ވީމިޑިއާ

ގާސިމްގެ ވީމީޑިއާ ވަގުތީ ގޮތުން ހުއްޓާލަނީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީމީޑިއާ ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒިފުންނަށް އަންގައިފި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތަކާއެކު ވީމީޑިއާގެ ދަށުން ހިންގާ ވީޓީވީ އާއި ވީއޮންލައިން ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް އަންގާ އެ ތަންތަން ހިންގާ އައިލެންޑް ބްރޯޑްކާސްޓިންއިން މިއަދު މުވައްޒިފުންނަށް ވަނީ މެމޯއެއް ފޮނުވާފަ އެވެ.

އެ މެމޯގައި ބުނަނީ ކުންފުންޏަށް ލިބެމުން ދިޔަ އާމްދަނީ މުޅިން ހުއްޓިފައިވާ ކަމަށެވެ. އަދި މުވައްޒިފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި މިހާރު ދިމާވެފައިވާ ހާލަތުގައި ކުންފުނި އިތުރަށް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން މީޑިއާގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް މެމޯގައި ވެއެވެ.

އަދި އޭޕްރީލް، މެއި، ޖޫން މި ތިން މަހު މުވައްޒިފުންނަށް ދެވޭނީ 2،222 ރުފިޔާ ކަމަށާ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް މުސާރަ އާއި ރޯދަ އިނާޔަތް ޖަމާ ކުރުމަށް ފަހު އަންގާނެ ކަމަށާއި އެގޮތަށް ނިންމީ މި ހާލަތުގައި ވެސް އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކޮށް ކުންފުންޏަށް ލިބޭ ފައިސާއެއް ހުރިހާ މުވައްޒިފުންނަށް ހަމަހަމަކޮށް ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެ މެމޯގައި ބުނެފައި ވެއެވެ.

އިތުރަށް ބުނެފައި ވަނީ މިހާރު އޮތް ހާލަތުން އަރައި ނުގަނެވިއްޖެނަމަ ޖޫން މަހުގެ ފަހުން މުވައްޒިފުންގެ ވަޒީފާއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަން އަންގާނެ ކަމަށެވެ.

ވީމީޑިއާގެ ވީޓީވީއަކީ މިވަގުތު ރާއްޖޭގައި ހިންގަމުންދާ 11 އަހަރުވެފައިވާ އެންމެ ދުވަސްވީ އަމިއްލަ ޓީވީ ޗެނަލެވެ. އެ ޗެނަލްގައި ކުރިން 100 ވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރި ނަމަވެސް ގިނަ މުވައްޒިފުންތަކެއް ވަޒީފާއިން ވަކި ކުރުމުން މިހާރު ވަޒީފާގައި ތިބީ 30 މުވައްޒަފުންނެވެ.