ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ފިރިހެން މީހާ އިމިގްރޭޝަނުން ހިފަހެއްޓީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އެއީ ކޮން ގައުމަކުން ރާއްޖެ އައި މީހެއް ކަމެއް އިމިގްރޭޝަނުން އަދި ބުނެފައެއް ނުވެ އެވެ. އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިޔުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.