ހަބަރު

މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ

Sep 8, 2019
1

މުސާރައިގެ އާ އޮނިގަނޑު ނިންމައި، އަންނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރާ މުސާރައިގެ އޮނިގަނޑާބެހޭ ގޮތުން ޕޭ ކޮމިޝަނުން ދިރާސާ ތަކެއް ކޮށްފައިވާ ކަމަށާ، އެ ކޮމިޝަންގެ ދިރާސާގެ އަލީގައި ބައިނަލްއަގުވާމީ "ބެސްޓް ޕްރެކްޓިސް" އަށް ރިއާޔަތްކޮށް ދައުލަތުގައި ހިމެނޭ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ނޭޝަނަލް ޕޭމިޝަނުން ދައުލަތުގެ އިދާރާތައް ގްރޫޕު ކުރުމަށްފަހު އެކުލަވާލައިފައިވާ "މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް" ވެބްސައިޓުގައި އާއްމުކޮށްފައިވާނެ ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފުންނަށް މިހާރުދޭ އެލަވަންސްތައް އެއް ހަމަކުރުމުގެ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޭ ކޮމިޝަނުން މި އަހަރުގެ މެއި މަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ މާހިރުންގެ އެހީގައި ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގެނެވިފައިވާ ކަމަށާ، މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޝަނުން ގިނަ މަސައްކަތްތަކާއި ދިރާސާ ތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ.