ހަބަރު

ގިނަ މުވައްޒިފުންތަކެއް ވަކިކޮށް، ވީމީޑިއާ ކުޑަކޮށްލަނީ

ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު، ގާސިމް އިބްރާހިމްގެ މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކޮށް ހިންގުމުގެ ޚަރަދުތައް ކުޑަކުުރަން ނިންމައިފި އެވެ.

އައިލެންޑް ބްރޯޑްކާސްޓިން ކޮންޕެނީގެ ދަށުން ހިންގަމުން ގެންދާ ވީމީޑިއާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަމިއްލަ މީޑިއާ ހައުސްއެވެ. ވީމީޑިއާގެ ދަށުގައި ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އާއި އޮންލައިން ނޫހެއް އޮވެ އެވެ. އަދި މީގެ ކުރިން "ވީކްލީ" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ވެސް ނެރުނެވެ.

އައިލެންޑް ބްރޯޑްކާސްޓިން ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ފާތިމަތު ތަސްލީމާ ސޮއި ކުރައްވާ ވީމީޑިއާގެ މުވައްޒިފުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ވާގޮތުން ގިނަ އަދަދެއްގެ މުވައްޒިފުން އެ ކުންފުނިން ވަކިކުރަން ވަނީ ނިންމާފަ އެވެ.

އޭގައި ބުނެފައި ވަނީ އެފަދަ ނިންމުމެއް ނިންމަންޖެހުނީ ކުންފުނި ހިންގަން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް އިތުރުވެ ލިބޭ އާމްދަނީގެ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީ ކަމަށެވެ. އަދި މުހިންމު ގިނަ އަދަދެއްގެ މުވައްޒިފުން ދޫކޮށްލަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ވެސް އެ ލިޔުން މެދުވެރިކޮށް ތަސްލީމާ އަންގާފައި ވެއެވެ.

ވީމީޑިއާގައި މިވަގުތު ތިބީ 90 މުވައްޒިފުންނެވެ. ތަސްލީމާގެ އެންގުމުގައި ވާގޮތުން އޭގެ ތެރެއިން 40 މުވައްޒިފުން ވަކި ކުރާނެ އެވެ. އަދި މުވައްޒިފުންގެ މުސާރައަށް މިހާރު ޚަރަދުވާ 1.3 މިލިއަން ރުފިޔާ، 750,000 ރުފިޔާއަށް ރުފިޔާއަށް ކުޑަކުރާނެ އެވެ.

އަދި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވީމީޑިއާއިން ހިންގާނީ މުވައްޒިފުން މަދު ޓީވީ ސްޓޭޝަނަކާއި، އޮންލައިން ނޫހެއް ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ވީއެފްއެމްގެ ޚިދުމަތް ރަސްމީކޮށް ހުއްޓާލާނެ އެވެ.

މީޑިއާއިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކޮށް ވީމީޑިއާގެ ހިންގުމުގެ ޚަރަދު ކުޑަ ކުުރަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެފަދަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. ކުރިން އެފަދަ ފިޔަވަޅުތަކެއް އެޅީ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އެވެ.