ލައިފްސްޓައިލް

މަސައްކަތަށް ކޮމިޓް ނުވެވެނީ ކިީއްވެ؟

ފޮތެއް ކިޔަން ފަށައި އެފޮތް އެއްކޮށް ކިޔާ ނުނިންމާ ދޫކޮށް ލެވުނީ ކިތައް ފަހަރު ހެއްޔެވެ؟ ނެޓްފިލިކްސް އިން ފިލްމެއް ނުވަތަ ޓްރެއިލާ ބެލުމަށްފަހު ބަލަންވީ ފިލްމެއް ނޭނގި އެއްވެސް ފިލްމެއް ނުބަލާ ނިންމާލީ ކިތައް ފަހަރު ހެއްޔެވެ؟

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބަރުދަން ލުއި ކުރަން ބޭނުންވެ އެވެ. އެކަމު ޖިމަަށްގޮސް ކަސްރަތު ކުރަން ނުވަތަ ދުވަން ދާން ވަގުތު ހުސްކޮށް ނުލެވެނީ އެވެ. ފަށަން ގަސްދުކުރާ އަމިއްލަ ވިޔަފާރީގެ ލިޔެ ކިޔުން ފުރިހަމަ ކޮށްލުމަށް ވެސް ސަމާލުކަން ނުދެވި ދެއެވެ. އެއީ ކޮމިޓްމަންޓް ނުދެވުމެވެ.

ކަމެއް ހާސިލް ކުރަން ބޭނުންވާ ސަމާލުކަން އެކަމަކަށް ދީ ވަގުތު ހޯދައިގެން ހާސިލް ކުރަން މަސައްކަތް ކުރާ އާދަ އަންނަނީ މަޑުމަޑުން މަދުވަމުންނެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ބިޒީ ލައިފްސްޓައިލެވެ.

ދިރިއުޅުން އޮންނަނީ އަބަދު ބިޒީވެފަ އެވެ. އެއް ކަމެއް ފަހު އަނެއް ކަމެއް ކުރަން އަވަސްވެ ގަންނަން ޖެހެއެވެ. މަޑުޖެހިލާ ކަންކަމާމެދު ވިސްނާ ފިކުރު ކުރާނެ ވަގުތެއް ނުޙޯދެ އެވެ. އަދި ކަންކަން ކުރުމުގައި ރޭވުންތެރިކަން ނުހުންނަ ނަމަ މި ކަމާއި ދިމާވެއެވެ. ކަަންކަމަށް ކޮމިޓްމެންޓް ނުދެވެނީ ތިރީގައިވާ މި ސަބަބު ތަކާހެދި ކަމަށް ވެދާނެ އެވެ.

ފަހަށް ބެހެއްޓުމުގެ އާދަ

ކަންކަން ކުރަން އެންމެ ފަހުވަގުތާ ޖެހެންދެން ބެހެއްޓުމަކީ އަށަގެންފައި އޮންނަ ސިފައެކެވެ. އެއީ "ފޫކޮޅުގައި ރޯވީމާ" ނޫނީ ކަމެއް ނުކުރާ އާދަ އެވެ. ފަހު ވަގުތު ކަންކަން ކުރުމުން ހާސިލު ކުރަން ބޭނުންވާ ކަމަކަށް ބޭނުންވާ ސަމާލު ކަމެއް ނުދެ ވެއެވެ. އަވަސް އަރުވާލައިގެން ކުރާ މަސައްކަތަކީ އެންމެ ފުރިހަމަ މަސައްކަތެކޭ ނުބުނެވޭނެ އެވެ. ވަޒީފާގެ މާހައުލުގައި މިއީ އާއްމު ކަމެކެވެ. ޓެސްޓަށް ކިޔަވާއިރު ވެސް މިހެން ދިމާވެ އެވެ.

މީގެ ބަދަލުގައި ކަމަށް ކަމޭ ހިތައިގެން ދުރާލާ ތައްޔާރު ވެގެން ކުރާ މަސައްކަތުގެ ނަތީޖާ ފޮނިކަމީ ދަންނަ ސިއްރެކެވެ. މިކަން އިނގޭއިރު ވެސް މިގޮތަށް އަމަލު ނުކުރެވެނީ ކޮމިޓްމަންޓް ނުދެވޭތީ އެވެ.

ވަގުތުގެ ބޭނުން ކުރަން ނޭނގުން

ކުރަންޖެހޭ ކަންކަމަށް ބަލާއިރު 24 ގަޑި އިރު އޮންނަނީ ގިނަ ފަހަރަށް މަދުވެފަ އެވެ. މިއީ ގިނަ މީހުން އާއްމުކޮށް ބިޒީ ލައިފްސްޓައިލް ސިފަ ކުރުމަށް ބުނެއުޅޭ އެއްޗެއްކެެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ވާހަކަ އަކީ ކުޑައިރު ގްރޭޑް ސްކޫލްގައި ވެސް ކިޔައިދޭ ވާހަކައެވެ. އޭރު އެ ދައްކަނީ ކޮން ވާހަކައެއްކަން ނޭގި ހިނގައިދާނެ އެވެ. ނަމަވެސް ރަނގަޅަށް ވަގުތު ބަހައިލައިގެން ކަންކަން ކުރުމަކީ ކަމެއް ކާމިޔާބު ކުރުމެ އެންމެ ބޮޑު އެއް ސިއްރެވެ. އެއްފަހަރާ ހުރިހާ ކަމެއް ކުރަން އުޅުމުގެ ބަދަލުގައި މީހާގެ ސަމާލުކަން އެއް ކަމަކަށް ހުސް ކޮށްގެން މަސައްކަތް ކުރުމުން ނަތީޖާ ފޮނިވެފައި ރަނގަޅު ވެއެވެ.

ހާސިލްކުރަން ބޭނުން ގޯލް ނޭނގުން

ކުރަން އުޅޭ ކަމެއް ހާސިލު ކުރަން ގޯލެއް ސެޓް ކުރަންވީ އެވެ. އަދި އެކަމެއް ކުރުމުގެ ކުރިން ރަނގަޅަށް މި ގޯލްއަކީ ކޮބައިކަން އެނގެން ވެއެވެ. އެކަމަކީ އެމީހަކު ބޭނުން ވެގެން ކުރާ ހިތުން ކުރާ ކަމަކަށް ވާން ޖެހެއެވެ. ވިޔަފާރިއެއް ފެށުމަކީ އަބަދުވެސް ދެކޭ ހުވަފެން ދެކޭރިއު އެއް ފަހަރު ފެއިލްވެއްޖެ ނަމަ މުޅި ވިޔަފާރި ފެށުމުގެ ހިޔާލު މުޅިން ދޫކޮށެއް ނުލާނެ އެވެ. ކާމިޔާބު މީހުންގެ އާދައަކީ ފުރަތަމަ ފަހަރު އެޅުނު "ޅައެތިން" ފިލާވަޅު ލިބިގަތުމެވެ. އަދި ވާގި ލައި އަލުން ފަށައިގަތުމެވެ.

ކެތްތެރިކަން ނެތުން

މިއީ އެއްވެސް މީހެއްގެ ކެތްތެރިކަން ހުންނަ ޒަމާނެއް ނޫނެވެ. މިސާލަކަށް ބަލަންޏާ ކިއޫއެއްގައި މަޑުކޮށްލައިގެން ހުންނަން ވެސް ދަތި ޒަމާނެކެވެ. އެއް ކިއުގައި ހުރެފައި އަވަސް ކުރަން އަނެއް ކިއުއަށް ބަދަލު ވެއެވެ. ބައެއް ފަހަރަށް ކަންދިމާ ކުރާ ގޮތުން ބަދަލުވާ ކިއުގައި މާ ގިނައިރުވެ އެވެ. މިއީވެސް ކޮމިޓްމަންޓްގެ މައްސަލައެކެވެ. ކަންކަމަށް ކަމޭ ހިތައިގެން ކުރަންވާ ގޮތަށް ކަންކަން ކުރުމަށް އަދާ ކުރަންވީ އެވެ.

ކާމިޔާބު ހަޔާތަކަށް އެދޭ ނަމަ ކަންކަމަށް ކޮމިޓްވާންވީ އެވެ. ގޯލް ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަންވީ އެވެ. ކޮމިޓް ވެގެން ކުރާ ކަންކަމުގެ ނަތީޖާ ފޮނި ވެއެވެ. އަދި އެހެން މީހުންނަށް ތިމާގެ ހަޔާތުން ވެސް ފިލާވަޅެއް ލިބޭ ފަދަ ނަމޫނާ މީހަކަށް ވެވެ އެވެ.