ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(5 ސެޕްޓެމްބަރ 2019 އާ ގުޅޭޭ)

ލިއަމްއަށް ވެސް މީ މުޅިން އައު ތަޖުރިބާއެކެވެ. އޭނާ ވެސް މިނޫނީ ހޭޒަލްއާ ދުރުގައި އެހާ ގިނަ ދުވަހަށް ހުންނާކަށް ނުޖެހެއެވެ. އެހެންވެ އޭނާއަށް ވެސް ހޭޒަލްއާ މެދު ފިކުރުކުރެވެއެވެ. ޒުވާން އަނބިމީހާ އެކަނި ގޭގައި ބަހައްޓާފައި ދާން ޖެހޭތީ އެ ޚިޔާލު ވެސް ކުރެވެއެވެ.

އިރުކޮޅަކު ހޭޒަލްއަށް ބަލަން ހުރުމަށްފަހު ލިއަމް ކާމޭޒު ކައިރިން ތެދުވިއެވެ. މަޑުމަޑުން އައިސް އުނދުން ކައިރީ ނޫޑުލިސް ތައްޔާރުކުރަން ހުރި ހޭޒަލްގެ ފުރަގަހުން ގާތްވެލިއެވެ.

"ޔޫ އާ މައި އެވްރިތިންގް... އެކަން އަބަދުވެސް ހަނދާންބަހައްޓައްޗޭ" ލިއަމް ބުނެލިއެވެ.

"އަހަރެންގެ ވެސް... އަހަރެން ވަރަށް ބޮޑަށް ލިއަމްދެކެ ލޯބިވޭ" ހޭޒަލްގެ އުނަގަނޑުގައި އޮތް ލިއަމްގެ އަތްތިލާގެ މަތިން އޭނާ ފިރުމާލިއެވެ.

"ފުރުމުގެ ކުރީން ހޭޒަލްމެންގެއަށާ އަހަރެންގެ ގެއަށް ވަދެލަން ދާންވާނެއެއްނު، އެހެންނޫނީ މަންމަ ވަރަށް ކަންތައްބޮޑުކޮށްލާނެ" ލިއަމް ޚިޔާލު ފާޅުކުރިއެވެ.

"ލިއަމް ބުނޭ ދާނެއިރެއް" ހޭޒަލް ބުންޏެވެ. އޭނާ ވާހަކަދެއްކި ނަމަވެސް ހޭޒަލްގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަން ލިއަމްއަށް އިޙްސާސް ކުރެވެއެވެ. ހޭޒަލް ދެރަވެފައި ހުންނާކަށް އޭނާ ބޭނުމެއްނޫނެވެ.

"މިރޭ ދަމާ... ޒެއްލު މަންމައަށް ގުޅާލާފަ ބަލާލަބަލަ ގޭގައުޅޭނެތޯ.... ފުރަތަމަ ތިގެއަށް ދާނީ، ދެން އަހަރެންގެ މަންމަމެންގެއަށް" ލިއަމް ބުންޏެވެ.

"އޯކޭ... ކައި ނިންމާލާފަ އެކަމާ އުޅޭނަން، މިހާރު މިހުރީ ނިމިފަ... ދޭ ލިއަމް މޭޒުކައިރީ އިށީންނަން، ތަށިތަކަށް އަޅައިގެން އަހަރެން މިގެންދަނީ" ހޭޒަލް ބުންޏެވެ. އަދި ލިއަމްގެ ގާތުން ދުރަށް ޖެހިލައި ތަށިތައް ނަގަން ހޭޒަލް އުޅުނެވެ.

އެއްވެސްކަމެއް ކުރާހިތްނެތިފައި ހުރި ހޭޒަލް ކާއެއްޗެއް ހަދަން އުޅުނީ ލިއަމް އޮފީހުން އައިފަހުންނެވެ. އޭރު ފަހެއް ވެސް ޖަހައިފިއެވެ. ނޫޑުލީހަކީ ލިއަމްއަށް ކަމުދާ އެއްޗަކަށްވެފައި ފަސޭހައިން އަވަހަށް ތައްޔާރު ވެސް ކޮށްލެވޭނެ ކާއެއްޗަކަށްވީމަ އެގޮތް ޚިޔާރުކުރީއެވެ. ލިއަމް ކާން އިންއިރު ވެސް އޭނާގެ ސަމާލުކަން ވަނީ ހޭޒަލްއަށް ދެވިފައެވެ. ނަމަވެސް އެ ސަމާލުކަން އޭނާގެ ފޯނަށް އެނބުރޭކަށް ގިނައިރެއްނުނެގިއެވެ. ފޯނަށް އަންނަ މެސެޖު ނޮޓިފިކޭޝަންގެ އަޑު ބަދިގެތެރޭގައި ހަރުލަމުންދިޔައެވެ. މިވަގުތަށް އެގޮތަށް ބޭނުންނުވި ނަމަވެސް ލިއަމްއަށް ފޯނު ބަލަން މަޖުބޫރުވެފައިވާ ކަހަލައެވެ. ހޭޒަލްއަށް އެކަންކަމަކީ މިހާރު ލިއަމްގެ ފުށުން ފެނި އާދަވެފައިވާ ހަރަކާތްތަކެވެ. އެހެންވެ އެކަމާ އަޅާލުމުގެ މާނައެއްނެތެވެ. މަޑުމަޑުން އިނދެ ކައި ނިންމާފައި ހޭޒަލް ތެދުވެ ތަށިތައް ނެގިއެވެ.

އިޝާ ނަމާދުކޮށްގެން ހޭޒަލް ކޮޓަރިން ނިކުތީ ބޭރަށް ދާން ތައްޔާރުވެގެންނެވެ. ސޯފާއަށް ވެއްޓިގަނެގެން ލިއަމް އޮތީ ބަންޑުންނެވެ. އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓުފިއެވެ. ހުޅުވާފައި ހުރި ޓީވީއިން ހިންދީ ލަވަޗެނަލަކުން އަންނަ ލަވައިގެ އަޑު މުޅި ގޭތެރޭގައި އެއްއަޑަކަށް ހިފާފައި ހުއްޓެވެ. ހޭޒަލް ގާތަށް އަތުވެއްޖެކަން އޭނާ ގޮވާނުލަނީސް ލިއަމްއަށް އެނގުނެވެ. އަވަސްއަވަހަށް ސޯފާއިން ތެދުވެ އޭނާ ވާހަކަދައްކަން ފެށިއެވެ.

"ރެޑީވާން ދާންވީ ދޯ... ޒެއްލުއެއްކޮށް ނިމުނީތަ؟" ލިއަމް އަހާލިއެވެ.

"ލިއަމްގެ ޓީޝާޓު އިންނާނެ ނަގާފަ" ހޭޒަލް ބުންޏެވެ. ކޮޓަރިއާ ދިމާއަށް ލިއަމް ހިނގައިގަތުމުން ސޯފާމަތީ އޮތް ޓީވީގެ ރިމޯޓު ނަގައި އީޝަލް ބެލީ އަޑުމަޑު ކުރެވޭތޯއެވެ. އަދި ސޯފާގައި އިށީންނަން އުޅުނު ވަގުތު ލިއަމް ގެންގުޅޭތަނުން ފޯނެއް އޮތަތީ ފެނިގެން އެ ނެގިއެވެ. އެއީ ލިއަމް އެބުނާ އޮފީސް ފޯނުކަން އެނގުނީ ފޯނު ނެގިފަހުންނެވެ. އައިފޯނަކަށްނުވާތީއެވެ. ކަޅުކުލައިގެ ކަވަރެއްގައި އޮތް އެންޑްރޮއިޑް ފޯނެކެވެ.

"ޒެއްލު... ކީއްތިކުރަނީ؟" ކޮޓަރިން ނުކުމެގެން އައި ލިއަމްއަށް ހޭޒަލްގެ އަތުގައި އޮތް ފޯނު ފެނި ކުއްލިއަކަށް އަހާލެވުނެވެ. އަދި ހަލުވިކޮށް ހޭޒަލްގެ ގާތަށް އޭނާއަށް އާދެވެންވީއިރު ހޭޒަލްގެ އަތުގައި އޮތް ފޯނު އޭނާ ލިއަމްއަށް ދިއްކޮށްލައިފިއެވެ.

"މިތާ ފޯނު ބައްވާފައި އޮތީމަ މި ނެގީ... ތި ފޯނު ވެސް ހިފައިގެންތަ ދަނީ؟... އަސްލު ކީއްކުރާ ދެ ފޯނެއްތަ؟ ލިއަމްގެ ފޯނު ދޯ ކުރިން ވެސް އޮފީސް ކަންކަމުގައި ބޭނުންކުރަނީ" ހޭޒަލްއަށް ބުނެވުނެވެ. ލިއަމްގެ ނަޒަރު ފަރުވާތެރިކަމާއެކު ހޭޒަލްއަށް ހުއްޓިލިއެވެ.

"މި ފޯނެއް ނުގެންދަން... އަހަރެން ވެސް ހިތަށް އެރީ ދެ ފޯނެއް ނުގެންގުޅެވޭނޭ، އަސްލު ވަރަށް އުނދަގޫ... އެހެންވެ... ފުރުމުގެ ކުރީން މި ފޯނު އޮފީހާ ހަވާލުކުރަން ވިސްނައިގެން މިހުރީ" ހޭޒަލްގެ އަތުން ފޯނު ނަގައި ޖީންސުގެ އަރިމަތީ ޖީބަށް ކޮށްޕާލަމުން ލިއަމް ބުންޏެވެ.

"ދާންވީ ދޯ" ހޭޒަލް ސޯފާއިން ތެދުވިއެވެ. ލިއަމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.

ދެމަފިރިން އެކުގައި އެޕާޓްމެންޓުން ނުކުމެ މައިދޮރު ތަޅުލިއެވެ. އެލެވޭޓާއަށް އަރައި އެންމެ ތިރިއަށް އޭތި އައިސް ހުއްޓުމުން ހުޅުވުނު ދޮރުން ދެ މީހުން ނުކުތެވެ. ދޮރޯށި ކައިރީ ހޭޒަލް މަޑުކޮށްލީ ލިއަމް ސައިކަލު ނަގައިގެން އެބަ އަންނަން ކަމުގައި ބުނީމައެވެ. ގިނައިރެއްނުވެ ލިއަމް ސައިކަލުގައި އައިސް ހޭޒަލްގެ ކައިރަށް މަޑުކޮށްލިއެވެ. ފަހަތަށް ހޭޒަލް އެރުމުން އިތުރު ދުއްވުންތަކެއް ނުދުއްވާ ލިއަމް މިސްރާބު ޖެހީ ސީދާ ހޭޒަލްގެ މަންމަ ގާތަށް އެ ގެއަށް ދިއުމަށެވެ.

* * * * *

"އެހާ ދުވަހަށް ދާއިރު އަނބިމީހާ ގޮވައިގެން ދާގޮތަކަށްނޫންތަ އޮންނަނީ؟" ލިއަމް ފުރަން އުޅޭކަން ހޭޒަލް ހާމަކުރުމުން އެކަމާ ގުޅުވާ ފުރަތަމަ ވެސް ވާހަކަދެއްކީ ރިޒްވާނެވެ.

"އާން! އޮފީސް ދަތުރެއްވީމަ... ހުންނަނީ ވެސް އޮފީހުން ހަމަޖައްސާ ތަނެއްގަ... އަޅުގަނޑު ވެސް ބޭނުންވީ ޒެއްލު ގޮވައިގެން ދާން" ރިޒްވާނުގެ ސުވާލަށް ލިއަމް ޖަވާބުދިނެވެ. އެހިނދު ރިޒްވާނުގެ ނަޒަރު ލިއަމްއިން ނެއްޓި ހޭޒަލްއަށް ހުއްޓުނެވެ.

"ސާއިރާ!... ލިއަމް ފުރީމަ ކިހިނެއްވާނެ ޒެލް މިގެއަށް ބަދަލުވުން، ސާއިރާ ވެސް މިކޮޅުގައެއްނު ހުންނާނީ" އިރުކޮޅަކު ހޭޒަލްއަށް ބަލަން އިނދެފައި ގާތުގައި އިން ސާއިރާއާ ރިޒްވާން ވާހަކަދެއްކިއެވެ.

"ޒެއްލު ބޭނުންގޮތެއް އެކަމުގަ އޮންނާނީ... މަންމައަށް އޯކޭ... ޒެއްލު ބުނެބަލަ" ސާއިރާއަށް ވެސް ލިއަމް ދާން އުޅޭ ޚަބަރުން ނުތަނަވަސްކަން ލިބުނެވެ.

"އަޅުގަނޑު ގޭގަ މަޑުކޮށްލާނީ" ހޭޒަލް ބުންޏެވެ.

"އެ ރަށު މީހުން ކިހިނެއް؟... ރަނގަޅުބައެއްތަ އެއީ؟" ސާއިރާ އަހާލިއެވެ. އެއާއެކު ލިއަމް އިނީ އެ ސުވާލަށް ޖަވާބުދޭނޭ ގޮތެއް ނޭނގިފައެވެ. ރިޒްވާނު ހީނގަތް އަޑު އިވުނެވެ.

"ކޮންމެ ކަހަލަ ބަޔަކު އުޅުނަސް ލިއަމް އެ ދަނީ އޮފީސް ކަމަކުއެއްނު، ދަތުރުވަރިއަކަށް އަރާލާ މީހެކޭ އޭނާއެކޭ އެއްގޮތްވާނެ. އެއްވެސް ރަށެއްގަ ހިޔެއްނުވޭ އުޅޭނެހެން އެހެން ދާ މީހުންނަށް މެހެމާންދާރީ އަދާނުކުރާނޭ ބަޔަކު، ދެން އޮތީ ލިއަމް އަމިއްލައަށް ވިސްނަންޖެހޭނެކަމެއް... ޢާއިލާއާއި އަނބިމީހާއާ ދުރުގައި ހުންނައިރު ވަކިން ބޮޑަށް އަމިއްލަ އުޅުމާ މެދު ވިސްނަންޖެހޭނެ، އަޚުލާޤާއި ލިބިފައިވާ ތަރުބިއްޔަތުގައި ހިފަހައްޓަންވާނެ، ތިމާގެ ޢަމަލުތައް ރަނގަޅުކުރެވޭނީ ހަމަ ތިމާއަށް... ވަރަށް ވިސްނައިގެން އުޅޭތި" ރިޒްވާނު ނަސޭޙަތުގެ ގޮތުން ލިއަމްއަށް ބުންޏެވެ. އެ އަޑުއަހަން އިން ހޭޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކޮންމެވެސް މީހަކު ލިއަމްއަށް އެފަދަ ނަސޭޙަތެއް ދޭނެނަމައޭ ހޭޒަލް އިނީ ހިތަށް އަރާފައެވެ. އުންމީދުކުރެވުނީ ލިއަމްގެ މަންމަ، މުހުސިނާގެ ފަރާތުންނޫން މީހަކު އެފަދަ ނަސޭޙަތެއް ނުދޭނެކަމަށެވެ.

"ތެދެއް ލިއަމް... އެކޮޅަށް ގޮސް ބަލައިގެން އުޅޭތި، ކުރީގަ ހެނެއްނޫން... މިހާރު މީހުން ވަރަށް މަކަރުވެފައި ނުލަފާ، ލިއަމް! ފުރާގަޑި އެނގިއްޖެތަ މިހާރު؟... މަންމަމެން ވެސް ދާނަން ފުރުވަން، އޭރުން ޒެއްލު އެކަންޏެއް ވެސް ނުވާނެއެއްނު" ސާއިރާ ބުންޏެވެ.

"އަންގާރަ ދުވަހު ހެނދުނު، ޓިކެޓު އަދި އަތަކަށް ނާރާ، އެރީމަ މަންމަމެންނަށް އަންގާލާނަން" ލިއަމް ބުންޏެވެ.

"ލިއަމް ދާން އުޅޭތި ދޯ ޒެއްލު މޫޑީވެފަ މިއިންނަނީ" ހިނިތުންވެލަމުން ސާއިރާ ބުންޏެވެ. އޭނާއަށް ވެސް ހޭޒަލް މާ މަޑުމަޑުން އިންނަކަން ފާހަގަވީއެވެ.

"އޮފީސް ކަންކަމުގަ ނުގޮހެއް ވެސް ނުވާނެއެއްނު" އިތުރު ގޮތެއް ނެތޭ ބުނާ ފަދައިން ލިއަމް ބުންޏެވެ.

"ހިނގާ ކާން... ހުންނާނެ ސްޕެގެޓީ މީޓްބޯލްސް ހަދާފަ" ސާއިރާ އެދުނެވެ. އެމީހުން އެދެފިއްޔާ ނޫނެކޭ ބުނާކަށް ލިއަމްއަކަށް ނުކެރޭނެއެވެ. އެހެންނަމަވެސް ލިއަމްގެ ހިތުގައިވީ އެއްޗެއް ހޭޒަލް ދެނެގަތެވެ.

"އަދި ލިއަމްމެންގެއަށް ވެސް ދާންޖެހޭ... އެހާ ގިނައެއްކޮށް ނުކެވޭނެ، އެކަމަކު މަންމަ ހަދާފަހުރިއްޔާ އެނގޭ ވަރަށް މީރުވާނެކަން، ރަހަނުބަލާ ނުދެވޭނެއެއްނު" ސޯފާއިން ހޭޒަލް ތެދުވިއިރު އޭނާ ހުރީ ނިކަން ހެވިލާފައެވެ. ސާއިރާ ވެސް ތެދުވެ ހޭޒަލްގެ އަތުގައި ހިފާ ގާތްކޮށްލަމުން ލިއަމްއާއި ރިޒްވާނު ގާތު އައުމަށް ބުނެލިއެވެ. އަދި އެމީހުންނަށްވުރެ ކުރީން ހޭޒަލް ގޮވައިގެން ސާއިރާ އައިސް ބަދިގެއަށް ވަދެއްޖެއެވެ.

"ޒެއްލު، ޑޯންޓް ވޮރީ މައި ޑިއާ... ލިއަމް ދަރިފުޅުދެކެ ވަރަށް ލޯބިވޭ، އޭނާ ވެސް ޒެއްލު އެކަނި ބަހައްޓާފަދާން ބޭނުންނުވާކަން އެނގޭ... ޔޫ އާ މައި ސްޓްރޯންގް ޑޯޓާ، ކެތްތެރިވާން އެނގެންވާނެ، ލިއަމްގެ ދާއިރާގެ ގޮތުން ވެސް އެނގޭ ދޯ މިކަހަލަ ކަންކަން ކުރިމަތިވެދާނެކަން، އޭނާ ފުރަން އުޅޭއިރު ޒެއްލު ދެރަވެފައި ހުންނަތަން ފެނުނީމަ އޭނާ ވެސް ވަރަށް ކަންބޮޑުވާނެ ދޯ... މީ ތިދެކުދީން ވެސް ވަރަށް ކެތްތެރިވާންޖެހޭނެ ދުވަސްކޮޅެއް، ސޯ ތި މޫޑު ރަނގަޅުކޮށްލާ، ލިއަމް!... ހީޒް އަ ސްވީޓްހާޓް، އޭނާއަށް ތިއަށްވުރެ މުހިންމު މީހަކު މިހާރު ނުހުންނާނެ" މޭޒުމައްޗަށް ތަށިތައް ނަގަމުން ސާއިރާ ދަރިފުޅަށް ވިސްނައިދިނެވެ.

"އައި ނޯ މަންމާ... ގަސްދުގައެއްނޫން، އެކަމަކު ފުރަތަމަ ފަހަރުވީމަ ހިތްބިރުގަންނަނީ، ލިއަމްއާ ނުލާ އެންމެވަގުތުކޮޅެއް ވެސް އުޅެން މިހާރު އުނދަގޫވާނޭވަރު ހިތަށް އަރާފަ، ވަރަށް މިސްވާނެތީ... އެކަމަކު އެނގޭ އަހަރެންނަށް މިހެން ފީލްވާއިރު، ލިއަމް ވެސް ވޮރީވާނެކަން، އަދިއަމުދުން އަހަރެން ދެރަވެފަ ހުންނަންޏާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ ދޯ މަންމާ" ހޭޒަލް އަމިއްލަ ނަފްސަށް ހިތްވަރުދިނެވެ.

"ޔެސް ޒެއްލު... ދެރަގޮތެއްނުވާނެ، ތިން މަސްދުވަސް ވަރަށް ދިގޭ ހީވިޔަސް، ދުވަސްތައް ފާއިތުވެ ހިނގައިދާނެ... ސޯ ތި މޫޑު ރަނގަޅުކޮށްލާ، އެންޑް ބީ ޕޮޒިޓިވް މައި ޗައިލްޑް... ލިއަމް ފުރީމަ، ޒެއްލުވާނެ މިގެއަށް ތަންކޮޅެއް ގިނައިން އަންނަން، ދަރިފުޅު ހުރިއްޔާ ދޮންބެ ވެސް އަންނަލެއް ގިނަވާނެ" ސާއިރާ ބުންޏެވެ. މަންމަގެ ވާހަކަތައް އަޑުއަހާފައި ހޭޒަލް ވެސް ނުތަނަވަސްކަމުގެ އަސަރު މުޅިން ފިލުވާލިއެވެ. ލިއަމްއާ ވާހަކަދައްކަމުން ރިޒްވާނާ ދެ މީހުން އައިސް ބަދިގެއަށް ވަނެވެ.

* * * * *

"މަންމާ!... މެހެމާނަކު އަތުވެއްޖެ" ސިޓިންރޫމުގައި އިން ވީރާގެ ނިކަން ބާރަށް ބުންޏެވެ. ބަދިގެއިން ހަލުވިކޮށް ނުކުމެގެން އައި މުހިސިނާއަށް ސިޓިންރޫމުން ވަދެގެން އަންނަ ލިއަމް ފެނުމުން ހުއްޓެވުނެވެ.

"ދަރިފުޅުމެން ދެ ކުދީންނަށް އާދެވިއްޖެ ދޯ... ޢީދުގެ ފަހުން މިގެއަށް ވަދެލީއެއްނޫން، މަންމަ ގުޅިޔަސް ލިއަމް އަވަދިނެތިއުޅޭތީ ފޯނު ނެގޭ ކަމަށްނުވޭ، ޒެއްލު ގާތު އަހާލާއިރަށް ބުނާނެ އޮފީހުގައޭ ނޫނީ ނިދާފައޭ... އެ ނޫންވަރެއް ލިއަމްއަކަށްނުވޭ ދޯ، މާލެ އާދެވުނު ފަހުން ލިއަމް އަމިއްލައަށް މަންމަމެންގެ ހާލު ބަލާލަން ގުޅާލެވުނުތަ؟" މުހުސިނާ އާދައިގެ މަތިން ޝަކުވާކޮށްލިއެވެ.

"މަންމާ!... މިހާރު މިހުރީ އައިހެންނު" ލިއަމް އައިސް މުހުސިނާގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ.

"މަންމަ ކިހިނެއްތަ؟" ހޭޒަލް ހިނިތުންވެލިއެވެ.

"ހޭޒަލްއަށްވާވަރު ވެސް މަގޭ ދަރިފުޅަށްނުވޭ، މަންމަ ގުޅައިފިއްޔާ އަބަދުވެސް ހޭޒަލް ފޯނުނަގާނެ... މިރޭ ކޮންދަތުރެއްތަ މީ، ދެކުދީން ދުއްވާލަން ނުކުމެތަ؟... އަންނަންވީނު ކާން، ބައްޕައާއި ޒައިދަން ވެސް އިނީ ކާން، އާދޭ އަވަހަށް" ހޭޒަލް ވާހަކަދެއްކި ހިސާބުން މުހުސިނާގެ ޠަބީޢަތް ވެސް ވަގުތުން ބަދަލުވި ކަހަލައެވެ. އޭނާ ހިނިތުންވެލަމުން ހޭޒަލްގެ އަތުގައި ހިފައިގެން ބަދިގެތެރެއަށް އައެވެ.

"ހޭ ޒެއްލު" ކާން އިން ޒައިދަން ގޮވާލިއެވެ.

"ކޮބާ ރަފާ؟" ހޭޒަލް އަހާލިއެވެ. އަދި ކާމޭޒު ދޮށުގައި އިން ޝަމާޢިލަށް އޭނާ ގޮވާލިއެވެ.

"ބޭބީ ނިންދަވަނީ" ޒައިދަން ބުންޏެވެ. ހޭޒަލްއާއި ލިއަމް ކާމޭޒު ކައިރީ އިށީނެވެ. މުހުސިނާ އެ ދެ މީހުންނަށް ތަށްޓެއް ގެނެސްދިނެވެ.

"ވީރާ ކެއީތަ؟" ހޭޒަލް އަހާލިއެވެ.

"އެންމެންނަށްވުރެ ކުރީން އަރާ އެންމެންނަށްވުރެ ކުރީން އޭނާ ފައިބައިފި، މިހާރު އަހަރެމެން ކާއެއްޗެއް އޭނާއަކަށް ނުކެވެޔޭ، ފަލަވަނިއްޔޯ" މުހުސިނާ ބުންޏެވެ. ޒައިދަންއާއި ލިއަމް އެކަކުއަނެކަކަށް ބަލާލަފައި ހިނިގަނޑެއް ޖަހާލިއެވެ. ހޭޒަލް ވާހަކަދެއްކީ މުހުސިނާއާއެވެ. އެމީހުންނާއެކު ކެއުމުގައި މުހުސިނާ ބައިވެރިވާން ހޭޒަލް ބާރު އެޅިއެވެ. ހޭޒަލްގެ ފުށުން ފެންނަ ރަނގަޅު ސިފަތައް މުހުސިނާގެ އަމިއްލަ ދަރީންނަށްވުރެ އޭނާގެ ހިތުން ހޭޒަލް ކުރި ހޯދައެވެ. ޚާއްޞަ ލޯތްބެއް ހޭޒަލްގެ މައްޗަށް މުހުސިނާގެ ހިތުގައި ވެއެވެ. ހޭޒަލްއަކީ ލިއަމްގެ ނަސީބޭ ވެސް މުހުސިނާގެ ހިތަށް އަރައެވެ.

ކާމޭޒުމަތީ އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. ލިއަމް ފުރަން އުޅޭކަން ހާމަކުރީ ޚުދު އޭނާއެވެ. ކުއްލި ސިހުމަކާއި ކަންބޮޑުވުމެއް މުހުސިނާގެ މޫނުން ފާޅުވިއެވެ. އަނތްބަކު ހުއްޓާ ތިން މަސް ދުވަހަށް ލިއަމް ދުރަށް ދާން ޖެހުން އެއީ އިންސާފުވެރި ގޮތެއް ނޫންކަން މުހުސިނާ ބުންޏެވެ. ލިއަމް ދެކޮޅަށް އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. އޭނާގެ މަންމައާ ޖަދަލުނުކުރެވޭނޭކަން އެނގޭތީއެވެ. މުހުސިނާގެ ވާހަކަތަކުން އޭނާ ހަމައެކަނި ވިސްނީ ހޭޒަލްއާ މެދު ކަހަލައެވެ. ހޭޒަލް އިނީ ބަހެއް ވެސް ނުބުނެ ހިނިއައިސްފައެވެ. މުހުސިނާ އެހާ ކަންބޮޑުވާނޭކަމަކަށް ހޭޒަލް ހިޔެއްނުކުރެއެވެ. ލިއަމް ފުރުމުން ހޭޒަލް ހުންނަންވާނީ މުހުސިނާ ގާތުގައި ކަން ވެސް އޭނާ ބުންޏެވެ. ނަމަވެސް މިފަހަރު އެކަމާ ލިއަމް ވާހަކަދެއްކިއެވެ. ހޭޒަލް ބޭނުންވާގޮތް ހަދަންކަން އޭނާ ބޭނުންވަނީ ބުންޏެވެ. އަދި މުހުސިނާ މާ ކަންތައްބޮޑުކޮށްލަނީ ކަމުގައި ވެސް ބުންޏެވެ. ޝަމާޢިލް ވެސް ހިމޭނަކުން ނީނެވެ. އޭނާ ވެސް ދަރިފުޅަށް ލަފާ ދިނީ ހޭޒަލް އެކަނި ގޭގައި ބެހެއްޓުމުގެ ބަދަލުގައި ޢާއިލާގެ ތެރެއަށް ގެނައުމަށެވެ. ހޭޒަލްއަށް ކަމެއް ދިމާވިޔަސް އަޅާލަން ތިބޭނީ ޢާއިލާކަމެވެ. އެހިނދު ލިއަމް ނިކަން އަވަހަށް ވާހަކައެއް ހަދާލިއެވެ. މައިންބަފައިންގެ ކުރިމަތީ މައިތިރިބެހެއްޓީއެވެ. ލިއަމް ބުނީ ހޭޒަލްގެ މަންމަ ވެސް އެ ވާހަކަ އެގޮތަށް ދެއްކިކަމެވެ. އެހެންވެ ހޭޒަލް އެ ގެއަށް ފޮނުވާލަން ގަސްދުކުރާކަމެވެ. ފާޑަކަށް ލިއަމްއަށް ބަލަން ހޭޒަލް އިނީއެވެ. ލިއަމްގެ މަޤުޞަދު ހޭޒަލްއަށް ވެސް އެނގެނީއެވެ. އެކަން ލިއަމް ކާމިޔާބު ވެސް ކުރިއެވެ. މުހުސިނާމެންގެ އަނގަ ބަންދުވެއްޖެއެވެ. ހޭޒަލްއަށް އެންމެ ރަނގަޅުވާނީ ވެސް އޭނާގެ މައިންބަފައިން ގާތު ހުރުންކަން މުހުސިނާއަށް ވެސް ޤަބޫލުކުރެވުނީއެވެ.

"ލިއަމް ނެތަސް ދަރިފުޅު އަންނައްޗޭ މިގެއަށް، އެކަނި އަންނަންޖެހޭތީ ކަންބޮޑުވާނެކަމެއްނެތް، މަންމަ ފޮނުވާނަން ދޮންބެ، އޭރުން ދޮންބެއާއެކު ސައިކަލުގަ އާދެވޭނެ" މުހުސިނާ ބުންޏެވެ. އޭރު ކައިނިމިގެން އެންމެން ވެސް އައިސް ތިބީ ސިޓިންރޫމުގައެވެ. އެންމެންނާ އެކަހެރިވެލީ ވީރާއެވެ. އޭނާއަށް އައި ފޯނުކޯލެއްގެ ސަބަބުންނެވެ. އެބައަންނަންކަމުގައި ބުނެ އޭނާ ގޮސް ކޮޓަރިއަށް ވަންތަން ފެނުނެވެ. މުހުސިނާއާއި ޝަމާޢިލް އެއާޕޯޓަށް ލިއަމް ފުރުވަން އަންނަން ޚިޔާލު ފާޅުކުރިއެވެ. އެކަމާ ވެސް ލިއަމް ކުރީ އިންކާރެވެ. ހޭޒަލް ވެސް އޭނާ ފުރުވަން ނުދާކަމަށް އެންމެފަހުން ހެދިއެވެ. އަދި އޮފީސް މީހުންތައް އުޅޭނެކަމުގައި ބުނެ އިތުރު ބަހަނާތައް ވެސް ލިއަމް ދެއްކިއެވެ. ފުރުވަން ދިއުމުގެ ޚިޔާލު މުހުސިނާމެން ދޫކޮށްލީ އެހެންވެއެވެ.

* * * * *

ފަތިސް ނަމާދުކޮށްގެން ހޭޒަލް ބަދިގެއަށް ވަދެ ކޮފީ ތަށްޓެއް ހެދިއެވެ. ހޫނުކަމުން އިހަށް ޖޯޑު ގެނެސް ކާމޭޒު މަތީ ބަހައްޓާފައި ހޭޒަލް އައިސް ވަނީ ކޮޓަރިއަށެވެ. ފަނޑުއަލިކަމުގެ ތެރެއިން ރަޖާގެ ދަށުގައި ގަދަ ނިދީގައި ލިއަމް އޮތެވެ. އޭނައަށް ހޭލެވިދާނޭތީވެ އެއްޗެހި އަޅަން ހުރި ފޮށި ހޭޒަލްގެ ދެއަތުން އުފުލާލައިގެން ކޮޓަރިން ބޭރަށް ނެރުނެވެ. އަދި އެ ފޮށްޓަށް އަޅަން ހުރި އަންނައުނުތައް ހިފައިގެން އައިސް ލިއަމްގެ ފޮށި ތައްޔާރުކުރަން ފެށިއެވެ. ހެނދުނު އެއާޕޯޓަށް ދާން ޖެހޭއިރު ފޮށްޓަށް އެއްޗެހި އެޅުންނޫން ހުރިހާކަމެއް ހޭޒަލް ހުރީ ތައްޔާރުކޮށް ނިމިފައެވެ. ފޮށްޓަށް އަޅަންޖެހޭ އަންނައުނު ވެސް އޭނާ ހުރީ ފަތްޖަހާ ތަރުތީބުން ބަހައްޓާފައެވެ. ލިއަމްއަށް ބޭނުންވާނޭ ހުރިހާ އެއްޗެއްގެ ޗެކްލިސްޓެއް ފޯނުގައި ހަދައިފައި ވެއެވެ. އެ ބަލައިގެން އޭނާ ހުރިހާ އެއްޗެއް ހަމަކޮށް ނިންމާލިއެވެ. އަދި ފޮށި އެއްކޮށް ނުލައްޕާ ބެހެއްޓީ ލިއަމްއަށް ދައްކާފައި އެކަން ކުރާށެވެ.

ހަތެއް ޖަހަންވާއިރަށް ހޭޒަލް އައިސް ލިއަމްއަށް ގޮވިއެވެ. ނިދީގައި ނުތެދުވާން އުޅެފައި ވެސް ފްލައިޓް ކަޓާނީއޭ ބުނުމުން އޭނާ އަވަހަށް ތެދުވެއްޖެއެވެ. އޭނާ ތައްޔާރުވެގެން ނުކުމެ ސައިބޯން އިންދާ ސާއިރާއާއި ރިޒްވާނުގެ އިތުރުން އާތިޝް އެގެއަށް އަތުވެއްޖެއެވެ. ލިއަމްގެ ދެއަތުން ފޮށި ލައްޕާލާފައި ފޮށި ކޮޅަށް ޖަހާލުމާއެކު ސޯފާމަތިން އޭނާގެ ބެކްޕެކް ނަގައި އެއްކޮނޑުގައި އަޅުވާލިއެވެ. އާތިޝްއަށް އޭނާ އިޝާރާތްކޮށްލީ ދާންވީކަމުގައެވެ.

"ޒެއްލު... ލެޓްސް ގޯ" ލިއަމް ގޮވާލިއެވެ. ކޮޓަރި ލައްޕާލާފައި ދުވެލާފައި ހޭޒަލް އައިސް ލިއަމްގެ ގާތުގައި ހުއްޓުނެވެ.

ރިޒްވާނުގެ ކާރުގައި އާތިޝް އެންމެން ގޮވައިގެން އެއާޕޯޓަށް އައެވެ. ލިއަމްއާ އޭނާ ސަލާމްކުރުމަށްފަހު ކާރުގައި މަޑުކޮށްލާނީ ކަމުގައި ބުންޏެވެ. ހޭޒަލްއާއެކު ސާއިރާއާއި ރިޒްވާނު ކާރުން ފޭބިއެވެ. އަނބިމީހާއާއެކު އެތެރޭގެ އުދުހުންތައް އޮންނަ ބައިގެ ޑިޕާޗާއަށް ލިއަމް ވަނެވެ. ވަގުތުކޮޅެއް އޮތުމުން އަނބިމީހާއާއެކު އޭނާ މަޑުކޮށްލިއެވެ. އެ ހުރިހާއިރު ހޭޒަލްގެ އަތުން ލިއަމް ދޫކޮށެއްނުލައެވެ. ދޭތެރެއަކުން ގާތްކޮށްލައި ހޭޒަލްގެ ބޮލުގައި ތުންފަތް ޖައްސާލައެވެ. ހިނިތުންވެފައިވާ މޫނަކާއެކު ލިއަމްއާ ހޭޒަލް ކުރިމަތިލިއެވެ. އެހެންވިޔަސް އެތެރެއަށް ވަންނަން ޖެހޭ ގަޑި ޖެހުމުން ހޭޒަލްއަށް ލިއަމްގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.

"އައި ވިލް މިސް ޔޫ" ހޭޒަލް މަޑުމަޑުން ބުނެލިއެވެ.

"އައި ލަވް ޔޫ... އެހާ ދުރަކަށްނޫނެއްނު މިދަނީ، އެކޮޅަށް ދެވުނުހާ އަވަހަކަށް ލޯބިއަށް ގުޅާނަން" ހޭޒަލްގެ ކޯތާފަތުގައި އެއްއަތުން ފިރުމާލަމުން ލިއަމް ބުންޏެވެ.

"ވަރަށް ގިނައިން ގުޅައްޗޭ" ލިއަމް ބުނި އެއްޗެއް ހޭޒަލް ތަކުރާރުކޮށްލިއެވެ.

"ޕްރޮމިސް... އައި ލަވް ޔޫ... ޔޫ އާ މައި އެވްރިތިންގް... އެންޑް ޒެއްލު... އަހަރެން ދިއުމުގެ ކުރީން ވާހަކައެއް ބުނަން އެބައޮތް" ލިއަމް ބުންޏެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން ހޭޒަލްގެ ލޯ ލިއަމްއާ އަމާޒުވެލިއެވެ.

"ދާރިއަން ގުޅިތަ؟" ލިއަމް އަހާލިއެވެ.

"މިވަގުތު އޭނާގެ ވާހަކަ ތި އެހީ ކީއްވެ؟" އެހާ ގަޔާނުވެފައި ހޭޒަލްއަށް ބުނެލެވުނެވެ.

"އޭނާގެ އޮފާއާމެދު ޒެއްލު ވަކިގޮތެއް ފައިނަލެއް ނުކުރަމެންނު، އަހަރެންނަށް ވެސް ފެންނަނީ ޒެއްލު އެ މަސައްކަތް ފަށަން، އޭރުން ކަމެއްނެތިފައި އެކަނި ގޭގައި އިނުމަށްވުރެ މަސައްކަތުގައި ވަގުތައް ދުއްވާލެވޭނެއެއްނު، ޔޫ ޝުޑް އެކްސެޕްޓް ދެޓް އޮފާ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް، އަހަރެން ނެތިއްޔާ ޒެއްލު އެކަނިވާނެކަން އެނގޭ، އެހެންވެ މިބުނީ" ލިއަމް ބުންޏެވެ. ހޭޒަލް ބޯޖަހާލުމާއެކު ލިއަމްގެ ގައިގާ ލޯބިން ބައްދާލިއެވެ. އެ ހަށިގަނޑު ލިއަމްގެ އަތުގެތެރޭ ބާރުކޮށްލިއެވެ. ހޭޒަލްގެ އިސްތަށިގަނޑުގައި ވަސްގަނެލުމާއެކު ލިއަމް ބޮސްދިނެވެ. ދެން ދުރަށް ޖެހިލައި ސާއިރާއާއި ރިޒްވާނު ހޯދާލިއެވެ. އެމީހުންނަށް އެކަން އެނގި ލިއަމްގެ ގާތަށް އައެވެ. ސަލާމް ކުރުމަށްފަހު ސާއިރާއާއި ރިޒްވާން މަޑުކޮށްލީ ހޭޒަލްގެ ގާތުގައެވެ. ފަހު ފަހަރަށް ހޭޒަލްއާ ހަތަރުކަޅި ހަމަކޮށްލުމަށްހު އޭނާގެ ނިތްކުރީގައި ލިއަމް ބޮސްދިނެވެ. އަދި ކައިރީ ހުރި ފޮށި ދަމަމުން އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

* * * * *

ލިއަމް ފުރައިގެން ދިޔަތާ ހަތަރުގަޑިއިރު ފަހުން އޭނާގެ ފޯނުކޯލެއް ހޭޒަލްއަށް ލިބުނެވެ. ސާއިރާ އެދިގެން އިރުއޮއްސުނީމާ ގެއަށްދާން މަޑުކޮށްގެން ހުރިކަމުގައި ހޭޒަލް ބުންޏެވެ. ލިއަމް ވެސް ރަށަށް އަރައި އަދި ހަމަޖެހިލެވުނީ ކަމުގައި ބުންޏެވެ. އެ ކޯލު މާ ދިގެއް ނުވިއެވެ. އެ ކޯލަކީ އޭނާއަށް ކުޅުދުއްފުއްޓަށް ސަލާމަތުން އާދެވިއްޖެކަން ހޭޒަލްއަށް އަންގާލަން ކުރި ކޯލަކަށްވީމައެވެ. އަދި ފަހުން ހަމަޖެހިގެން ގުޅާނަން ކަމަށް ލިއަމް ވަޢުދުވިއެވެ.

އިރުއޮއްސުމާ ކައިރިވީއިރު ވެސް ލިއަމްއަށް ގުޅޭ ގޮތެއްނުވިއެވެ. އެހެންނަމަވެސް ހޭޒަލް ކުރާ މެސެޖުތަކަށް އޭނާ ޖަވާބުދެއެވެ. އެކިމީހުންނާއެކު އެކި ކަންކަމުގައި އުޅެންޖެހިފައިވުމުން އެކަނިވެލާނޭ ފުރުޞަތެއް ނުލިބެނީކަމުގައި ލިއަމް ބުނެ ހޭޒަލްއަށް މެސެޖު ފޮނުވިއެވެ.

ހޭޒަލްއާއި ލިއަމް ދުރުގައި ތިބެން ޖެހުނު ފުރަތަމަ ދުވަސް ނިމިގެން ހިނގައްޖެއެވެ. ހޭޒަލްއަށް އެންމެ އުނދަގޫވީ ނިދާށެވެ. ދޭތެރެއަކުން ނުދިފައި ހޭލެވޭ ކޮންމެ ފަހަރަކު އެނދުމަތި ހޯދާލެވެނީ ލިއަމް އޮތްތޯއެވެ. އެއާއެކު އޭނާ މިވަގުތުވަނީ ހޭޒަލްއާ މާ ދުރުގައިކަން ހަށިގަނޑުގެ ހުރިހާ ޚިއްޞެއް ހަނދާންކޮށްދެއެވެ.

* * * * *

އެއް ހަފްތާ ފާއިތުވީއިރު ހޭޒަލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ފަށައިފިއެވެ. އޭނާ ދާރިއަންނަށް ގުޅީ ލިއަމް ފާޅުކުރި ޚިޔާލާ ވެސް އެކީގައެވެ. ހުރިހާ ވަގުތަކު ލިއަމްގެ ޚިޔާލުގައި ހުރުމަކީ އޭނާގެ ނަފްސުގެ ދުޅަހެޔޮކަމަށް އެކަމުން އަސަރުކުރާނޭ ކަމެއްކަން ހޭޒަލްއަށް ވިސްނުނީއެވެ.

ހޭޒަލް ރީތިވެލައިގެން ގެއިން ނުކުތީ ދާރިއަންއާ ބައްދަލުކުރަން ދާށެވެ. ފާޑަކަށް އަމިއްލަ ނަފްސަށް ކަންކަން ކުރަން މަޖުބޫރުކުރާ ފަދައިންނެވެ. އާދައިގެ ހިނގުމެއްގައި ހޭޒަލް މިސްރާބު ޖެހީ ގޭކައިރީ ހުރި ރެސްޓޯރެންޓަކަށެވެ. ދިހަ މިނެޓު ތެރޭ ހޭޒަލް އެ ހިސާބަށް ފޯރިއެވެ. ހިކިފަނުން ފަރުމާކޮށްފައިވާ އެ ރެސްޓޯރެންޓުގެ ދޮރުން ވަދެގެން އައިސް މައްޗަށް އަރަން ހުރި ސިޑިން ހޭޒަލް އެރިއެވެ. ޑެކުގެ މަތީ ހޭޒަލް މަޑުކޮށްލި ހިނދު ކަނެއްގައި ހުރި މޭޒުގެ ދޮށުން ދާރިއަން ފެނިއްޖެއެވެ. އޭނާ ވެސް ލުއި ހިނިތުންވުމަކާއެކު ވައަތުން އިޝާރާތެއް ކޮށްލިއެވެ. ހޭޒަލް ހީކުރިވަރާ ގާތަށް ވެސް އެތަނުގައި މީހުންނެއް ނެތެވެ. އެހިތްހަމަޖެހުން އޭނާއަށް ލިބުނެވެ. އަވަހަށް އައިސް ދާރިއަންގެ ކުރިމައްޗާ ވާހެން ހޭޒަލް އިށީނެވެ.

"ހާދަ އެހެން ގޮތެއްހެން ހީވެޔޭ" ހޭޒަލްއަށް ބަލާލާފައި ދާރިއަން ބުންޏެވެ.

"އެހެންތަ؟" ނޫންކަމަށް ހެދެމުން ހޭޒަލް މޫނުގައި އަތްތިލަ ހިންގާލިއެވެ.

"ކީއްވެތަ ދާރިއަން ނުގުޅީ؟" ހޭޒަލް އަހާލިއެވެ.

"ހޭޒަލް ދޯ ގުޅާނީ، ކޮންމެ އިރަކު ގުޅިޔަސް އަހަރެން ފޯނު ނަގަމެންނު، އަހަރެންނަށް އުނދަގުލެއްނުވާނެ ހޭޒަލް ގުޅައިގެން... އެކަމަކު ހޭޒަލްއަކަށް ކޮންމެ ކޮންމެ ވަގުތެއް އޯކޭއެއްނުވާނެ" ދާރިއަން ބުންޏެވެ.

"ޔާ... އައި ނޯ ވަޓް ޔޫ މީން، އަސްލު ގުޅަން ހުރީ، ކަމެއް ޖެހިގެން ފަސްކޮށްލެވުނު ގޮތަށް ހަނދާން ވެސް ނެތުނީ" ހޭޒަލް ބުންޏެވެ.

"އެކަމަކު އަހަރެން ކިތަންމެ ބިޒީ ވިޔަސް ހޭޒަލްގެ މަތިން ހަނދާނެއް ނުނެތޭ" ދާރިއަން މިހެން ބުނެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އަހަރެން ގިލްޓީ ފީލްވޭތޯ ތިބުނީ... އަސްލު ވެސް ގުޅާށޭ ހުރީ، މިއައީ ވެސް ދާރިއަންއާ ވާހަކަދައްކަންވެގެން، އެއްކަލަ އޮފާއާ މެދު" ހޭޒަލް ބުންޏެވެ.

ދާރިއަންއާ ވާހަކަދައްކަން ފެށުމުން މަޑުމަޑުން ހޭޒަލްގެ ނަފްސު ހަމައަކަށް އެޅިއްޖެއެވެ. އެކަން ދާރިއަން ވެސް ހޭޒަލްގެ ފުށުން ފާހަގަވިއެވެ. އެ ރީތި މޫނުން ފާޅުވި ނިތަނަވަސްކަން ގުޅިފައިވަނީ ކޮންކަމަކާކަން އެނގެން ދާރިއަން ބޭނުންވިއެވެ. އެހެންނަމަވެސް ހިތުގައިވީ ސުވާލުތައް ގުޅިފައިވަނީ ހޭޒަލްގެ ޒާތީ ދިރިއުޅުމާއެވެ. ލިއަމްއާއެވެ. އެއިން ސުވާލެއް ދާރިއަން ނުކުރީ އެހެންވެއެވެ. ނަމަވެސް ހިތް އެދެމުންދިޔައީ ހޭޒަލް އަމިއްލައަށް އެ ނުތަނަވަސްކަމާ ގުޅިފައިވާކަމެއް ދާރިއަންގެ ގާތުގައި ހާމަކުރާނެނަމައެވެ.

ދެގަޑިއިރު ވެގެން ދިޔައިރު ވެސް ހޭޒަލް އެނބުރި ގެއަށްދާން ނޫޅޭތީ އެކަން ދާރިއަންއަށް ފާހަގިއެވެ. އޭނާ ވެސް ހޭޒަލް ފޮނުވާލާކަށް ބޭނުމެއްނޫނެވެ. އޭނާގެ ގާތުގައި ހޭޒަލް އިންނާނެ ހަމައެކަނި ގޮތަކީ އެއީކަން ދާރިއަންއަށް ޔަގީންވެއެވެ. ނަމަވެސް ހޭޒަލްގެ ފޯނަށް އައި މެސެޖަކާއެކު އޭނާގެ ސަމާލުކަން ދާރިއަންނަށް ގެއްލިއްޖެއެވެ. ކުއްލިއަކަށް ހޭޒަލްގެ ނަޒަރު ދާރިއަންއަށް ހުއްޓުނު ގޮތަށް އޭނާ ގެއަށް ދާންޖެހިއްޖެ ކަމުގައި ބުންޏެވެ. ހިތްހަމަނުޖެހުނު ނަމަވެސް އެ އަސަރެއް ދާރިއަން ފާޅެއްނުކުރިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލީއެވެ. ހޭޒަލް އޭނާގެ ވޮލެޓުން ބިލުގެ އެއްބަޔަށްވާވަރަށް ފައިސާ ނަގައި މޭޒުމަތީ ބާއްވަން އުޅުނު ހިނދު އޭނާގެ އަތުގައި ދާރިއަން ހިފިއެވެ.

"ޕްލީޒް... އަހަރެމެން ބައްދަލުވާއިރު ހޭޒަލް ކީއްވެތަ ތިހެން ތިހަދަނީ" ދާރިއަންގެ ހިތުގައިވީ އެހެން އެއްޗެކެވެ. ނަމަވެސް ހޭޒަލްއަށް ފަހުމްވީ މުޅިން ތަފާތު ގޮތަކަށެވެ.

"ލުކް ބަޑީ... ފްރެންޑްޝިޕްގަ ދެ މީހުން ވެސް ވާނީ އެއްވަރު، އަބަދު ދާރިއަން އަތުން ކޮފީ ބޯން ދެޓްސް ނޮޓް ފެއާ ދޯ... އަހަންނަށް އޯކޭ މި ލާރީގަ ދާރިއަން ހިފާފަ ދާރިއަންގެ ވޮލެޓުގައި ހުރި ފައިސާއިން ބިލު ދެއްކިޔަސް" ހޭޒަލް ހީނލިއެވެ. އަދި އަނެއްއަތުން މަޑުމަޑުން ދާރިއަންގެ އަތް ނައްޓުވާލައި މޭޒުމަތީ ފައިސާ ބަހައްޓާފައި ހޭޒަލް ހަލުވިކޮށް އެތަނުން ހިނގައްޖެއެވެ. މޭޒުމަތީ ހުރި ފައިސާއަށް ބަލަން އިނދެފައި ދާރިއަން އެ ނެގިއެވެ. މަޑުމަޑުން ފިރުމާލާފައި ގެނެސް ނޭފަތާ ކައިރިކޮށްލިއެވެ. އެއިން ހޭޒަލްގެ ގައިން ދުވާ މީރު ވަސް ހަރުލާފައި ހުރެދާނޭ ދާރިއަންއަށް ހީވެގެންނެވެ.

"ވައި... ވައި ހާ" ނިތްކުރީގައި މުއްކަވާލެވުނު ދެއަތްތިލަ ޖައްސާލައި ދެ ލޯ މަރާލަމުން ދާރިއަން އޭނާގެ އަމިއްލަ ހިތާ ސުވާލުކުރިއެވެ.

* * * * *

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނުނިދިފައި ހޭޒަލް އޮތީ ފޭސްބުކްއަށް ވަދެއެވެ. ލިއަމް ވެސް ވާހަކަދައްކާލާފައި ނިދި އަތުވެއްޖެކަމަށް ބުނެ ފޯނު ކަނޑާލީ އެހެން ރޭރެއަށްވުރެ މާ އަވަހަށެވެ. ފާޑަކަށް ފޫހިވެފައި އޮވެފައި ހޭޒަލް ތެދުވެ ފޯނު ހިފައިގެން ސިޓިންރޫމަށް ނުކުތެވެ. ސޯފާއަށް އަރާ ޓީވީ ހުޅުވާލުމާއެކު މުޅިތަން އަލިވެއްޖެއެވެ. އެހިނދު ކޮފީމޭޒުމަތީ ހުރި ގަލަން ޖެހި ފުޅީގައިވި އެޑްރެސް ކާޑު ހޭޒަލްގެ ލޮލުގައި އަޅައިގަތެވެ. ކަނާއަތް އެ ދިމާއަށް ދަމާލުމާއެކު އޭނާ އެ ކާޑުކޮޅު ނަގައިފިއެވެ.

"ސައިފް..." އިރުކޮޅަކު ކާޑުކޮޅަށް ގެއްލިފައި އިނދެފައި ހޭޒަލް ބުންޏެވެ. އަދި އަލުން ކޮފީ މޭޒުމަތީ އެ ކާޑުކޮޅު ބާއްވާފައި ހޭޒަލް ފޯނުން ފޭސްބުކްއަށް ވަދެއްޖެއެވެ. ބްލޮކްކޮށްލާފައި ހުރި ލިސްޓު ބަލާލައި އެތަނުން ސައިފްގެ ނަން ފެނި އޭނާ ވަގުތުކޮޅަކަށް މަޑުޖެހިލިއެވެ. ވިސްނާލާ ފަދައިންނެވެ. ދެ ޚިޔާލެއްގައި އިނދެ ވެސް ހޭޒަލްގެ ޝަހާދަތް އިނގިލި "އަންބްލޮކް" ކޮށްލުމަށް ފޯނުގެ އިސްކުރީނުގައި ޖައްސާލައިފިއެވެ. ސިކުނޑިއާއި ހިތަށް އެރި އެއްޗެހިން ހޭޒަލްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. މިކުރެވުނީ ރަނގަޅުކަމެއްބާއޭ އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ. (ނުނިމޭ)