ހަބަރު

ހައުސިން ޔުނިޓްތަކުގެ އަކަފޫޓަކަށް ޖެހެނީ 1450 ރުފިޔާ: ސަފީރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 7000 ސޯޝަލް ހަައުސިން ފްލެޓްތަކުގެ އަކަފޫޓަކަށް ޖެހޭނީ 1450 ރުފިޔާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިއަން ކޮމްޕެނީ (ސީއެސްސީއީސީ) އާއި ހަވާލު ކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 7000 ސޯޝަލް ހައުސިން ޔުނިޓާބެހޭ ގިނަ މައުލޫމާތު މިއަދު ހޯއްދަވާފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ސާފު ކުރެއްވި އިރު ކޮންޓްރެކްޓަރުގެ ފަރާތުން ހަތް ކަމެއް އެނގިވަޑައިގެންނެވި ކަމަށެވެ.

ހަތް ނުކުތާގެ މައްޗަށް އެކުލެވޭގޮތަށް " ހިޔާ" މަޝްރޫއުގެ އަގުތަކާގުޅޭ ބައެއް މައުލޫމާތުތައް ސަފީރު ހާމަ ކުުރެއްވީ ފްލެޓްތަކުގެ އަގާ ގުޅޭގޮތުން ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނަޝީދު ވަނީ ހިޔާ މަޝްރޫ ކުރިއަށް ގެންދަނީ ވަރަށް ބޮޑު އަގެއް ގައިކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އަކަފޫޓަކަށް 1900 ރުފިޔާ ޚަރަދުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ބަލައިގަނެވޭނެ އަދަދެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ޗައިނާ ސަފީރު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ސަފީރު ވިދާޅުވީ 7000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދަނީ 1450 ރުފިޔާއަށް އަކަފޫޓެއްގެ މަގުން ކަމަށެވެ. އަދި އެއީ މުޅި މަސައްކަތަށް ހޭދަވާ މިންވަރު ކަމަށް ސަފީރު ވިދާޅުވިއެވެ.

އެމްބެސެޑަރު ވިދާޅުވީ، އޭގެ ކޮންމެ ޔުނިޓެއް އިމާރާތް ކުރަން 62000 އެމެރިކާ ޑޮލަރު ހަރަދުވާ ކަމަށާއި، އޭގެ ތެރޭގައި ކޮމަން އޭރިއާ އާއި ޕާކިން ވެސް ހިމެނޭ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި 720.16 އަކަފޫޓް ހުންނާނެ ކަމަށާއި، އެހެން ކަމުން އަކަފޫޓަކަށް ޖެހެނީ 1327 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން މުޅި ޕްރޮޖެކްޓްގެ އިމާރާތުގެ އޭރިއާއަކީ 5،041،124 އަކަފޫޓް ކަމަށާއި، ފިނިޝިންއާއެކު އަކަފޫޓަކަށް ޖެހޭނީ 1450 ރުފިޔާ ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވި އެވެ.

އެ އަގުގެ ތެރޭގައި ޖިއޯޓެކް އިންވެސްޓިގޭޝަނާއި، މުޅި ޕްރޮޖެކްޓްގެ ޑިޒައިން އަދި ކޮންސަލްޓެންސީ ޗާޖުވެސް ހިމެނެ އެވެ. އަދި އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ވިޔަފާރި ލޯނެއްގެ ގޮތަށެވެ. އެ އަގުގެ ތެރޭގައި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާގެ އިތުރުން އިންޝުއަރެންސް ވެސް ހިމެނެ އެވެ. އަދި އެއީ އަގަށް ބަދަލު އަންނާނެ ކަންކަން ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ބޭނުންޖެހިއްޖެ ހާލަތަކަށް ސްޓޭންޑްބައި ޖަނަރޭޓަރުތައް ހުރެ އެވެ. އަދި 25 ބުރީގެ 16 ޓަވަރުގެ ފައުންޑޭޝަން އެޅުމަށްޓަކައި، 14000 ޕައިލްސް ޑިޒައިން ކޮށްފައި ވެއެވެ. ދެ އަހަރު ތެރޭގައި އެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައިވާތީ އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށްޓަކައި، އިތުރު މީހުންނާއި، މެޝިންގެ އިތުރުން އިތުރު އާލާތްތައް ބޭނުންވާނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 7000 ހައުސިން ޔުނިޓްގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޕްރޮޖެކްޓެކެވެ. މަސައްކަތް ފެށީ ޑިސެމްބަރު 19، 2017 ގައެވެ. އެ ފްލެޓްތައް ކުޑަ ވެގެން އެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ. ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ފްލެޓްތައް ހުރީ މާލެ ސަރަހައްދާ ބަލާއިރު، ސޯޝަލް ހައުސިން އަށް ރަނގަޅު މިނެއްގައި ކަމަށެވެ.

ހިޔާ މަޝްރޫއާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް، ޗައިނާ ސަފީރު ރައްދުދެއްވާފައިވާއިރު، ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަޝީދާއި ޗައިނާ ސަފީރު ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވާފަ އެވެ.