އަނގައިން ނުބައި ވަސް ދުވުން ނުވަތަ ހެލިޓޯސިސް އަކީ ހަގީގަތުގައި ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އާންމުކޮށް މިއީ ދަތްތައް ރަނގަޅަށް ނު އުނގުޅުމާއި އަނގައިގެ އެތެރެ ރަނގަޅަށް ސާފު ނުކުރެވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިހެން އޮތް ނަމަވެސް ބައެއް މީހުން ކިތަންމެ ގިނައިން ދަތް އުނގުޅާ ސާފު ކުރި ނަމަވެސް މި މައްސަލަ ދިމާވާ ކަމަށް ވެއެެވެ. އެފަދަ މީހުން އެހެން މީހުންގެ ތެރެއަށް ނިކުމެ އުޅެން ޖެހިލުންވެ ނުތަނަވަސްކަން އިހްސާސް ކުރެވޭނެކަން ޔަގީނެވެ. އަހަރުމެން އެތައް ބަޔަކާ ބައްދަލުވެ ގިނަ މުއާމަލާތްތަކެއް ކުރާ ބަޔަކަށް ވާއިރު، ބައްދަލުވެ އެ މުއާމަލާތް ކުރެވޭ ފަރާތެއްގެ އަނގައިން ނުބައި ވަސް ދުވާނަމަ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.
ނުބައިވަސް ދުވަން މެދުވެރި ވެދާނެ ކަންކަން
އަނގައިން ނުބައި ވަސް ދުވަން މެދުވެރި ކުރުވާ މައިގަނޑު ސަބަބަކީ ދަތްތަކާއި އަނގައިގެތެރެ ރަނގަޅަށް ސާފު ނުކުރެވުމެވެ. އޭގެ ސަބަބުން ދަތްތަކުގަ އާއި ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ކާ އެއްޗިހީގައި ބެކްޓީރިއާ އާލާވުމުގެ ސަބަބުން ނުބައިވަސް ދުވުމަށް މެދުވެރި ވެއެވެ.
އަނގައިގެތެރެ ހިކުމަކީ ވެސް އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރި ކުރުވަފާނެ ކަމެކެވެ. އެހެނީ އަނގައިގައި ކުޅު މަދުވުމަކީ މި ގޮތް މެދުވެރިވެދާނެ ކަމެކެވެ. ބޭނުންކުރާ ބޭހެއްގެ ސަބަބުން ނުވަތަ ކުޅު އުފައްދާ ގްލޭންޑަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުޅު މަދުވެ އަނގަ ހިކެން މެދުވެރި ވެދާނެ އެވެ. ހަމަ އެހެންމެ ހިރުގަނޑުގެ އެކި އެކި ބަލިތަކަކީ ވެސް އަނގައިން ނުބައި ވަސް ދުވުމަށާއި އަނގައިގައި ނުބައި ރަހައެއް އަބަދު ހުރުމަށް މެދުވެރި ކުރުވަފާނެ ކަމެކެވެ. ވީމާ ދަތުގެ ޑޮކްޓަރަކަށް ދައްކާ މިފަދަ މައްސަލައެއް އުޅޭތޯ ޗެކް ކުރުން މުހިންމު ވާނެ އެވެ.
ކެއުމުގައި ބޭނުން ކުރެވޭ ބައެއް ތަކެތީގެ ސަބަބުން ވެސް އަނގައިން ނުބައި ވަސް ދުވަން މަގުފަހި ކުރުވައިފާނެ އެވެ. އޭގެ ތެރޭގައި ފިޔާ އާއި ލޮނުމެދާއި ކޮފީ ފަދަ ތަކެތި ހިމެނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް އަނގައިގައި ބަހައްޓައިގެން އުޅުމަކީ އަނގައިން ނުބައިވަސް ދުވުމުގެ އިތުރުން ދަތްތައް ރީނދޫ ވުމަށާއި ހިރުގަނޑުގެ އެކި އެކި ބަލިތަކާއި އަނގައިގެ ކެންސަރަށް ވެސް މަގުފަހި ކުރުވާ އަދި ކޮންމެހެން ދުރުހެލިވާން ޖެހޭ އާދަ ތަކެކެވެ.
މީގެ އިތުރުން ޓޮންސިލައިޓިސް ނުވަތަ ޓޮންސިއް އިންފެކްޓް ވުމާއި ދުޅަވުމާއި ނޭވާލާ ނިޒާމުގެ އެކި އެކި އިންފެކްޝަން ތަކާއި ކާ އެއްޗިހި ހަޖަމް ކުރާ ނިޒާމުގެ އެކި އެކި ބަލިތަކުގެ ސަބަބުން ވެެސް އަނގައިން ނުވަތަ ލެވޭ ނޭވާގައި ނުބައި ވަހެއް ހުރެދާނެ އެވެ. މޭގަނޑަށް ނުވަތަ ލިވާއަށް ޖެހޭ ބަލިތަކާއި ކިޑްނީއަށް މެދުވެރިވާ އެކި އެކި ބަލިތަކާއި ހަކުރު ބަލި ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން ވެސް އަނގައިން ނުބައި ވަސް ދުވަން މެދުވެރި ވެއެވެ.
މިފަދަ ސިއްހީ މައްސަލަ ތަކުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަން މެދުވެރިވި ނަމަވެސް މިފަދަ ހާލަތްތަކުގައި އަނގައިން ނުބައި ވަސް ދުވުމުގެ އިތުރުން މި ބަލިތަކުގެ ސަބަބުން މެދިވެރިވާ އެހެން އަލާމާތްތައް ފެނުން މާ އެކަށީގެންވެ އެވެ.
ބައެއް ހާލަތްތަކުގައި ހަގީގަތުގައި ތިމާގެ އަނގައިން ނުބައި ވަސް ނުދުވި ނަމަވެސް، އަބަދުވެސް އަނގައިން ނުބައި ވަސް ދުވާ ކަމަށް ހީވާ ފަރާތްތަކެއް އުޅޭ ކަމަށް ވެސް ދިރާސާ ތަކުން ދައްކައެވެ. މިއަށް ކިޔަނީ ސޫޑޯހެލިޓޯސިސް އެވެ. އަނގައިން ނުބައި ވަސް ދުވާކަމުގެ ބިރު އަބަދު ހީވާ މީހުން ނުވަތަ ހެލިޓޯ ފޯބިއާއަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. މިފަދަ ހީވުމެއް އަބަދު ހީވާނަމަ ޑޮކްޓަރަކަށް ދައްކާ އެފަދަ ކަމެއް ނެތްކަމުގެ ޔަގީންކަށް ހޯދުން ބުއްދިވެރި ވާނެ އެވެ.
ނުބައިވަސް ދުވުމަށް އޮތް ހައްލު
އަނގައިން ނުބައި ވަސް ދުވުމަށް އޮތް އެންމެ އެކަށޭނަ ހައްލަކީ އަނގައާއި ދަތްތަކުގެ ސާފު ތާހިރު ކަމަށް ސަމާލު ވުމެވެ. އެގޮތުން އެންމެ މަދުވެގެން ދުވާލަކު ދެ ފަހަރު ރަނގަޅަށް ދަތް އުނގުޅަން ވާނެ އެވެ. ވެގެންވާ ނަމަ ކޮންމެ ނަމާދަކަށް ވުލޫ ކުރުމުގެ ކުރިން ދަތް އުނގުޅުމަށް އާދަ ކުރުމަކީ ދަތްތައް އަބަދުވެސް ސާފުކޮށް ބެހެއްޓުމަށް އެހީތެރިވެ ދޭނެ ރަނގަޅު އާދައަކަށް ވާނެއެވެ.
ދަތް އުނގުޅަން ބޭނުން ކުރާ ބޭހަކީ ފްލޮރައިޑް އެކުލެވޭ ބޭހަކަށްވުން ވަރަށް މުހިންމެވެ. އަދި
ދަތް އުނގުޅުމަށް ފަހު ވަގުތުން ފެން ލައިގެން މާ ގަދަޔަށް އަނގަތެރެ ނުދޮވުމަށް ކަމާބެހޭ މާހިރުން ލަފާ ދެއެވެ. ފެންލައިގެން މާ ގަދަޔަށް އަނގަ ދޮވުމަކީ ދަތް އުނގުޅާ ބޭހުގައި ހުންނަ ފްލޮރައިޑް ފަދަ ކެމިކަލްތަކުގެ އަސަރު ދަތަށް ކުރުމަށް ހުރަސް އަޅާނެ ކަމަކަށް ވާތީ އެވެ.
ދަތް އުނގުޅާއިރުގައި ދޫ ސާފު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ދަތް އުނގުޅާ ބުރުސް ކޮންމެ ތިން މަހަކުން ބަދަލު ކުރަން ވާނެ އެވެ. އެއާ އެކު ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ކާއެއްޗިހި ސާފު ކުރަން ގަވައިދުން ފްލޮސް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ރަނގަޅު މައުތް ވޮޝް އެއް ބޭނުން ކުރުމަކީ ވެސް އޮތް ހައްލެކެވެ.
އަނގަ ހިކުމުން ރައްކާތެރިވުމަށް ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަށް ސަމާލުވާން ވާނެ އެވެ. އަދި ހަކުރު ނުހިމެނޭ ޗުވިންގަމް ފަދަ ތަކެތި ހެފުމަކީ އަނގައިގައި ކުޅު ދައުރު ވުމަށް އެހީތެރި ވެދޭނޭ ކަމެކެވެ. ނަމަވެސް ބޭނުން ކުރާ ޗުވިންގަމްގައި އެކުލެވޭ ތަކެއްޗަށް ސަމާލުވާން ވާނެ އެވެ. ބައެއް ހާލަތްތަކުގައި އަނގައިގައި ކުޅު މަދުވެ އަނގަ ހިކުމަށް މެދުވެރި ވަނީ ކޮންމެވެސް ބައްޔެއްގެ ސަބަބުން ކަމަށް ވާނަމަ އެ ބައްޔަކަށް ބޭސް ފަރުވާ ހޯދުމަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.
އަނގައިން ނުބައި ވަސް ދުވުމުގެ ފަހަތުގައި އެތަކެއް ސިއްހީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުން އެފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ލަފާ ހޯދުން ވަރަށް މުހިންމެ ވާނެ އެވެ. އަނގައިން ނުބައި ވަސް ދުވުމަކީ ތިމާއަށާއި ތިމާއާ ބައްދަލުވެ އެކުގައި އުޅޭ މީހުނަށް އޭގެ ސަބަބުން އުނދަގުލާއި ނުތަނަވަސްކަން ފޯރު ކުރުވާނެ ކަމަކަށްވާތީ އެކަމަށް ހައްލެއް ހޯދޭތޯ ބަލަން ޖެހޭނެ އެވެ.