ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރި ދަތުރުން، މިހާރުގެ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައިވާ މަންޒަރު ފެނިގެން ދިޔަ ކަމަށް އިދިކޮޅު ދެ ޕާޓީގެ ކޯލިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ކޯލިޝަންގެ އިސް ފަރާތްތަކުން އަތޮޅުތަކުގެ ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވި އެވެ.
އދ. އަތޮޅަށް އިދިކޮޅު ދެ ޕާޓީން ކުރި ދަތުރު ނިންމާލުމަށް ފަހު މީޑިއާއާ ބައްދަލު ކުރައްވައި ކޮންގްރެސްގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަަދުރޭ) ވިދާޅުވީ ތިން ރަށަށް ކުރި ދަތުރުން ފެނިގެން ދިޔައީ ދުވަހުން ދުވަހަށް ރައީސް ޔާމީނަށް ތާއީދު އިތުރުވަމުންދާ ކަން ކަމަށެވެ. އަދި މި ސަރުކާރަށް އޮތް ތާއީދު އެ ރަށްތަކުން މަދުވަމުންދާ ކަން ވެސް ފާހަގަކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައިވާ މަންޒަރު، މަހިބަދޫންނާއި ދަނގެތިންނާއި އަަދި ކުނބުރުދޫއިން ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެ މަންޒަރު، ސަރުކާރަށް އޮތް ތާއީދު ގެއްލި ރައީސް ޔާމީނަށް ތާއީދު އިތުރުވާ ކަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އދ. އަތޮޅުގެ ބައެއް ރަށްރަށަށް އިދިކޮޅު ދެ ޕާޓީން ކުރި ދަތުރަކީ މިހާރު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ އިތުރުން މިހާރު ރައްޔިތުންގެ ވިސްނުން ދެނެގަތުމަށް ކުރި ދަތުރެކެވެ. އަދި ރައްޔިތުންގެ ހިޔާލުގެ މައްޗަށް ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އަދި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ޖަމީލު ވަނީ ކައުންސިލް އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރަން ޖެހޭނެ ކަމަށާއި ޕީޕީއެމް އަނބުރާ ވެރިކަމަށް އަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.