ލައިފްސްޓައިލް

މަންމައިން ހަޅޭއްލަވައިގެން ގެންގުޅޭ އަންހެންދަރިން މާ ކާމިޔާބު!

އަންހެންދަރިން ގެންގުޅޭ މައިންނަނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. ސައިންސްވެރިން ހޯދި ހޯދުމަކުން ހާމަވެފައިވާ ގޮތުގައި މަންމަ އަބަދު އަބަދު ހަޅޭއްލަވާ ހަރުކަށިކޮށް ގެންގުޅޭ ކުދިން މަންމަ އަޅާ ނުލާ ދޫކޮށްލާފައި ތިބޭ ކުދިންނަށް ވުރެ މަ ކާމިޔާބެވެ.

އަންހެން ދަރިންގެ ކަންތައްތައް މަންމައިން ބަލަހައްޓާ ވަރުން ބައެއް ފަހަރަށް އެކުދިންނަށް ރަނގަޅަށް ފިޔަވަޅެއް ވެސް ނޭޅެ އެވެ. ބައެއް މަންމައިންގެ ހަރުކަށިކަމުން ދަރިން ރުޅިއައިސް މޫނުމަތީ ބަސް ބުނެ އަރާރުންވެ އުޅޭތަން ވެސް އާދެ އެވެ. އަދި މަންމައަށް އަޑު ނީވޭ ވަރަށް ކުދިކިޔާ ކުދިން ވެސް މަދެއް ނޫނެވެ. ސައިންސްވެރިން ބުނަނީ މިގޮތަށް ދަރިން ބެލުމުގައި ހަރުކަށި މައިންބަފައިން އެކަން އެގޮތަށް ކުރާތީ ދަރިންނަށް ވަރަށް ފައިދާ ކުރާ ކަމަށެވެ.

އުމުރުން 13 އަހަރާއި 14 އަހަރާ ދެމެދުގެ 15،000 ކުދިން ހަ އަހަރު ވަންދެން ދިރާސާ ކުރުމަށްފަހު ނެރެފައިވާ މި ރިޕޯޓުގައިވާ ގޮތުން ކުދިން އުޅޭ ނޫޅޭ ރަނގަޅަށް ބަލައި ކަންތައްތައް ގަޑިން ގަޑީއަށް ކުރަން ބާރުއަޅާ މަންމައިންގެ ދަރިން މަތީ ތައުލީމު ހާސިލުކުރާލެއް ގިނަ އެވެ. އަދި އެފަދަ ގިނަ ކުދިންނަށް ބޮޑެތި މުސާރަތައް ލިބޭ ރަނގަޅު ވަޒީފާތައް ލިބެ އެވެ.

ގިނަ ފަހަރަށް މަންމައިން ދަރިންނަށް އެއްޗެތި ކިޔައިގެން ވެސް ކަންކަން ކުރުވަނީ އެ ކުދިންނަށް ރަނގަޅަކަށެވެ. އެކުދިންނާ މެދު އެ މަންމަގެ އޮންނަ އުންމީދެއްގެ ބޮޑު ކަމުންނެވެ. މި ހޯދުމުން ފާހަގަ ކޮށްލެވުނު އަނެއް ކަމަކީ ކުދިންނާ ވާހަކަ ދައްކާއިރު އެކުދިން އަޑުނާހާހެން ހީވިޔަސް ހަގީގަތުގައި މަންމަ ކިޔާ ހުރިހާ އެއްޗެއް އެ ކުދިންނަށް އަޑު އިވޭ ކަމެވެ.

ބޮޑެތި ނިންމުންތައް ނިންމުމުގައި މައިންބަފައިން ޚާއްސަކޮށް މަންމަގެ ނުފޫޒު ކުދިންނަށް ވަރަށް ބޮޑުކަމަށް ވެސް މި ހޯދުމުގައި ވެއެވެ.

ކުދިން ގިނައިން ކަންތައް ކުރަނީ މަންމަ ބުނާ ގޮތަކަށް ވުރެ އެކުދިންނަށް ފެންނަ ގޮތަކަށެވެ. މައިންބަފައިން ނުފޫޒު ނުފޯރުވާތާ ކުދިން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކުދިންގެ މުހިއްމު ނިންމުންތަކަކަށް މަންމައިން ނުފޫޒުފޯރުވަ އެވެ. އަދި މަންމަ ބުނާ ގޮތަށް ކަންތައް ކުރަން މަޖްބޫރު ކުރުވަ އެވެ.

ސައިންސްވެރިންގެ ހޯދުމުން ދެއްކިގޮތުގައި ކުދިން މަގުން ކައްސާލަން އުޅޭއިރު އެކުދިން ހަމަ މަގަށް އެޅެނީ މަންމަ ހަރުކަށި ވެގެންނެވެ. އާއްމުކޮށް މިފަދަ ކުދިންނަކީ ތައުލީމަށް އެންމެ މޮޅު ކުދިންނަކަށް ނުވެ އެވެ. ނަމަވެސް މަންމަގެ ހަރުކަށިކަމުން މިކުދިން ގޯޅިނާޅާ ސަލާމަތްވެ ރަނގަޅު ދިރިއުޅުމެއް ހޯދުމުގައި ކާމިޔާބު ވެއެވެ.

ޒުވާން ވަމުން އަންނަ ދުވަސްވަރު މަންމަގެ ހަޅޭއްލެވުމާއި ހަރުކަށިކަމާ ކުރިމަތިލާން ޖެހުނު އަންހެންކުދިން ވަރަށް ގިނަ ވާނެ އެވެ. މިފަދަ ގިނަ ކުދިންނަށް މަންމަ އޭރު ކަންތައްކުރީ ރަނގަޅަށް ކަން ވިސްނޭނީ އުމުރުން ޒުވާންކަމުގެ ޖޯޝް ކުޑަވުމުންނެވެ.