ކްރިސްޓިއާނާ ރޮނާލްޑޯ

ނައިކީ އާއި ރޮނާލްޑޯގެ އަގު ބޮޑު ޑީލް ފަޅާ އަރުވާލައިފި

ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، އެމެރިކާގެ ނައިކީ އާއި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު ވެފައިވާ އަގު ބޮޑު އެއްބަސްވުން ޖަރުމަންގެ މަޖައްލާއެއް ކަމަށްވާ ޑާ ސްޕީގަލްއިން ލީކު ކޮށްލައިފި އެވެ.

ނައިކީ އާއެކު ރޮނާލްޑޯގެ އެއްބަސްވުމުގެ ދަށުން 10 އަހަރު ތެރޭ ރޮނާލްޑޯ އަށް 162 މިލިއަން ޔޫރޯ ނައިކީން ދޭނެ އެވެ. ނައިކީ އާއެކު ރޮނާލްޑޯގެ އެއްބަސްވުން އެންމެ ފަހު އާ ކުރީ 2016 ވަނަ އަހަރު އެވެ. އެއްބަސްވުމުގެ ދަށުން ރޮނާލްޑޯ އަށް އަހަރަކު 16.2 މިލިއަން ޔޫރޯ ލިބެ އެވެ.

އެ އައްބަސްވުމުގައި ވާގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދައިފިނަމަ އޭނާ އަށް ލިބޭ އަދަދު އިތުރު ވެގެން ދެއެވެ. އެގޮތުން 2016 އަދި 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދުމުން އޭނާ އަށްވަނީ އަހަރަކު 20.2 މިލިއަން ޔޫރޯ ދީފަ އެވެ.

ޑާ ސްޕީގަލްގައި ބުނެފައި މި އެއްބަސްވުން ހެދިފައި ވަނީ އަޔަލެންޑްގެ ޑުބްލިންގައި ނައިކީ އާއި ރޮނާލްޑޯގެ އިމޭޖު ރައިޓްސް ކުންފުނި ކަމަށްވާ ޕޮލާރެސް ސްޕޯޓްސް ލިމިޓެޑްއާ ދެމެދުގައި ކަމަށެވެ.

ނައިކީގެ އެންމެ އިސް ބްރޭންޑް އެމަބަސެޑަރަކީ ރޮނާލްޑޯ އެވެ. އެކަމާ ބެހޭގޮތުން ނައިކީން ބުނެފައި ވަނީ އެތުލީޓުންނާ މެދު ހެދޭ އެއްބަސްވުމާ ބެހޭގޮތުން މީޑިއާ އާ ވާހަކަ ނުދައްކާ ކަމަށެވެ. މިކަމާ ބެހޭގޮތުން ޕޮލާރެސް ސްޕޯޓްސް ލިމިޓެޑުން ވެސް އަދި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑެސް ވެސް ވާހަކަ ދައްކާފައި ނުވެ އެވެ.