ހަބަރު

ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމަކަށް ސްމިތު

Sep 6, 2019
10

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މަގާމްއަށް އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް (ސްމިތު) އައްޔަން ކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްމިތަށް މަގާމް ދެއްވީ މިދިޔަ ބުދަ ދުވަހުގަ އެވެ.

ސްމިތަކީ ރައީސް ސޯލިހު ސަރުކާރުގެ ކުރީ ކޮޅު ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު އަށް ހަމަލާ ދިން މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ. އެހެން ނަމަވެސް ހައްޔަރު ކުރުމަށް ފަހު ވަރަށް އަވަހަށް އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމަށްވެސް ސްމިތަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

އޭގެ އިތުރުން ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައަކާ ގުޅިގެން ވެސް ސްމިތު ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ. އޭރު ދެކެވުނީ ސްމިތު ހައްޔަރު ކުރީ ސިޔާސީ ބޭނުމަކަށް ކަމަށެވެ. އެމްޑީޕީގެ ގިނަ މުޒާހަރާތަކެއްގެ ތެރެއިން ވެސް އޭނާ ހައްޔަރު ކޮށްފައި އެވެ.

ރައީސް ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ ސިޔާސީ 334 މީހުން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި 465 ސިޔާސީ މަގާމް އޮތް ކަމަށެވެ.