މެސީ

ބާސާ ދޫކޮށްލުމުގެ އިހުތިޔާރު މެސީއަށް އެބައޮތް: ބާޓްމެއު

މި ސީޒަނަށް ފަހު އެފްސީ ބާސެލޯނާ ދޫކޮށް، ހިލޭ ޓްރާންސްފާއެއްގެ ދަށުން އެހެން ޓީމަކަށް ދިއުމުގެ އިހްތިޔާރު ކެޕްޓަން ލިއޮނަލް މެސީ އަށް އެބައޮތް ކަމަށް އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓްމެއު ވިދާޅުވެއްޖެ އެވެ.

މެސީ އާއެކު 2017 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ އެއް އަހަރު ކުރިން އެ ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު މެސީއަށް ލިބޭނެ ކަމަށް ބާޓްމެއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ކެޕްޓަނުން ކަމަށްވާ، ޒަވީ ހެނާންޑޭޒް އާއި އިނިއެސްޓާ، ޕްޔޮލް އާއެކު ބާސާއިން ހެދި އެއްބަސްވުންތަކުގައި ވެސް އެ ކުޅުންތެރިންނަށް އެ އިހުތިޔާރު ދީފައި ވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މި ސީޒަން ނިމުމުން، މެސީ ބޭނުން ވެއްޖެ ނަމަ ހިލޭ އެހެން ޓީމަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

"އެކަމަކު އަހަންނަށް ޔަގީން މެސީ މި ކުލަބު ދޫކޮށް ނުލާނެކަން،" ބާޓްމެއު ވިދާޅުވި އެވެ. "އަހަރެން މިހުރީ ވަރަށް ހަމަޖެހިލައިގެން، ލިއޯ އަކީ ބާސެލޯނާއަށް ވަފާތެރި ކުޅުންތެރިޔެއް، އަހަންނަށް ޔަގީންކަން އޮވޭ އެހެން ކުލަބަކަށް އޭނާ ނުކުޅޭނެކަން، އަހަންނަށް ޔަގީން 2021 ވަނަ އަހަރުގެ ފަހުން ވެސް އޭނާ މި ޓީމުގައި ހުންނާނެ ކަން."

ބާސާގެ ފައިނޭންސް އަދި މާކެޓިން ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ މަގާމުވެސް ކުރިން އަދާ ކުރި ބާޓްމެއު ވިދާޅުވީ މެސީއާ އެއްކޮށް ކުޅޭން ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ބާސާއަށް ގެނައުމަކީ ބާސާއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

ބާސާއިން ވަނީ ނިމިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ނޭމާ ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެ ކުލަބަށް އެކަން ކާމިޔާބު ނުވީ ޕީއެސްޖީން ހުށަހެޅި ޕެކޭޖުގެ އަގު ބޮޑު ވުމުންނެވެ. ބާޓްމެއު ވިދާޅުވީ ޖެނަވަރީ ޓްރާންސްފާ ޕީރިއަޑްގައި ފުރުސަތު އޮތަސް މި ސީޒަންގައި ދެން ނޭމާ ނުގެންނާނެ ކަމަށެވެ.