ކުޅިވަރު

މޮޅު އެތުލީޓުގެ މަގާމަށް ސާއިދާއި ހިމްނާ

ނެޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލުޓީކަށް، ހަސަން ސާއިދު ހޮވުނުއިރު އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ. އަދި މުބާރާތުގެ އެއް ވަނަ ޓީމުގެ މަގާމު ގެންދިޔަ ދިވެހި ސިފައިންގެ ކުލަބަށް ކާމިޔާބު ހޯދައި ދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރީ ސާއިދު އެވެ.

ހިމްނާ ވަނީ އަންހެން ކެޓަގަރީގެ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ. އެންމެ މޮޅު އަންހެން ޓީމުގެ މަގާމު ހޯދީ ހިމްނާ ހިމެނުނު ޓްރެކް އެންޑް ފީލްޑް ޓީމެވެ. އެ ޓީމުން 115 ޕޮއިންޓް ހޯދާފަ އެވެ.

އެންމެ މޮޅު ޓީމުގެ އެވޯޑް ހަދަމުން އަންނަ ދިވެހި ސިފައިންގެ ކުލަބަކީ 2005 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން އެއް ވަނަ ހޯދަމުން އަންނަ ޓީމެވެ. މި ފަހަރުގެ ޗެމްޕިއަންޝިޕުން އެ ޓީމަށް އެއް ވަނަ ހޯދައިދިނުމުގައި ހުސައިން ފަޒީލް ހާރޫން ވެސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ފަޒީލް ވަނީ 1500 މީޓަރު އަދި 5000 މީޓަރު އަދި 10000 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ.