ވޯލްޑްކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް ކުޅުނު ގައުމީ ޓީމު މާލެ އައިސް ހޮޓެލް ޖެންގައި ކޭމްޕް ކުރަން ހަމަޖައްސައިފި އެވެ.
ރާއްޖެ އައުމުގެ ދަތުރު މަތީގައި ތިބި ޓީމު މިރޭ މާލެ އަންނާނެ އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވިދާޅުވީ ހޮޓެލް ޖެންގައި ކޭމްޕް ކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.
"ނަމެވެސް ވިސްނުންތަކެއް އެބަހުރި ކުޅުންތެރިންނަށް އާއިލާއާއެކު ވަގުތުކޮޅެއް ހޭދަ ކުރަން ފުރުސަތު ދިނުމަށް ފަހު ހޮނިހިރު ދުވަހު ޖެންއަށް އަންނަ ގޮތަށް ރާވަން ވެސް،" ޔާމީން ވިދާޅުވި އެވެ.
އަންނަ އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު ނިމެންދެން ޖެންގައި ޓީމުގެ ކޭމްޕް ކުރަން ވަނީ ނިންމާފަ އެވެ. ގައުމީ ޓީމު މިރޭ މާލެ އަންނަނީ 25 ދުވަހު ބޭރުގައި ހޭދަ ކުރުމަށް ފަހު އެވެ.
ގުއާމް މެޗުގައި ބައިވެރި ނުވެވުނު ތިން ކުޅުންތެރިން ކަމަށް، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސައިން ނިހާން (ނިޙާޓް) އަދި ހުސައިން ޝަރީފް ވެސް ޖެންގައި ކުރާ ކޭމްޕްގެ ތެރެއިން ގައުމީ ޓީމާ ގުޅޭނެ އެވެ.
އިއްބެ އަށް ގުއާމް މެޗަށް ނެދެވުނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އޭނާގެ އާއިލާގެ ހަތަރު މެންބަރު މަރުވުމުން އާއިލާއާއެކު ހުރުމަށް ރާއްޖެ އަންނަން ޖެހިގެނެވެ. ނިހާޓް އާއި ހުސައިން ގުއާމް އަށް ނުދެވުނީ ވިސާ ނުލިބުމުންނެވެ.
ގުއާމް އާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 1-0 ންނެވެ. ރާއްޖޭގެ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގަނޑު އެވެ.