އޮފްބީޓް

މާ ރީތި ކަމަށް ހެދިގެން އުޅުނު އަންހެނަކު ބޭޒާރުވެއްޖެ

މިހާރުގެ ސްމާޓް ފޯނުތަކުގައި ހުންނަ ބިއުޓީ ފީޗާއަކީ ބައެއް ކުދިން މަޖަލަކަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް އަނެއް ބަޔަކު މި ފީޗާ ބޭނުން ކުރަނީ ތިމާގެ ސިފަ އެހެން މީހުންނަށް އޮޅުވާލުމަށެވެ. ބިއުޓީ ފީޗާ ބޭނުން ކޮށްގެން ނަގާފައި ހުންނަ ފޮޓޯގައި ހުންނަ މީހާ އަސްލު ފެނުމުން އެއީ އެމީހާކަން ނޭނގޭ ވަރަށް ބައެއް މީހުން ޒުވާންވެ ރީތިވެފައި ތިބެ އެވެ.

ޗައިނާގެ ވްލޮގާ އަކަށް ދާދި ފަހުން ދިމާވި މި ހާދިސާއަކީ ވެސް މިފަދަ ހާދިސާ އެކެވެ.

އޮންލައިން ވެގެން އޭނާގެ ރީތިކަމާއި ޒުވާންކަން ސްޓްރީމްކޮށް އެތައް ހާސް ބަޔަކަށް ކޮންމެ ދުވަހަކު ދައްކަމުން ދިޔަ މި އަންހެންމީހާ އެއް ދުވަހަކު އޭނާގެ ރީތިކަން ސްޓްރީމްކުރަމުން ދަނިކޮށް ކުއްލިއަކަށް ބިއުޓީ ފިލްޓަރުގައި މައްސަލައެއް ދިމާވެ އޭނާގެ އަސްލު ސޫރަ ބެލުންތެރިންނަށް ހާމަވީ އެވެ.

ވަރަށް ރީތި ވަރަށް ޒުވާން އަންހެންކުއްޖެއްގެ ގޮތުގައި މީހުންނަށް ފެންނަމުންދިޔަ މި މީހާ ހަގީގަތުގައި ވީ 58 އަހަރު ވެފައިވާ މުސްކުޅި އަންހެނަކަށެވެ.

"ޔުއަ ހައިނަސް ކިއާއޯބިލޫއޯ" ގެ ނަމުން އޮންލައިންގައި މަޝްހޫރު މި މީހާ މަޝްހޫރު ކަމުން އޭނާ ފޮލޯކުރާ މީހުންގެ އަދަދުވެސް 130،000 އަށް އަރަ އެވެ. ފޮލޯ ކުރާ މީހުން އެ އަންހެން މީހާއަށް ފައިސާ ވެސް ހަދިޔާ ކުރެ އެވެ. އޭނާ ހަމަލޮލުން ދެކިލާ ބައްދަލުވެލުމުގެ އުންމީދުގަ އެވެ. ކިއާއޯބިލޫއޯ ބުނެފައިވަނީ އޭނާއަށް އެމީހުންނާ ބައްދަލު ކުރެވޭނީ 100،000 ޔުއާން (14،500 ޑޮލަރު) ގެ ޑޮނޭޝަން ލިބުމުން ކަމަށެވެ.

ނަމަވެސް ނަސީބު ދިމާކުރި ގޮތުން އެވަރަށް ފައިސާ ހަމަނުވަނީސް އަންހެންމީހާ ފަޅާ އެރީ އެވެ. އެއް ދުވަހު އޮންލައިންވެ ސްޓްރީމް ކުރަމުން ދަނިކޮށް ބިއުޓީ ފިލްޓާ ރަނގަޅަށް މަސައްކަތް ނުކޮށް އޭނާގެ އަސްލު ސޫރަ ބޭޒާރުވީ އެވެ.
ނަމަވެސް ފަޅާއެރުމުން ދެރަ ނުވާން ވެގެން އަންހެންމީހާ ބުނެފައިވަނީ އޭނާގެ އަސްލު ސޫރަ ދައްކާލީ ހަމަ ގަސްތުގައި ކަމަށެވެ. އަދި އެ ދުވަހުގެ ފަހުން އޭނާ ފޮލޯކުރާ މީހުން މާ ގިނަ ވެއްޖެ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.