ކުޑައިރު ބަސްނާހާ އުޅޭ ކުދިންނަށް އުމުރުން ދުވަސްވުމުން ނުނިދޭ މައްސަލަތައް ކުރިމަތިވާކަމަށް ސައިންސްވެރިން ބުނެފި އެވެ.
އޮސްޓްރޭލިޔާގެ ސައިންސްވެރިންތަކެއްގެ މި ހޯދުމަށް 25،000 ކުދިން ބައިވެރިކޮށްފައި ވެއެވެ. މި ކުދިން ވަރަށް ކުޑައިރުއްސުރެ އުމުރުން 42 އަހަރު ވަންދެން ދިރިއުޅުފައިވާ ގޮތުގެ މައުލޫމާތު ސައިންސްވެރިން ވަނީ ހޯދާފަ އެވެ.
މި މައުލޫމާތުތަކަށް ބަލައި ސައިންސްވެރިން ބުނަނީ ފަސް އަހަރުގައި ވަރަށް ބަސްނާހާ އުޅެފައިވާ ކުދިން އުމުރުން ދުވަސްވުމުން ނިދަން އުނދަގޫވު މިންވަރު 40 ޕަސެންޓް އިތުރު ކަމަށެވެ.
އަދި އުމުރުން 16 އަހަރު ވާއިރު ބަސްނާހާ އުޅޭ ކުދިންނަށް ވެސް އެކުދިންގެ މައްސަލަތައް ހުރި ނިސްބަތަކުން އުމުރުން ދުވަސްވުމުން ނިދުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
ބަސްނާހާ އުޅޭ ކުދިން ކަމަށް ބަލާފައިވަނީ ދޮގުހެދުމާއި ބުނާގޮތް ނުހެދުން، ހަނގާ ކުރުމާއި ވައްކަން ކުރުން، ގެންގުޅޭ އެއްޗެތި ހަލާކުކުރުން، ތަޅާފޮޅުން އަދި ހިފިނުހުރެވިގެން އުޅޭ ކުދިންނެވެ.
މި ހޯދުމުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ކުޑައިރު ބަސްނާހާ އުޅޭ ކުދިންގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ނުކޮށްދީ ބެހެއްޓުމުން އެކުދިން ބޮޑުވާއިރު ވެސް އެކުދިންގެ ކިބައިގައި އެ ސިފަތައް ހުންނަ ކަމެވެ. އަދި ބޮޑެތި މީހުންގެ ގޮތުގައި ދިރިއުޅޭއިރުވެސް ނަފްސާނީ ގޮތުން އެކުދިންނަށް މާ ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭ ކަމެވެ. ނަފްސާނީ މައްސަލަތައް ހުރުމަކީ ނިދަން ދަތިވާ ވަރަށް މުހިއްމު ސަބަބެކެވެ.
ނިދަން ދަތިވާ މައްސަލަ ހުންނަ ކަމަށް ބަލަނީ ރޭގަނޑު ރަނގަޅަށް ނުނިދި އިރުއިރުކޮލާ ހޭލެވި އަލުން ނިދަން ދަތިވުމަށެވެ. އިރުކޮޅަކު ނިދާލެވުނަސް ހޭލެވޭއިރު ހަށިގަނޑަށް އެއްވެސް އަރާމެއް ނުލިބި ވަރުބަލިކަން އިހްސާސް ކުރެވުމަކީ ވެސް ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ދިމާވާ ކަމެކެވެ.
ކޮންމެ އިންސާނަކަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ރޭގަނޑު ހަތް ގަޑިއިރު ނިދުން މުހިއްމެވެ. ކުޑަކުދިން 9 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދަން ޖެހެ އެވެ.
ދުވާލު މާ ބުރަކޮށް އުޅޭ މީހުންނަށް ވެސް ރޭގަނޑު ނިދަން އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ.
ރޭގަނޑު ނިދަން އުނދަގޫވާ ސަބަބުތަކުގެތެރޭގައި ހިތް ނުތަނަވަސްވުން، ޑިޕްރެޝަން، ސްޓްރެސް، އަޑުގަދަވުން، އެނދު ކަމު ނުދިއުން އަދި ކެފެއިން އެކުލެވޭ އެއްޗެތި މާ ގިނައިން ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެ އެވެ.