ރައީސް އަބްދުﷲ ޔާމީން

އެމްޑީޕީގެ ހާރިޖީ ސިޔާސަތާއެކު ގައުމުގެ މަސްލަހަތެއް ނެތް: ޔާމީން

އެމްޑީޕީ އިސްވެ ހިންގަމުން ގެންދާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި އޮތީ ވަކި ގައުމެއް ބޭނުންވާ ގޮތަށް ކަންކަން ކުރާ ގޮތަކަށް ވުމުން އެ ސިޔާސަތާއެކު ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު ނެތް ކަމަށް އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގައި މިރޭ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފިކުރު ގަބޫލު ކުރާ ގޮތަކީ ރާއްޖޭގައި އޮންނަން ވާނީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި ދިވެހިންގެ މައްޗަށް ބަސް ކިޔެން ވާނީ ދިވެހިން ކަމަށެވެ. އަދި ދިވެހިންގެ ދާހިލީ ކަންކަމާއި ހާރިޖީ ކަންކަން ނިންމުމުގައި ފުރިހަމަ ސިޔާދަތާއި ބާރު ދިވެހިންނަށް ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އުފާ ފާގަތި ކަމާއި އަދި ރައްޔިތުންނަށް މަސްލަހަތު ކުރިއަށް ގެންދެވޭނީ މި ފިކުރު އޮވެގެން. އެހެން ގައުމުތަކަށް ބަރޯސާވާ ހާރިޖީ ސިޔާސަތަކީ ރައްޔިތުންގެ މަސްލަހަތު އޮތް ގޮތެއް ނޫން. އެއީ ރާއްޖޭގެ މަސްލަހަތު އޮތް ގޮތެއް ވެސް ނޫން. އަޅުގަނޑުމެން ގައުމުގެ ތަރައްގީގެ މަޝްރޫއުތަކެއް އެ މިސްރާބަކަށް ނުހިނގާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ވިސްނުމުގައި އިސްލާމް ދީނަށާއި އިންސާނީ ކަރާމާތަކަށް ޖާގަ ނުދޭ ކަމަށާއި ރާއްޖޭގެ ސިޔާދަތަކަށް ވެސް ފުރުސަތު ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހާރިޖީ ސިޔާސަތަކީ ބަވަނަވެފައިވާ ދުނިޔެއަކަށްވާތީވެ ބޮޑެތި ގައުމުތަކުގެ ދަށުގައި ގައުމު އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރާ ސިޔާސަތައް ކަމަށެވެ.

"އެ ބުނާ ބުނުމަކީ ހަމަ ކަނޑައެޅިގެން އަޅުގަނޑުމެން އިންކާރު ކަމެއް. ދުނިޔޭގެ އިގްތިސާދު ބަވަނަފައި އޮތުމަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ވަކި ގައުމަކަށްޓަކައި ވަކި ގޮތަކަށް ބައްޓަން ކުރަން މަޖުބޫރުވާ ކަމެއް ނޫން. ގައުމުގެ ދާހިލީ ހަމަޖެހުން ވެސް އޮތީ މިއީ މިނިވަން އިގްތިސާދަކާއި އިސްލާމް ދީނުގެ މަތީގައި އޮތުމަށް ބާރު އަޅާ ހާރިޖީ ސިޔާސަތަކާާއެކު." ރައީސް ޔާމީން ވިދާޅުވި އެވެ.