އަލީ އަޝްފާގު (ދަގަނޑޭ)

15 މަހަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

ފަނަރަ މަސް ދުވަސް ވަންދެން ގައުމީ ޓީމުން ބާކީ ކޮށްފައި ބެހެއްޓުމަށް ފަހު، ކުރީގެ ކެޕްޓަން އަލީ އަޝްފާގް ގައުމީ ޓީމަށް ނަގައިފި އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވަނީ އެކަން އަވަސް އަށް ކަށަވަރު ކޮށްދީފަ އެވެ.

އަންނަ އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑު ވަނީ މިރޭ ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. އަޝްފާގް ވެސް ވަނީ ޓީމާ ގުޅެން ޖެންއަށް ގޮސްފަ އެވެ.

ޓްރޭނިން ކޭމްޕްގައި ގައުމީ ޓީމު ލަންކާއަށް ދިޔައިރު އަޝްފާގް އަލުން ޓީމުގައި ހިމަނާފައި ނުވެއެވެ. އޭރު އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ކޮލިފައިން ނިމޭ އިރު އަޝްފާގަށް ވާނީ 38 އަހަރު ކަމަށާއި އެހެންވެ ޓީމުން ފުރުސަތު ދޭން އުނދަގޫވާ ކަމަށެވެ.

ޝެގަޓްގެ ނިންމުން އޭނާ ބަދަލު ކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން އޭނާގެ ކޮމެންޓެއް ހޯދަން ކުރި މެސަޖަށް ޖަވާބެއް ނުދެ އެވެ. ގައުމީ ޓީމުން އަޝްފާގް ބާކީ ކުރީ މިދިޔަ އަހަރު މާޗް މަހު ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ ޕްރެސްއަށް ހާޒިރު ނުވުމުންނެވެ.

ގައުމީ ޓީމުގައި އަޝްފާގް އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ، އެންމެ ފަހުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ނޮވެމްބަރު 2017 ގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުން އަޝްފާގް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.