ދަރިފުޅު ރިތިކް ރޯޝަން ބައިވެރި ނުވާ އެއްވެސް ފިލްމެއް ޑައިރެކްޓް ކުރަން ގަސްތު ނުކުރާ ކަމަށް މަޝްހޫރު ޑައިރެކްޓަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފި އެވެ. އޭނާ ބުނީ އަދި އެއްވެސް ފިލްމެއް ފެށުމަށް އަދި ހަމަޖެހިފައި ނެތް ކަމަށެވެ.
ރިތިކްގެ "ސުޕަ-ހީރޯ" ފިލްމުތަކާއި އެނޫންވެސް އޭނާ ކުޅެފައިވާ ކާމިޔާބު ގިނަ ފިލްމު ތަކަކީ ރާކޭޝް ރޯޝަން ޑައިރެކްޓްކުރި ފިލްމުތަކެވެ.
ނަމަވެސް ރިތިކްގެ އެންމެ ފަހުން ރިލިޒްވި "ސުޕަ 30" އަށް ލިބުނު ބޮޑު ކާމިޔާބު ފިޔަވައި މި އަހަރަކީ ރޯޝަން އާއިލާއަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރެކެވެ.
އެގޮތުން ރާކޭޝް ރޯޝަން އަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔެއް ޖެހިފަ އެވެ. އަދި އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅު އަދި ރިތިކްގެ ދައްތަ ސުނައިނާ ވަނީ އާއިލާގެ އެންމެން ދެކެ ރުޅިއައިސްފަ އެވެ. އަދި ރާކޭޝްގެ ވަރަށް ގާތް އެކުވެރިޔާ ރިޝީ ކަޕޫރު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިއުމަކީ ވެސް އޭނާއަށް ލިބިފައިވާ އިތުރު ހިތްދަތި ކަމެކެވެ.
ކުރީގެ ގިނަ ފިލްމުތަކެއްގައި ބަތަލުގެ ބައި ކުޅެފައިވާ ރާކޭޝް އަށް އެކްޓަރެއްގެ ހައިސިއްޔަތުން ރަނގަޅު މަގާމެއް ބޮލީވުޑުން ހޯދިފައެއް ނެތެވެ. ނަމަވެސް ދަރިފުޅަށްޓަކައި އުފެއްދި ގިނަފިލްމުތައް ކާމިޔާބުވެ މޮޅު ޑައިރެކްޓަރެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު ރާކޭޝް ފާހަގަ ކުރެ އެވެ.
ދާދިފަހުން 70 ވަނަ އުފަން ދުވަސް ފާހަގަކުރި ރާކޭޝް ބުނަނީ ފިލްމެއް ޑައިރެކްޓް ކުރާނަމަ ދެން ވެސް ކުރާނީ ދަރިފުޅު ރިތިކަށް ޓަކައި ކަމަށެވެ. ފައިސާ އާއި މަޝްހޫރު ކަމަށްޓަކައި ރިތިކް ނޫން އެކްޓަރަކު ލައިގެން ފިލްމެއް އުފެއްދުމަށް މިހާރު ރާކޭޝް ބޭނުމެއް ނޫނެވެ.