ރިލްވާން ރިޕޯޓް

ރިލްވާންގެ މައްސަލަ: ކޮމިޝަންގެ މެންބަރުން ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ރިޔާސީ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރީ ރިލްވާން ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އެ ކޮމިޓީ ބައްދަލުވުން ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނިންމަނީ ކޮމިޓީގެ މެންބަރުން އެ ގޮތަށް ވޯޓު ދީގެން ފާސް ކޮށްގެނެވެ.

ނަވަރާވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ރިލްވާންގެ ރިޕޯޓް ދިރާސާ ކުރުމަށް 241 ކޮމިޓީގެ މަސައްކަތް ދަނީ ޗުއްޓީ ދުވަސްވަރު ވެސް ކުރަމުންނެވެ. އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ވެސް އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުން ވެސް ވަނީ ސިއްރު ކޮށްފަ އެވެ.

ރިލްވާނު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފަ އެވެ.

ނަމަވެސް ފަހުން ފުލުހުން ބުނީ އެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އެ ކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސް ރޭ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން ރިލްވާންގެ މައްސަލަ ތަހުގީގު ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެން ވަނީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށެވެ.

ރިލްވާން މައްސަލައިގެ ތަހުގީގު ހިންގީ އެ ކޮމިޝަނުން ކަމަށާއި އެ ތަހުގީގަކީ ފުލުހުން ހިންގާފައިވާ ތަހުގީގަކަށް ނުވުމުން، އެ ތަހުގީގުގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ހައްޔަރު އަމުރު ހޯދަން އެދުމުގެ ބާރު އެ މައްސަލައިގައި ނެތް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.