ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާ މިހާރު އެންމެ ބޭނުމީ ދަރިން ހޯދަން!

ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ މިހާރު އެންމެ ކުރަން ބޭނުންވާ އޮތީ ދެ ކަމެކެވެ. އެއް ކަމަކީ ގެއެއް ގަތުމެވެ. ދެ ވަނަ ކަމަކީ ދަރިން ހޯދުމެވެ. ފިރިމީހާ ނިކް ޖޯނަސް އާއެކު މުސްތަގްބަލް ބިނާ ކުރަން ހިޔާލުކުރާ ގޮތް ކިޔައި ދެމުން ވޯގް މަޖައްލާގެ ސެޕްޓެމްބަރު އަދަދަށް ދީފައިވާ އިންޓަވިއު އެއްގައި ޕްރިޔަންކާ ބުނި ގޮތުގައި މި ދެ ކަންތަކަށް ވުރެ މިހާރު ކުރަން ބޭނުން އެއްވެސް ކަމެއް އޭނާގެ "ވިޝް ލިސްޓް" އަކު ނެތެވެ.

ނިކް އާއި އޭނާގެ ދެ ބޭބެއިން ޝޯތައް ދިނުމަށް އެކި ތަންތަނަށް ރަށްތަކަށް ދަތުރު ކުރުމުގައި ބިޒީކޮށް އުޅެމުންދާއިރު ޕްރިޔަންކާ ބޭނުންވަނީ ލޮސް އެންޖަލިސްގައި ހަމަޖެހިލައިގެން އާ ދިރިއުޅުމެއް ފަށައި ކުއްޖަކު ހޯދާށެވެ.

"އަހަރެން އެންމެ ކުރަން ބޭނުންވާ އޮތީ ދެކަމެއް. އެއީ ގެއެއް ގަތުމާއި ދަރިއަކު ހޯދުން،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ، 37، ބުނަނީ ދަރިން ހޯދުން އޭނާ އެންމެ އިސްކަންދޭ އެއް ކަމަކަށް ވީނަމަވެސް އެހާ އަވަސް އަރުވާލައިގެން އެކަން ވެސް ކުރާކަށް އޭނާ ނޫޅެ އެވެ. ދަރިން ހޯދާނީ އެކަމަށް ރަނގަޅު ވަގުތު ޖެހުމުން ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އާއި ނިކް 2018 ގެ ފަހުކޮޅު ކައިވެނި ކުރުމަށްފަހު ދީފައިވާ އިންޓަވިއު އެއްގައި ވެސް ދަރިން ހޯދަން ބޭނުން ކަމަށް ބުނެފައި އެވެ. ނަމަވެސް ހަނީމޫން ދުވަސްވަރު ވަރަށް ގިނަ އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް އޭރު ނިކް ބުނެފައި ވެއެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު ޕްރިޔަންކާ ވަނީ އަލުން ބޮލީވުޑް ފިލްމުތައް ކުޅެން ފަށާފަ އެވެ. އެގޮތުން އޭނާ ކުޅޭ ފުރަތަމަ ފިލްމަކީ ފަރްހާން އަޚްތަރު ބަތަލުގެ ބައި ކުޅޭ "ދަ ސްކައި އިޒް ޕިންކް" އެވެ. އަދި ރޮބަޓް ރޮޑްރިގޫޒްގެ "ވީ ކޭން ބީ ހީރޯޒް" އިން ވެސް ޕްރިޔަންކާ ފެންނާނެ އެވެ. އަދި ރާޖްކުމާރު ރާއޯ އާއެކު ނެޓްފްލިކްސް އަށް ވެސް ފިލްމެއް ކުޅެން ޕްރިޔަންކާ ވަނީ ސޮއިކޮށްފަ އެވެ. މިއީ 'ދަ ވައިޓް ޓައިގާ" ކިޔާ މަޝްހޫރު ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.