އަލަށް ކާން ފަށާ ތުއްތު ކުއްޖާގެ ކާނާއާއި ސްކޫލަށް ދާ ކުދީންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދޭން އެ ކަން ފުރިހަމަ ކުރުމަށް ދަނޑުވެރިކަމުގެ ނިޒާމުގެ ތެރެއިން ކާނާގެ ދުޅަހެޔޮކަން އިތުރުކޮށް އެ ކަމަށް ބާރު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މާފަންނު މެދު ދާާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގައި ސްކޫލަށް ދާ ކުދިންގެ އާބާދީއަކީ 80000 ކަމަށާއި އެ ކުދީންނަށް ބޭނުންވާ ދުޅަހެޔޮ ކާނާ އުފެއްދުމަށް 1700 ހެކްޓަރުގެ ބިން ބޭނުންވާ ކަމަށެވެ. އެއީ ރާއްޖޭގެ ހިކިފަސް ބިމުގެ ގާތްގަނޑަކަށް ނުވަ ޕަސެންޓެވެ.
އަހަރު ފުރިހަމަނުވާ ތުއްތު ކުދިންނަށް ލިބިދޭން ޖެހޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ކާނާ ދިނުމަށް 160 ހެކްޓަރުގެ ބިން ބޭނުންވާ ކަމަށް އެ ގަރާރުގައިވެ އެވެ. އެ ގޮތުން އެ އުމުރުފުރާގެ އާބާދީއަކީ ގާތްގަނޑަކަށް 8000 ކަމަށް ވެސް އެ ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.
ދަނޑުވެރިކަން ފުޅާކޮށް ރަނގަޅު ކާނާ އުފެއްދުމަށްޓަކައި ހަތް ކަމެއް ކުރުމަށް ގަރާރުގައި ގޮވާލައިފަ އެވެ. އޭގެ ތެރެއިން ދައުލަތުގެ ބަޖެޓްގެ ދެ ޕަސެންޓް ދަނޑުވެރިކަން ތަރައްގީ ކުރަން ކަނޑައެޅުން ހިމެނެ އެވެ. މިހާރު ދަނޑުވެރިކަމަށް ދޫކުރަނީ ދައުލަތުގެ ބަޖެޓްގެ 0.8 ޕަސެންޓެވެ.
އޭގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ އިތުރު ބިން ހަމަޖެއްސުމަށާއި ދަނޑުވެރިކަމުގެ ދާއިރާއަށް ގިނަ ޒުވާނުން ތަމްރީން ކުރުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި ރާއްޖޭގެ ތައުލީމީގެ ނިޒާމުގެ ތެރެއަށް ދަނޑުވެރިކަމުގެ ކަންކަން ގެނައުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
ގަރާރުގައި ކުރުމަށް ގޮވާލާފައިވާ ކަންތައް
- ދަނޑުވެރިކަމުގެ ބަޖެޓް ބޮޑު ކުރަން ބަޖެޓްގެ 2 ޕަސެންޓް ދަނޑުވެރިކަމަށް ކަނޑައެޅުން
- ދަނޑުވެރިކަމަށް ކަމުދާ 60 ރަށެއް ބަލައި ދަނޑުވެރިއަކަށް 0.17 ހެކްޓަރުގެ ބިން ދޫކުރުން
- ފެން ރައްކާ ކުރެވޭނެ މަގު ހޯދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެނުގެ އިސްރާފު ކުޑަކޮށް ބޭނުން ކުރުން
- ހަ އަހަރުގެ ތެރޭގައި ދަނޑުވެރިކަމުގެ އެކި ދާއިރާތަކަށް 250 ޒުވާނުން ތަމްރީން ކުރުން
- ބަލިތައް ކޮންޓްރޯލް ކުރެވޭނެ ގޮތާއި މޫސުމީ ކަންކަމަށް ދަނޑުވެރިން އަހުލުވެރި ކުރުން
- ސާނަވީ ތައުލީމަށް ދަނޑުވެރިކަން ތައާރަފުކޮށް، ލ. އަތޮޅުގައި ދަނޑުވެރިކަމުގެ ކޮލެެޖެއް އެޅުން
- ދަނޑުވެރިންގެ ދަފުތަރެއް އެކުލަވައި ދަނޑުވެރިންނަށް ޕެންޝަން ސްކީމެއް ތައާރަފު ކުރުން
ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ޕްރައިމަރީ ސިނާއަތްތަކުގެ ހާލަތަށް ބަލައި ދަނޑުވެރިން ބިންވެރި ކުރުމަކީ އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަންތައް ކަމަށް ގަރާރުގައިވެ އެވެ. ދަނޑުވެރިން ބިންވެރިކޮށް ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކުރުމުން ފެންވަރު ރަނގަޅު ކާނާ އުފައްދައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ކަމަށް އެ ގަރާރުގައިވެ އެވެ.