ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކުން މަޝްރޫއުތައް ހިންގާފައި ވަނީ އެ ކަމަށް ހޭދަވާ ވަރަށްވުރެ އިތުރަށް ކަމަށާއި އިތުރުވާ ފައިސާ އުނިކުރަން ދެން އެ ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރާ ވެސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ޗައިނާއިން ގައުމުތަކަށް ދޫކުރަމުންދާ ލޯނުތައް ދޫކުރުމުގެ ކަންކަން ހިނގަމުންދާ ގޮތާ މެދު އެއްޗެއް ވިދާޅުނުވެ ހުންނެވުމަކީ ރާއްޖެއާއި ދުނިޔެއަށްވެސް ހުރި ގެއްލުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ހުރީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އިންޑިއަން އޯޝަލް ކޮންފަރެންސްގައި ވެސް އެ ވާހަކަތައް ތަކުރާރު ކުރެއްވީ އެހެންވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޗައިނާއިން ލޯނުތައް ދޫކޮށްފައިވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އެ ލޯނުތަކުން ހިންގި މަޝްރޫއުތައް ހިންގީ އެ ކަމަށް އަސްލު ހޭދަވާ އަގަށްވުރެ ދެ ގުނަ ބޮޑުކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެވެ.
"ހުޅުމާލޭގައި ހުރި ފްލެޓްތަކުގެ އަކަ ފޫޓެއް 1900 ރުފިޔާއަށް. ދޮގު ނުބަހައްޓާ، ޓައިލްސް ނުޖަހާ، ކުލަ ނުލާ، ފިނިޝިންނާ ނުލައި، މާލޭގައި އެންމެ ރީތިކޮށް ފެންނަ ފެލްޓްތައް ވެސް 1200 ރުފިޔާއަށް އަކަފޫޓެއް ފިނިޝިންނާއެކު، މިއީ 1900 ރުފިޔާ، އެހެންވިމަ ދެގުނަ އަގުގައި ހަދާފައި ހުރީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުަގއި ފެލްޓްތައް އަޅަން ފައިސާ ހަރުވި މިންވަރު މިހާރު ވެސް ބެލެން އެބަ އޮތެވެ. އެ ގޕތުން ޗައިނާއަށް ރާއްޖޭން ލޯނު ދައްކާއިރު ފައިސާ ދައްކަން ޖެހޭނީ އަސްލު ހަރަދުވި މިންވަރު ބަލައި އެ އަދަދަށް މަދުކޮށްފައި ކަމަށާއި އެއަށްވުރެ އިތުރަށް ދައްކަން ޖެހޭނެނަމަ ތަކުރާރުކޮށް އެ ވާހަކަތައް ދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ތަނަށް ހަރަދު ކުރި ވަރު އެނގޭނެ، އެެހެރީ ކޮންކްރީޓް ފެންނާނެ، އޭތި މިނޭނެ، އެ ކިރޭނެ، އެ އަދަދަށް އަޅުގަނޑުމެން ފައިސާ ދައްކަން ޖެހޭނީ، އެކަމަކު އެއަށްވުރެ އިތުރަށް ފައިސާ ދެއްކުމަކީ ތިޔަ ބޭފުޅުން (ރައްޔިތުން) ގެ އަތުން ދައްކަން އޮތް ފައިސާއެއް، އިތުރުވައި ބައި ކަނޑާލަން ދެން އެ ވާހަކަ ތަކުރާރުކޮށް ދައްކާނަން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގައުމުތަކަށް ލޯނު ދޫކުރުމުގައި ޗައިނާއިން އަމަލު ކޮށްފައި ވަނީ އެ ގޮތަށެވެ. ޗައިނާއިން އެ ގޮތަށް ލޯނު ދޫކުރި ބައެއް ގައުމުތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ގޮތުން ސްރީލަންކާއާއި ޖިބޫޓީއާއި އީސްޓް ޓީމޯރްގެ ނަން ނަޝީދު ވިދާޅުވި އެވެ.