ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޕީޕީއެމް އަނބުރާ ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ: ޖަމީލު

ސަރުކާރުގެ ތެރެއިން އިސްލާހީ ބަދަލު ނުފެނުމުން އިދިކޮޅު ޕީޕީއެމްއާއެކު އިސްލާހީ މަސައްކަތް ކުރަން ޖެހިއްޖެ ކަމަށާއި މި ރާއްޖޭގެ ވެރިކަމަށް ޕީޕީއެމް އަނބުރާ އަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އދ. މަހިބަދޫގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މިހާރު އޮތް ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވީ އިސްލާހީ ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް އަލުން އަނބުރާ އިސްލާހީ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި ދެވަނަ ފަހަރަށް އެ ކަމެއް ކުރަން ޖެހުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިމިގެން ދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ކުރަމުން އައި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށާއި ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމް ދީން ކަމާއި މިއީ އެއްބައިވަންތަ ބައެއް ކަން، އަލުން ބަލުން އެ މަސައްކަތް ކުރަން ޖެހުމުން ދެރަވޭ، ހަގީގަތުގައި މި ތަނަށް އައިސް މި ހުރީ ހިތުގައި އޮތް ބޮޑު ރިހުމަކާއެކު،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިހާރު ފެންނަމުން ދަނީ އަނެއްކާ ވެސް ބަދަލު ހިފުމުގެ މަސައްކަތްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރަށް ކުރިން ރައީސް ކަން ކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ކުރިން ތިއްބެވި ބޭފުޅުންނަށް ނުހައްގު އަދަބު ލިބުމަކީ އެއްވެސް އިރެއްގައި ގަބޫލު ކުރެއްވި ހަމައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ނުވިސްނޭ ރައީސް ކަން ކުރައްވާ ބޭފުޅުންނާއި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންނާއި ފުލުހުންނާއި ސިފައިން ކުރައްވާ ބޭފުޅުންނާ. ޕީޕިއެމް އަނބުރާ މި ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ. މި ގޮތް ބަދަލު ކުރަން ޕީޕީއެމް އަނބުރާ ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ،" ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އިންނެވި ޖަލްސާގައި ޖަމީލު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޒަމާންތަކެއް ފަހުން އަނެއްކާ ވެސް ޕީޕީއެމްއާއެކު މަސައްކަތް ކުރަން ފުރުސަތު ދިނުމުން ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއަކީ އަބަދުވެސް ޕީޕީއެމްގެ ފިކުރު ކަމަށްވާ، ގައުމިއްޔަތުގެ ފިކުރުގެ ބޭފުޅެކެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ވެސް އަސަރުތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ޒަމާންތަކެއް ވަންދެން ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެއް ބައެއްގެ ގޮތުގައި އުޅެމުން ދިޔަ ބައެއް ކަމަށެވެ. އޭގެ ސަބަބަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީނާއެކު ޑރ. ޖަމީލު މިއަދު އދ. މަހިބަދޫއަށް ވަޑައިގެންނެވިއިރު، މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް އެމަނިކުފާނު އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވާފައެއް ނުވެ އެވެ.