ހަބަރު

ފެރީ ލޯންޗެއް ގާފަރު ކައިރިން ކަނޑު އަޑިއަށް ހިނގައްޖެ

ފެރީ ލޯންޗެއް ކ. ގާފަރާ މާލެއާ ދެމެދު ކަނޑު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކޮންފޯޓް އެކްސްޕްރެސް އެމްއެޗް1 ނަމަކަށްކިޔާ ފެރީ ލޯންޗު އަޑިއަށްގޮސްފައިވަނީ ފަރުމަތިން ފުންކޮށްގެން ގާފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:45 އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފެރީ ލޯންޗް އަޑިއަށްދިޔައިރު، އޭގައި ފަސް މީހުން ތިބިކަމަށާ އެމީހުން ސަލާމަތުން އެެހެން އުޅަދަކަށް ބަދަލުކޮށްފައިވާކަމަށެވެ.

އަދި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޯސްޓްގާޑުގެ ލޯންޗެއް މިހާރު އެ ސަރައްހައްދުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަޑިއަށްދިޔަ ލޯންޗަކީ 84 ފޫޓްގެ ލޯންޗެކެވެ. އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ.

މި ދުވަސްވަރު ކަނޑުމަތީ ހާދިސާތައް ހިނގުން އިތުރުވެފައިވާއިރު، މިއީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ.