ގުއާމް އާ ދެކޮޅަށް، ލަންކާގައި ކޭމްޕް ކޮށްގެން ގައުމީ ޓީމުން ތައްޔާރު ވަމުން ދިޔައިރު ޓީމަށް އުނދަގޫ މައްސަލަތަކެއް ކުރިމަތިވި އެވެ. ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލީ ފަސް މެންބަރުން މިދިޔަ ބުރާސްފަތި ދވަހު ހިނގި ލޯންޗު ބަނޑުންޖަހާލުމުގެ ހާދިސާގައި މަރުވުމުން، ޓީމު ދޫކޮށް އޭނާ ރާއްޖެ އައެވެ. އާއިލާއަށް ކުރިމަތިވި ހިތްދަތި ވަގުތުގައި އާއިލާއާއެކު ހުުރުމަށް އޭނާއަށް ފުރުސަތު ދިނެވެ.
އިއްބެއަށް ކުރިމަތި ހިތާމައިގައި އޭނާ ޓީމަށް ވަކިވާން ޖެހުނު އިރު، ގައުމީ ޓީމަށް އެހެން މައްސަލައެއް ކުރިމަތިވި އެވެ. ޓީމުގެ އަނެއް މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އަށް ގުއާމްއަށް ދިއުމަށް އެމެރިކާގެ ވިސާ ނުލިބުމުން ގުއާމަށް ނުގޮސް އޭނާ އަށް މަޖުބޫރުވީ މާލެއަށް ދަތުރު ފަށާށެވެ
ޓީމުގެ ސެންޓްރަލް ދެ މިޑްފީލްޑަރުންނަށް ނުކުޅެވުމުން، މިޑްފީލްޑް ލައިންގައި ރާއްޖެ ގޮތް ހުސްވާ ހިސާބަށް ދިޔަ އެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ޓީމު އަތުރާލާ ގޮތުން ނިހާޓް އާއި އިއްބެގެ ދައުރު އޮތީ ޓީމުގައި ބޮޑުވެފަ އެވެ. ހެދޭނެ މާގިނަ ގޮތެއް ނެތެވެ. ކުރިމަތި ވެފައި އޮތް ހާލަތުގެ ގޮތުން އެންމެ އެކިއުރޭޓް ހައްލެއް ގެނައުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ސިފަވި އެވެ.
ކުރިމަތީގައި އޮތީ ނަތީޖާ ނެރެންޖެހޭ މެޗެކެވެ. ޓީމުގެ މިޑްފީލްޑްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ޓީމުގައި ނެތެވެ. ކޯޗް ޕީޓާ ޝެގަޓް މެޗުން ފުރުސަތު ދިނީ ޓީސީގެ އައިސަމް އިބްރާހިމަށެވެ. އޭނާއާއެކު މިޑްފީލްޑްލައިގައި ޕާޓްނަރަކީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.
އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އާއެކު ރާއްޖެއަށް ހަމަލާތައް އުފެއްދުމަށާއި ޑިފެންސަށް އައި ބޯޅަތައް ކޮންޓްރޯލް ކުރުމުގައި މޮޅަށް ކުޅުނެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި އައިސަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ޝެގަޓް ވަނީ ސީނިއާ ޓީމުން އައިސަމަށް ފުރުސަތު ދީފަ އެވެ. މިޑްފީލްޑް ލައިންގައި އޭނާ ޓެސްޓް ކޮށްލަން ލިބުނު ފުރުސަތުގައި އައިސަމް އޭނާގެ ފެންވަރު ދައްކާލި އެވެ.
އެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، ގައުމީ ޓީމުން އޭނާއަށް ޖާގަ ޔަގީން ވި އެވެ. ޓީމުގައި ތަޖުރިބާކާރު އެހެން މިޑްފީލްޑަރެއް ހުރިިއިރު ވެސް މިއަދުގެ މެޗުގައި ފުލުކޮށް ފުރުސަތު ދިނުމަކީ އައިސަމްގެ ފެންވަރު ސާބިތު ކޮށްދިން ކަމެކެވެ.
އިއްބެ އާއި ނިހާޓް އަލުން ޓީމާ ގުޅޭނެ އެވެ. އެހެން ނަމަވެސް އައިސަމް ދެއްކި ކުޅުމާއެކު އޭނާގެ ނަން އެއްފަރާތް ކޮށްލަން އުނދަގޫ ވާނެ އެވެ. ޓީމަށް އެންމެ ބޭނުންވި ވަގުތުގައި އޭނާ ވަނީ އެކަން ސާބިތު ކޮށްދީފަ އެވެ.