ބޮލީވުޑް

"ބޫމް" ނާކާމިޔާބުވުމުން ގޭގެ ފަރުނީޗަރު ވެސް ވިއްކި: ޓައިގާ

ޓައިގާ ޝްރޮފް އަކީ މިހާރު ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށްވީ ނަމަވެސް އޭނާ ކުޑައިރު ވަރަށް ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނެވެ. ސީކިއު މެގަޒިން އަށް ޓައިގާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާގެ މަންމަ އައިޝާ ޝްރޮފް ޕްރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "ބޫމް" ނާކާމިޔާބު އެ އާއިލާއަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ.

"ބޫމް" އަކީ 2005 ވަނަ އަހަރު އަމީތާބް ބައްޗަން އާއި ކެޓުރީނާ ކައިފް ލީޑް ރޯލަށް ލައިގެން އައިޝާ ޝްރޮފް ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމު ސިނަމާގައި އެޅުވުމުގެ ކުރިން ލީކްވެ ބޮޑު ފްލޮޕަކަށް ވިއެވެ. ޓައިގާއަށް އޭރު އެންމެ 11 އަހަރު ނަމަވެސް އާއިލާއަށް ލިބުނު ފައިސާގެ ގެއްލުން އޭނާއަށް އިހްސާސް ކުރެވުނެވެ.

"އަހަރެން ހަނދާން އެބަހުރި ގޭގައި ހުރި ފަރުނީޗަރު ފަހަރަކު އެއްޗެއް ވިއްކި ދުވަސް. އެންމެ ފަހުން އަހަރެން ނިދާ އެނދަށް ދަންދެން ވިއްކާލައި ތަޅުންގަނޑުގައި ނިދަން ޖެހުނު. އެއީ ހަޔާތުގައި މިހާތަނަށް ދިމާވި އެއް ހިތްދަތި ދުވަސްތައް،" ޓައިގާ ބުންޏެވެ.

ޓައިގަ ބޮލީވުޑަށް ނުކުތީ 2014 ގައި ރިލީޒްކުރި "ހީރޯ ޕަންތީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ބާޣީ" އާއި "ބާޣީ 2" ކުޅެފަ އެވެ. އަދި މި ދެ ފިލްމަށް ވަރަށް ރަނގަޅު ކާމިޔާބެއް ވެސް ވަނީ ލިބިފަ އެވެ. ނަމަވެސް ޓައިގާގެ އެންމެ ފަހުން ރިލީޒްވި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އެކަށީގެންވާ ވަރަށް ހިނގާފައެއް ނުވެ އެވެ.

ދެން އެންމެ އަވަހަށް ރިލީޒްވާނެ ޓައިގާގެ ފިލްމަކީ ރިތިކް ރޯޝަން އާއެކު އޭނާ ކުޅެފައިވާ "ވޯ" އެވެ. ފިލްމުގެ ޝޫޓިން މީގެ ހަފުތާއެއް ކުރިން ނިމިފައިވާއިރު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. ޔާޝްރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރާ މިފިލްމުގެ ބަތަލާއަކީ، ވާނީ ކަޕޫރެވެ.