ބޮލީވުޑް

ކައިވެނި ރޫޅުމުގައި މީހެއްގެ އަތެއް ނެތް: ދިއާ މިރްޒާ

ދިއާ މިރްޒާ އާއި ފިރިމީހާ ސާހިލް ސަންގާގެ ކައިވެންޏަށް ނިމުން އައިކަމުގެ ޚަބަރުތައް ގިނަ ބަޔަކު އެހީ ހައިރާންކަމާ އެކުގަ އެވެ.

ފަސް ވަރަކަށް އަހަރު ވެފައިވާ މި ކައިވެނި ރޫޅުނު ޚަބަރަކާއެކު ކައިވެނި ރޫޅެން މެދުވެރިވީ ސަބަބުތައް ކަމަށް ބުނެ ތަފާތު ވާހަކަތައް ދެކެވެން ފެށި އެވެ. އެގޮތުން އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ލިޔުންތެރިޔާ ކަނިކާ ދިލަން އާއި ސާހިލްގެ ގާތް ގުޅުމެއް އޮންނަ ކަމުގެ ވާހަކަ އެވެ. ނަމަވެސް މި ވާހަކަތައް ދިއާ ދޮގު ކުރެ އެވެ. ދިއާ ބުނާ ގޮތުގައި އޭނާގެ ކައިވެނި ރޫޅުމުގައި އިތުރު މީހެއްގެ އަތެއް ނުވެ އެވެ.

ޚުދް ކަނިކާ ވެސް މި ވާހަކަތައް ދޮގު ކުރެ އެވެ. ކަނިކާ ބުނިގޮތުގައި ދިއާ އަދި ސާހިލް އާ ވެސް މިހާތަނަށް އޭނާ އެންމެ ފަހަރަކުވެސް ބައްދަލުވެފައި ނުވެ އެވެ.

ދިއާ އާއި ސާހިލް ކައިވެނިކުރީ 2014 ވަނަ އަހަރު އެވެ. އެއީ 11 ވަރަކަށް އަހަރު ރައްޓެހިވެގެން އުޅުމަށް ފަހުގަ އެވެ.
ދެ މީހުން ވަކިވާކަން އިއުލާން ކުރަމުން ސޯޝަލް މީޑިއާގައި ދެ މީހުން ގުޅިގެން އާއްމުކުރި ބަޔާނެއްގައި ދިއާ ބުނެފައިވަނީ އޭނާ އާއި ސާހިލް ވަކިވިޔަސް އެކުވެރިންގެ ގޮތުގައި އަބަދުވެސް ތިބޭނެ ކަމަށެވެ. އަދި ލޯތްބާއި އިހްތިރާމް އަބަދުވެސް އެކަކު އަނެކަކަށް އޮންނާނެ ކަމަށެވެ.