ހަބަރު

މިނިސްޓަރު ނަހުލާ، ރާޖަޕަކްސަ އަރިހަށް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ސްރީލަންގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މަހިންދަރާޖަޕަކްސާއާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ނަހުލާއާއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގެ ފޮޓޯއަކާއެކު، ސްރީލަންކާގެ އިދިކޮޅު ލީޑަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހިކުުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދެ ބޭފުޅުން ކުރެއްވި މަޝްވަރާގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މި ބައްދަލްވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވެސް ބައިވެރިވެވައިގެންނެވި އެވެ.

ރާއްޖެއާ ލަންކާއަކީ އަބަދުވެސް ގުޅުން ރަނގަޅު ދެ ގައުމެވެ. ދެ ގައުމުގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެއްބާރުލުން ދިނުމާ އެހީތެރިކަން ފޯރުކޮށްދިނުން އެއްގޮތެއްގައި ދެމި އޮވެއެވެ. މީގެ އިތުރުން ރާއްޖޭގެ އިދިކޮޅު ލީޑަރުންނަށް އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ދޭ އެއް ގައުމަކީ ލަންކާއެވެ.

ލަންކާގެ އާންމު އިންތިޚާބު ބޯމަތިވަމުން އަންނައިރު، އެ ގައުމުގައި ދެން ބޮޑުވަޒީރުކަން ކުރައްވާނީ އިދިކޮޅު ލީޑަރު މަހިންދަރާޖަޕަކްސާ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި ވެއެވެ.