ހަބަރު

70 ޕަސެންޓް ނިންމައި މަޖިލިސް ޗުއްޓީއަށް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށައެޅުނު ކަންކަމުގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ. މިއަދު ޗުއްޓީއަށް ދިޔައީ ދައުރަށް ހަފުތާއެއް އިތުރުވެސްކޮށް މަސައްކަތް ކުރުމަށްފަހު އެވެ.

މެންބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން މިއަދު ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ފެށި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.

މި ދައުރުގައި މަޖިލީހަށް 31 ބިލެއް ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 14 ބިލެއް ވަނީ ފާސް ކޮށްފަ އެވެ. ނުނިމި ވަނީ 17 ބިލެއްގެ މަސައްކަތެކެވެ. އޭގެ ތެރެއިން ބައެއް ބިލްތަކުގެ މަސައްކަތް އޮތީ ކޮމެޓީ މަރުހަލާގަ އެެވެ. އަދި ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މި ދައުރުގައި މަޖިލީހަށް 21 ގަރާރެއް ހުށައަޅާފައިވާއިރު ނުވަ ގަރާރެއްގެ މަސައްކަތް ނިންމާލި އެވެ. އަދި 12 ގަރާރެެއްގެ މަސައްކަތް އޮތީ ނުނިމި އޮތެވެ.

ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައަޅާފައި ވާއިރު ތިން މައްސަލައެއް ފިޔަވާ އެހެން ހުރިހާ މައްސަލައެއް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރިޔާސަތުން ހުށައެޅި 22 މައްސަލައެއްގެ ތެރެއިން 17 މައްސަލައެއް ވެސް މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި މެންބަރުންގެ ފަރާތުން ނުވަ މައްސަލައެއް ހުށައަޅާ އެ މައްސަލަތަކަށް ވަނީ ގޮތް ނިންމާފަ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ މި ދައުރަށް 39 ރިޕޯޓެއް ހުށައެޅި އޭގެ ތެރެއިން 34 ރިޕޯޓެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ވަޒީރުންނާއި ކުރެއްވުމަށް 20 ސުވާލެއް ހުށައެޅިފައިވާއިރު، މެންބަރުން ހުށައެޅުއްވި 14 ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޒީރުން ހާޒިރު ކުރެވިފައިވާ ކަމަށެވެ. މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު ހަ ސުވާލެއް ވަޒީރުންނާއި ނުކުރެވި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ބިލްތަކާއި، ގަރާރު އަދި މައްސަލަތަކުގެ ގޮތުގައި 161 މައްސަލައެއް ވަނީ ހުށައެޅިފައެވެ. އޭގެ ތެރެއިން 70.02 ޕަސެންޓްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

ނިމުނު ދައުރުގައި ކުރެވުނު މަސައްކަތްތައް

  • 31 ބިލެއް ހުށައަޅާ 14 ބިލެއްގެ މަސައްކަތް ނިންމި
  • 21 ގަރާރެއް ހުށައަޅާ 9 ގަރާރެއްގެ މަސައްކަތް ނިންމި
  • ސަރުކާރުގެ ފަރާތުން ހުށައެޅި 15 މައްސަލައިގެ ތެރެއިން 12 މައްސަލަ ނިންމި
  • ރިޔާސަތުން ހުށައެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލަ ނިންމި
  • މެންބަރުން ހުށައެޅި 9 މައްސަލަ ނިންމި
  • 14 ސުވާލެއް ވަޒީރުންނާ ކުރެއްވި
  • ޖުމްލަ 161 މައްސަލައެއް ނިންމި

މަޖިލީހުގެ މެންބަރުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ކޮމެޓީ މަރުހަލާގައި ކަމަށްވާއިރު، މި ދައުރުގައި ވަނީ 466 ކޮމެޓީ ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުންތަކަށް މެންބަރުން ވަނީ 548 ގަޑިއިރާއި 23 މިނެޓް ހޭދަ ކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.