ހަބަރު

ސައުތް އޭޝިއަން ޕާލިމެންޓްރީ މީޓިންގައި އަފާ ރާއްޖެ ތަމްސީލްކޮށްފި

Sep 7, 2019
1

ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި ރާއްޖެ ތަމްސީލްކޮށްފި އެވެ. މި މީޓިންގައި ދިވެހި ޒުވާނުންގެ ފަރާތުން ބައިވެރިވެފައިވަނީ ތިމާވެށީގެ ކަންކަމުގައި އަޑު އުފުލައި އަފާ ހުސެއިންނެވެ.

މިއީ މި މީޓިން ބޭއްވި ތިންވަނަ ފަހަރެވެ. މިފަހަރު ލަންކާގައި މީޓިން ކުރިއަށްދިޔައިރު އަންނަ އަހަރު މީޓިން އޮންނާނީ ރާއްޖޭގަ އެވެ.

މި މީޓިންއަކީ ޔޫނިސެފާ ގުޅިގެން ކުރިއަށް ގެންދިޔަ މީޓިންއެކެވެ. މި އަހަރު ހާއްސަކޮށްފައި އޮތީ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗިލްޑްރެން (ސީއާރްސީ)އަށް 30 އަހަރު ފުރުމާ އެވެ.

ތިމާވެށީގެ ހިމާޔަތަށް މަސައްކަތް ކުރާ "ބިލީފް" ޖަމިއްޔާގެ ފައުންޑާ އަފާ، ރާއްޖޭގެ ޒުވާނުން ތަމްސީލްކޮށްފައިވާއިރު މަޖިލިސް މެންބަރެއްގެ ގޮތުގައި މީޓިންގައި ބައިވެރިވެފައިވަނީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.

ލަންކާގައި ކުރިއަށް ދިޔަ މީޓިންގައި އަފާ ވަނީ ޒުވާނުންގެ އަޒުމުތަކާއި ލަނޑުދަނޑިތައް ފާހަގަކޮށް ސްޕީޗެއް ވެސް ދީފަ އެވެ. އޭގައި އޭނާ ވަނީ ސީއާރްސީ މުއާހަދާ އާއި ޒުވާނުންގެ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކުރާނެ ގޮތްތަކުގެ ހިޔާލު ވެސް ހުށަހަޅާފަ އެވެ. އެގޮތުން ޔުނިވާސިޓީތަކަށް ޔުނިސެފް ގެނެސް، ޒުވާނުން އިތުރަށް ހަރަކާތްތެރި ކުރެވިދާނެކަން ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން ޒުވާނުން ކުރިއަރުވައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ސަރުކާރާއި މަޖިލީހަށް ޕްރެޝަރު ކުރުމާއި މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ބާރު އެޅުންފަދަ ކަންކަން ކުރުމުގައި ދެމި ހުންނާނެކަން އަފާ ފާހަގަކޮށްފައިވެ އެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ވެސް ގޮވާލަމުންދާނެކަން އޭނާ ފާހަގަކުރި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މީޓިންގައި ސައުތް އޭޝިއަން ގައުމުތަކުގެ މަޖިލިސް މެންބަރުން ވަނީ ސަރަހައްދުގެ ކުޑަކުދިންގެ ހައްގުތަކާއި ޒުވާނުންގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. މި މީޓިންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ލަންކާ މަޖިލީހުގެ ރައީސް އެވެ.