ހަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ނުލިބޭތީ މަޖިލީހަށް ގަރާރެއް

Sep 8, 2019

މޫސުމަށް އަންނަ ބަދަލުތަކާ ހެދި ލިބެމުންދާ ގެއްލުން ބޮޑުވެފައިވީ ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދަން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ހޯރަދުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ދުވަހުން ދުވަަހަށް ގޯސްވަމުންދާ ކަމަށް ސައިންސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުންދާ ކަމަށާއި އޭގެ ސަބަބުން ދުނިޔެއަށް އިގްތިސޯދީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ.

ހާއްސަކޮށް ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތައް ދެމި އޮތުމަށް ނުރައްކާވާނެ ކަން ސާފުކޮށް އެނގޭ ކަމަށާއި ނަމަވެސް އެކަމަށް މެދުވެރިވާ ގޭސްތައް އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުން އެކަން މަދު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

"... މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އަދި ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ސަލާމަތް ކުރުމަށް ލިބިފައި އޮތް ހަނި ފުރުސަތު އިތުރަށް ހަނިވަަމުން ދަނީ،" ގަރާރުގައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ހާމަކޮށް ދިނުމަށް ހުރިހާ ފެންވަރެއްގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށް އެ ގަރާރުގައިވެ އެވެ.

ގަރާރުގައި ހިމެނޭ ކަންކަން

  • އިއާދަކުރަނިވި ހަކަތަ އުފައްދަން ބޮޑެތި ގައުމުތަކުން ހޭދަ ކުރަން ރާއްޖެ ވަކާލާތު ކުރުން
  • ޖައްވަށް ދާ ކާބަން މަދު ކުރުމަށް ގޮވާލާ ވަކާލާތު ކުރުން
  • 2050 ގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރި ކުރަން ވަކާލާތު ކުރުން
  • ޕެރިސް އެގްރީމަންޓާ ހިލާާފަށް އަމަލުކުރާ ގައުމުތަކަށް ފިޔަވަޅު އަޅަން ވަކާލާތު ކުރުން

މަޖިލީހަށް މި ގަރާރު ހުށަހަޅާފައިވާ އިރު އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މިއަދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ސުވިޒަލެންޑަށް ފުރާވަޑައިގެންފަ އެވެ.