އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ދިނުމުން އެތައް ބަޔަކު އެކަމަށް ރޭ މަރުހަބާ ކި އެވެ. އަދިވެސް ކިޔަނީ އެވެ. އެއީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދިއެދި ތިބި ކަމަކެވެ. ދިވެހި ކުޅިވަރުގެ އެންމެ ކާމިޔާބު އަދި ނުފޫޒު ގަދަ ނަމަކީ އަޝްފާގެވެ. އެންމެން ލޯބި ކުރާ ނަމަކީ އެއީ އެވެ. އޭނާގެ ފަހަތުގައި ސަޕޯޓަރުންގެ ބޮޑު ކުރައުޑެއް އޮވެ އެވެ. ޓީމުން ބާކީ ކުރުމުން ފާޑު ކިޔުން ގައުމީ ޓީމު ކޯޗަށާއި އެފްއޭ އޮހިގަތީ އެހެންވެ އެވެ.
ގާތްގަނޑަކަށް 17 މަސް ދުވަހަށް ފަހު އަޝްފާގް އަލުން ޓީމަށް ނަގައިފި އެވެ. މިދިޔަ އަހަރު އޭނާ ދެއްކި މޮޅު ކުޅުމާއެކު އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އޭނާ ހޯދި އެވެ. މިދިޔަ އަހަރު ދެއްކި ތަފާތު ކުޅުން އަދި މި އަހަރު ނުދެއްކުނު ނަމަވެސް ގައުމީ ޓީމުން ޖާގަ ހައްގު މިންވަރަށް އޭނާ ޕާފޯމް އެބަ ކުރެ އެވެ. އެނބުރި އައުމުން މަރުހުބާ ކިޔަން ޖެހެ އެވެ.
އެކަމަކު ޗައިނާ މެޗުން އަޝްފާގަށް ފުރުސަތު ދޭއިރު އޭނާ ހުރީ އެންމެ ރަނގަޅު ކޮންޑިޝަންގައި ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ގައުމީ ޓީމުން ލަންކާގައި ކޭމްޕް ކޮށްގެން ވަރުގަދައަށް މަސައްކަތް ކުރިއިރު އަޝްފާގް ހުރީ މާލޭގަ އެވެ. އެހެންވެ މާބޮޑު ޕްރެކްޓިހެއް ނެތި ވަރުގަދަ މެޗެއްގައި 90 މިނެޓް ވަންދެން އޭނާއަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އެކަށީގެންވާ ތަމްރީންތަކާއެކު އޭނާއަށް ފުރުސަތު ދިން ނަމަ ޔަގީނުން ވެސް ތަފާތު ފެންނާނެ އެވެ.
އަޝްފާގް ޓީމަށް ނެގުމުގެ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަކީ ގައުމީ ޓީމުގެ ކޯޗްގެ މަސްއޫލިއްޔަތެކެވެ. އެފްއޭއެމްގެ ވެރިން އެކަމަށް ނުފޫޒު ފޯރުވައި ޓީމަށް ނަގަންޖެހޭ ކުޅުންތެރިންގެ ނަންތައް ކިޔާނަމަ އެ ކޯޗަކު ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.
ކުރިން އެފްއޭއެމްގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ، އަޝްފާގް ޓީމަށް ނެގީ މިހާރު އޮތް އެފްއޭއެމްގެ ލިޑާޝިޕަށް ސަރުކާރުގެ ރުހުން ބޭނުންވާތީ އެ ރުހުން ހޯދުމުގެ ގޮތުންނެވެ.
އަޝްފާގް ޓީމަށް ނުނަގައިގެން ކުޅިވަރުގެ ވަޒީރުގެ ފާޑު ކިޔުން އެފްއޭއެމްއަށް އަމާޒުވި އެވެ. ކުޅިވަރުގައި ސަރުކާރުގެ މޫނު މައްޗަކީ ވަޒީރެވެ. ވަޒީރުގެ ފާޑު ކިޔުން އެފްއޭއެމް އަށް އޮތުމަކީ އެފްއޭއެމާ މެދު ސަރުކާރު ނުގަބޫލު ހާމަވާ ސަބަބެކެވެ. އަޝްފާގް ޓީމަށް ނެގުމުން އެކަމަށް މަރުހަބާ ވިދާޅުވީ މިނިސްޓަރެވެ. އެފްއޭއެމް އާ މެދު ސަރުކާރުން ގެންގުޅެމުން އައި ފިއްތުންތަކަށް ފިނި ކަމެއް އަތުވެއްޖެހެން ވެސް ހީވެ އެވެ.
އަޝްފާގް ޓީމަށް ނެގީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ފުރިހަމަ އިހްތިޔާރު އޮވެގެންތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ގައުމީ ޓީމު ރާއްޖެއިން ބޭރުގައި ތިބިއިރު އަޝްފާގް އަލުން ޓީމަށް ނަގާ ވާހަކަ އޮތީ ދެކެވިފަ އެވެ. އޭނާ ޓީމަށް ނުނަގައިގެން އެފްއޭއެމަށާއި ގައުމީ ކޯޗަށް ފާޑު ކިޔަމުން ދިޔަ، ކުލަބު ގްރީން ސްޓްރީޓާ ގުޅުން ހުރި ފަރާތްތަކުގެ ފާޑު ކިޔުން ފިނިވެ މަޑު ޖެހުނެވެ.
ގައުމީ ކޯޗް ވަކި ނިންމުމެއް ނިންމުމުގެ ކުރިން، ގައުމީ ޓީމުގެ ސްކޮޑާ މެދު އެފްއޭއެމްގެ ވެރިންގެ ފެންވަރުގައި ވަކި ނިންމުމެއް ކުރިން ނިންމާފައި އޮތްކަން ރަށުތެރެއިން އަޑު އިވުނެވެ. އަދި އެ ނިންމުން ގުރީންގެ އިސް ފަރާތްތަކާ ހަމައަށް އެފްއޭއެމްގެ ވެރިންގެ ފަރާތުން ގެންދެވުނެވެ. ގުރީންއާ ގުޅުން ހުރި ފަރާތްތަކުގެ ފާޑު ކިޔުން މަޑުޖެހުނީ އެހާ ހިސާބުންނެވެ.
ޝެގަޓްގެ ޕްލޭނަށް އަޝްފާގް ފައްތާނީ ކިހިނެއް
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗާއި މިދިޔަ ބުރާސްފަތި ދުވަހު ގުއާމް އާ ދެކޮޅަށް ޝެގަޓް ކުޅުނީ ދާދި އެއް ސްޓައިލެއްގެ އެޓޭކިން ގޭމެކެވެ. ޓީމު އަތުން ބޯޅަ ގެއްލުމުން ޕްރެސް ކޮށްގެން ކުޅެ އެވެ. އަޝްފާގްގެ ސްޓައިލްގައި އޭނާއަކީ ވަރަށް ހަމަޖެހިލައިގެން ހުރެ ކުޅެން މަސައްކަތް ކުރާ ކުޅުންތެރިޔެކެވެ. ޕްރެސް ކޮށްގެން ކުޅޭ ގޭމަށް އޭނާ ފަރިތަ ވެދާނެ ހެއްޔެވެ؟ އެކަމަށްވެސް ހޭނިލުމަށް އޭނާއަށް އެދެވޭ ޓްރޭނިންތަކާއެކު ވަގުތު ބޭނުންވެ އެވެ.
ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅޭނީ ޗައިނާ އެވެ. ރާއްޖެއަށް ޖެހޭނީ ޑިފެންސިވް ރިސްކީ ގޭމެއް ކުޅޭށެވެ. ވަރުގަދައަށް ޕްރެސް ކޮށްގެން ބޯޅަ ހޯދައި ކައުންޓަ އެޓޭކުގައި ހަމަލާ އުފައްދާށެވެ. ކައުންޓަ އެޓޭކުގައި ހަމަލާ އުފެއްދުމުގައި އަޝްފާގަކީ މޮޅު ކުޅުންތެރިޔެކެވެ. އެ އޭންގަލުން ޗައިނާގެ މެޗަށް އޭނާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިދާނެ ކަމަށް ގަބޫލު ކުރެ ވެއެވެ.
މިދިޔަ އަހަރު މާޗް މަހު އަޝްފާގް ޓީމަށް ނުނެގުމުން، ގިނަ ދިވެހިން ހީ ކުރީ އޭނާ ނުލައި ދިވެހިންނަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ. އަޝްފާގް ނެތުމުން ސާފް ޗެމްޕިއަންޝިޕް ވެސް ނުލިބޭނެ ކަމަށް ހީކޮށްގެން ތިބި މީހުންގެ ވިސްނުން ޝެގަޓް ބަދަލު ކުރި އެވެ. ގުއާމްގެ މެޗަށް ދިޔައިރު ވެސް އެ މެޗު ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެ އެވެ. އެއީ މީގެ ކުރިން ގުއާމްގެ ދަނޑުގައި އޮމާން އާއި އިންޑިއާ އަދި ތުރުކްމުނިސްތާން ގުއާމްގެ އަތް ދަށުގައި ވުމުންނެވެ. ރާއްޖެ ސަލާމަތް ވުމަކީ ޝެގަޓަށް ވެސް ލިބުނު ބޮޑު އިތުބާރެކެވެ.