލާސްރޫމްތަކެއް އެޅުމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި ގުޅޭ ގޮތުން އިއުލާން ކުރުމެއްނެތި ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތަކުގެ މައްސަލަވެސް ބަލަމުން އެބަ ގެންދަން، ޕީއެސްއެމްއާ ގުޅުންހުރި މައްސަލަތަކެއް ވެސް، އެތަނުން ހުށަހަޅާފައިވާ މައްސަލަތައް، ތަހުގީގުގެ އެންމެ ފަހު މަރުހަލާގައި އޮތީ،" މުއައްވިޒް ވިދާޅުވި އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ގުޅޭ ތިން މައްސަލައެއް ބަލަމުންދާ ކަމަށާއި އެއީ ސިޔާސީ ޕާޓީއަކަށް 1.9 މިލިއަން ރުފިޔާ ހަރަދުކުރި މައްސަލައަކާއި ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ހަރަދު ކުރުމުގައި އުސޫލުތަކާއި ހިލާފަށް ހަރަދު ކުރި މައްސަލައެކެވެ.

އަދި އެމްއައިޓީޑީސީއިން ހިންގި މަޝްރޫއެއް ފޮރިން ޕާޓީއަކަށް ދިނުމުގައި އަމަލު ކުރި އުސޫލާއި ގުޅިގެން ވެސް މައްސަލައެއް ބަލަމުންދެ އެވެ. އެކަންކަމާއި ގުޅޭ ލިޔެކިޔުންތައް ލިބި ފައިނޭންޝިއަލް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދެ އެވެ.

މުއައްވިޒް ވިދާޅުވީ ކޮމިޝަނުން މި ދައުރުގައި ތަހުގީގު ކުރި އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީ މައްސަލަ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުގެ އެހެން އިދާރާތަކުގެ މައްސަލަތަކުގެ ތަހުގީގް ކުރިއަށްދާ ކަމަށެވެ.

"އެމްއެމްޕީއާރްސީ މައްސަލަތަކުގެ ތެރެއިން ގުޅުން ހުރި ގިނަ މައްސަލަތަކުގެ ތަހުގީގު މިހާރު ވަނީ ނިންމާފައި ކަމާބެހޭ އިދާރާތަކަށް ފޮނުވާފައި، މިހާރު ފުލުހުންނާއި އޭސީސީއާ ޕީޖީއާ އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދެވޭ އިތުރު ތަހުގީގު ތަކެއް ކުރިއަށް ގެންދިއުމަށް،"

އޭގެ އިތުރުން މިނިވަން 50 އާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ނިމިފައިވާ ކަމަށާއި ބައެއް މައްސަލަތަކުގެ ތަހުގީގް އަދިވެސް ކުރިއަށްދާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި ނ. މާފަރު އެއާޕޯޓާއި ގުޅުންހުރި ތިން މައްސަލައަކާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ 300 ހައުސިން ޔުނިޓްގެ މައްސަލަތަކެއް ވެސް ތަހުގީގުވެސް ކުރިއަށްދެ އެވެ. އެޗްޑީސީއާ ގުޅުންހުރި އިތުރު މައްސަލަތަކަކާއި ހައްޖު ކޯޕަރޭޝަނާއި ގުޅުން ހުރި ތިން މައްސަލައެއްވެސް ބަލަ އެވެ.