ހަބަރު

ބަދަލުތަކާއެކު ސަލަފުގެ "ސަލާތުއެމްވީ" ނެރެފި

ސަލަފު ޖަަމިއްޔާގެ "ސަލާތުއެމްވީ" އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތައް ގެނެސްފި އެވެ.

ނަމާދު ވަގުތު އަންގައި ދިނުމާ، ނަމާދު ކުރާނެ ގޮތާއި ނަމާދުގައި ކިޔާ ދުއާތައް ހިމަނައިގެން 2013 ވަނަ އަހަރު ނެރެފައިވާ "ސަލާތުއެމްވީ" އެޕްލިކޭޝަން ބޮޑު ބަދަލުތަކެއްގެ ގެނައި އިރު އެޕްލިކޭޝަންގެ އާ އަޕްޑޭޓަކީ އެންޑްރޮއިޑް ފޯނުތަކަށް ނުކުތް އަޕްޑޭޓެކެވެ.

"ސަލާތުއެމްވީ" ގެ އައިއޯއެސް ވާޝަންގެ އަދި 10 ދުވަހުގެ ތެރޭގައި ނޭރެވޭވަރު ވާނެ ކަމަށް ވެސް ސަލަފުން ބުންޏެވެ.

"ސަލާތުއެމްވީ" އެޕްލިކޭޝަނަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން ސަލަފުގެ ނައިބު ރައީސް، އަދި މި އެޕްލިކޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު ޝައިހު ހަސަން މޫސާ ފިކްރީ ވިދާޅުވީ މިފަހަރު ނެރުނު "ސަލާތުއެމްވީ" ގެ އަޕްޑޭޓަކީ އެޕްގެ މުޅިން އާ ވާޝަނެއް ކަމަށާއި މިފަހަރު މުޅި އެޕްލިކޭޝަން އެއްކޮށް ބަދަލު ކޮށްފައިވާ ކަމަށެވެ.

”ފުރަތަމަ މި އެޕް އާންމު ކުރެވުނު ފަހުން ދެ ފަހަރަކު ވަނީ ކުދިކުދި ފިކްސިން އާއެކު އަޕްޑޭޓް ކުރެވިފަ، ނަމަވެސް މިފަހަރުގެ އަޕްޑޭޓް ވަރަށް ތަފާތު މުޅި އެޕްލިކޭޝަން އެކުގައި ވަނީ ބަދަލުކޮށްފައި،“ ފިކްރީ ވިދާޅުވި އެވެ.

މިފަހަރުގެ އަޕްޑޭޓްގައި ކުރީގެ އެޕްގައި ހިމެނިފައި ނުވާ ކަންކަން އިތުރުކޮށްފައި ވެއެވެ. އަދި ޑިޒައިން ވެސް ވަނީ ބަދަލު ކޮށްފަ އެވެ. އަދި ނަމާދު ގަޑިތަކުގައި ލެވޭ އެލާޓްތަކުގައި އިތުރު އިޚްތިޔާރުތައް ވަނީ ހިމަނާފަ އެވެ.

ދިވެހި، އަރަބި އަދި އިނގިރޭސި ބަހުން ބޭނުން ކުރެވޭ ގޮތަށް ފުރިހަމަ ކޮށްފައިވާ އެޕްގައި ނަމާދު ވަގުތުގެ ކުރިން، އެމީހަކު ބޭނުން ވަގުތަކަށް، އިތުރު އެލާޓްތައް ސެޓް ކުރެވެ އެވެ.

ނަމާދުގެ ރުކުންތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގެ ޒިކުރުތަކާއި އެ ޒިކުރުތަކުގެ މާނަ ހިމަނާފައިވާއިރު ކުރިން ވެސް ހިމެނޭ، ވުލޫ ކުރާނެ ގޮތާއި، ހިނައިގަންނާނެ ގޮތާއި، ތަޔައްމުމު ކުރާނެ ގޮތުގެ އިތުރުން ދަތުރުވެރިޔާގެ ނަމާދާ ގުޅޭ މައުލޫމާތުތައް، ހިމެނެ އެވެ.