ޔޫރޯ ކޮލިފިކޭޝަންގައި، ފްރާންސާއި އަލްބޭނިއާ ކުޅުނު މެޗުގެ ކުރިން ގައުމީ ސަލާމް ކުޅުމުގައި އަލްބޭނިއާގެ ގައުމީ ސަލާމް އޮލުވާލުމުން މެޗު ފަށަން އޮތް ގަޑިއަށް ވުރެ ލަސް ވެއްޖެ އެވެ.
ފްރާންސްގެ ޕެރިހުގައި ކުޅުނު މެޗުގައި އަލްބޭނިއާގެ ގައުމީ ސަލާމަށް އެ ޓީމުން ހުއްޓިގެން ތިބިއރު ދަނޑުގެ ސްޕީކަރު ސިސްޓަމުން އަޅުވާފައި ހުރީ އެ ގުރޫޕްގައި ހިމެނޭ އެންޑޯރާގެ ގައުމީ ސަލާމެވެ.
އަލްބޭނިއާގެ ކުޅުންތެރިންގެ މޫނު މަތިން ފެނުނީ ހައިރާން ކަމެވެ. ބައެއް ކުޅުންތެރިން އެކަކު އަނެކަކަށް ބަލަން ފެށި އެވެ. މެޗު އިންތިޒާމު ކުރާ ފާރްތަކަށް ރޭކާލީ ދަނޑުގައި ތިބި އަލްބޭނިއާގެ ސަޕޯޓަރުން އަޑުގަދަ ކުރަން ފެށުމުންނެވެ.
ރަނގަޅު ގައުމީ ސަލާމް އެޅުވުމުން ނުނީ މެޗު ނުކުޅޭނެ ކަމަށް މެޗުގެ އޮފިޝަލުންނަށް އަލްބޭނިއާގެ ޓީމުގެ ކޮންޓިޖެންޓުން އެންގި އެވެ. އޭރުވެސް ސަޕޯޓަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. ސަޕޯޓަރުންގެ އަޑުގަދަ ކުރުންތަކާ ހެދި އެކަމަށް މާފަށް އެދެމުން ވާހަކަ ދެއްކި އޮފިޝަލް ވަނީ ތިން ވަނަ ގައުމެއްގެ ނަން ވެސް އެ ދެމެދަށް ގެނެސްފަ އެވެ
"އަރުމީނިއާ ގެ ގައުމީ ސަލާމަށް އިހްތިރާމު ކޮށްދެއްވުން އެދެން." ސަޕޯޓަރުންގެ އަޑު މަޑު ކުރުވުމަށް ސައުންޑް ސިސްޓަމުން ވާހަކަ ދައްކި އޮފީޝަލް ބުންޏެވެ. އެންމެ ފަހުން މެޗު ފަށަން އޮތް ގަޑިއަކަށް ނުފެށުނެވެ.
ރޭ ގެ މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1 ންނެވެ. އެންޑޯރާ އާއި ތުރުކީ ކުޅުނު މެޗު ތުރުކީ ކާމިޔަބު ކުރީ 1-0 ންނެވެ. އައިސްލެންޑާ މޯލްޑޮވާގެ މެޗު އައިސްލެންޑުން ކާމިޔާބު ކުރީ 3-0 ންނެވެ.